އިންޑިއާގެ އެންމެ މަގުބޫލު އަންހެން ޑައިރެކްޓަރުންގެ ތެރޭ ހިމެނޭ މެގްނާ ގުލްޒާރު ގެނެސްދޭ ފިލްމު 'ދާއިރާ"ގެ ޝޫޓިން ރަސްމީކޮށް އިއްޔެ ފަށައިފިއެވެ.
ޖަންގްލީ ޕިކްޗާސްއާއި ޕެން ސްޓޫޑިއޯ ގުޅިގެން ގެނެސްދޭ މި ފިލްމަކީ ބޮލީވުޑާއި ސައުތު ސިނަމާގެ ގުޅުން އިހުނަށްވުރެ ބަދަހިކުރުމުގެ ފުރުސަތު ފަހިވާނެ ފިލްމެއްގެ ގޮތުގައި ގިނަ ބަޔަކު ވަނީ ސިފަކޮށްފައެވެ.
ސަބަބަކީ މި ފިލްމުގެ ލީޑް ތަރިންގެ ގޮތުގައި ބޮލީވުޑް ބަތަލާ ކަރީނާ ކަޕޫރު ޚާން އަދި ސައުތު އެކްޓަރު ޕްރިތުވީރާޖް ސުކުމަރަން ފެންނާނެކަން އިއުލާނުކޮށްފައިވުމެވެ. ވަރަށް ވަރުގަދަ ތުރިލާއެއް ކަމަށްވާ "ދާއިރާ" އަކީ ކަރީނާއާއި ޕްރިތުވީ އެކީގައި ފުރަތަމަ ފަހަރަށް މަސައްކަތްކުރާ ފިލްމެވެ.
ފިލްމުގައި ޕްރިތުވީ ފެންނާނީ ވަރަށް ޒިންމާދާރު ފުލުސް އޮފިސަރެއްގެ ރޯލުންނެވެ. މި ފިލްމު ގެނެސްދޭ ޖަންގްލީ ޕިކްޗާސްއިން މިހާތަނަށް އުފައްދާފައިވާ މަގުބޫލު ފިލްމުތަކުގެ ތެރޭ "ރާޒީ"، "ތަލްވާރު" އަދި "ބަދާއީ ދޯ" ހިމެނެއެވެ. އަދި ޕެން ސްޓޫޑިއޯއިން މަސައްކަތްކޮށް ބެލުންތެރިންނަށް ގެނެސްދިން ފިލްމުތަކުގެތެރޭ "އާރްއާރްއާރް" އަދި "ގަންގޫބާއި" ހިމެނެއެވެ.

ކަރީނާ ސައުތު އެކްޓަރު ޕްރިތުވީރާޖް އަދި ޑައިރެކްޓަރު މޭގްނާ ގުލްޒާރުއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ
އެހެންކަމުން މި ދެ ޕްރޮޑަކްޝަން ކުންފުނި ގުޅިގެން ގެނެސްދޭ "ދާއިރާ"އަކީ ވަރަށް ވަރުގަދަ ފިލްމަކަށްވާނެ ކަމަށާއި ފިލްމަށް ވަރަށް ބޮޑަށް އިންތިޒާރު ކުރެވޭ ކަމަށް ބެލުންތެރިން ވަނީ ބުނެފައެވެ.
މި އަހަރުގެ އޭޕްރިލް މަހުތެރޭ އިއުލާނުކުރި ފިލްމު "ދާއިރާ" ބެލުންތެރިންނަށް ގެނެސްދޭނެ ކަމަށް ލަފާކުރެވެނީ އަންނަ އަހަރެވެ. ނަމަވެސް، ފިލްމު ސިނަމާތަކަށް ގެނެސްދޭނެ ވަކި ތާރީޚެއް މިހާތަނަށް އިއުލާނުކޮށްފައެއްނުވެއެވެ.
ބަތަލާ ކަރީނާ ކަޕޫރު އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "ސިންގްހަމް އަގެއިން" އިންނެވެ. އަދި، ސައުތު އެކްޓަރު ޕްރިތުވީރާޖްގެ އެންމެ ފަހުން ރިލީޒްކުރި ފިލްމުތަކުގެ ތެރޭ "ސަރުޒަމީން" އަދި "އެލް2 : އެމްޕުރާން" ހިމެނެއެވެ.