ޔޫޓިއުބުން އުމުރު ދެނެގަތުމަށް ބޭނުންކުރާ ނިޒާމު އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފުޅާކޮށް، ބައެއް އެކައުންޓުތަކަށް ހުރަސްތައް އިތުރުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި އެ މީހުންގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ޔޫޓިއުބުން މި އުމުރު ދެނެގަތުމުގެ ނިޒާމު ފުރަތަމަ ތައާރަފުކުރީ މިދިޔަ ޖުލައި މަހެވެ. މި ނިޒާމުން ބޭނުންކުރަނީ ޔޫޒަރުންގެ އަމަލުތައް ދިރާސާކޮށް، އެ މީހުންގެ އުމުރު 18 އަހަރުން މަތީގެ މީހެއްތޯ ނުވަތަ ކުޑަކުއްޖެއްތޯ ދެނެގަތުމަށެވެ. ޔޫޒަރަކީ ކުޑަކުއްޖެއް ކަމަށް މި ނިޒާމުން ދެނެގެންފިނަމަ، އެ އެކައުންޓަށް ވަރަށް ގިނަ ހުރަސްތައް ކުރިމަތިވެއެވެ. މިދިޔަ ބުދަ ދުވަހު ގިނަ ބަޔަކު ވަނީ އެ މީހުންގެ އެކައުންޓުތައް ކުޑަކުދިންގެ އެކައުންޓުތަކަށް ބަދަލުވެފައިވާ ކަމަށް ބުނެފައެވެ.

ކުޑަކުއްޖެެއްގެ ގޮތުގައި ޔޫޓިއުބުން ބަލައިގެންފިނަމަ މިފަދަ ޕޮޕްއަޕް މެސެޖްތައް ފެންނާނެ ---
ޔޫޓިއުބުން ބުނާ ގޮތުގައި މި ނިޒާމުގެ ސަބަބުން އެކައުންޓެއް ކުޑަކުއްޖެއްގެ އެކައުންޓެއް ކަމަށް ދެނެގެންފިނަމަ، އެ އެކައުންޓަށް ތަފާތު ހުރަސްތަކެއް ކުރިމަތިވާނެއެވެ. މި ހުރަސްތަކުގެ ތެރޭގައި އުމުރާ ނުގުޅޭގޮތަށް ހުންނަ ވީޑިއޯތައް ބެލުން މަނާވުން، ވީޑިއޯ ރެކޮމެންޑޭޝަންތައް އުމުރާ ގުޅޭ ގޮތަށް ބަދަލުވުން، އެޑްތައް ޕާސަނަލައިޒް ނުވުން، ޑިޖިޓަލް ވެލްބީއިން ޓޫލްސް އޮޓޯމެޓިކުން އެނެބަލްވުން، އަދި ވީޑިއޯ އަޕްލޯޑްކުރާއިރު ޑިފޯލްޓުން ޕްރައިވެޓްކޮށް ހުރުން ހިމެނެއެވެ.
ޔޫޓިއުބުން ބުނާ ގޮތުގައި މި ނިޒާމުން އުމުރު ދެނެގަތުމުގައި ގޯސްތަކެއް ހެދިދާނެއެވެ. އެކައުންޓެއް ކުޑަކުއްޖެއްގެ އެކައުންޓެއް ކަމަށް ގޯސްކޮށް ދެނެގެންފިނަމަ، ޔޫޒަރުންނަށް އެ މީހުންގެ އުމުރު ވެރިފައިކުރުމުގެ ފުރުސަތު ލިބޭނެއެވެ. މިއީ ފޮޓޯޖެހި ރަސްމީ އައިޑީ ކާޑެއް ހުށަހެޅުމުން، ނުވަތަ ސެލްފީއެއް އަޕްލޯޑްކުރުމުން، ނުވަތަ ކްރެޑިޓް ކާޑުގެ ތަފުސީލުތައް ހިމެނުމުން ކުރެވޭނެ ކަމެކެވެ. މިކަން ނުކުރެވިއްޖެނަމަ، އެ އެކައުންޓަށް ހުރަސްތައް ދެމިހުންނާނެއެވެ.
މި ނިޒާމުގެ ސަބަބުން ގިނަ ޔޫޒަރުން އެ މީހުންގެ އެކައުންޓުތައް ކުޑަކުދިންގެ އެކައުންޓުތަކަށް ބަދަލުވެފައިވާ ކަމަށް ބުނެފައިވާއިރު، ރެޑިޓްގެ ޔޫޓިއުބް ސަބްރެޑިޓްގައި ގިނަ ޔޫޒަރުން ވަނީ އެ މީހުން ބޮޑެތި މީހުންކަން ޔޫޓިއުބަށް ވެރިފައި ނުކުރެވުމުން އެކައުންޓުތަކުގެ ސެޓިންސް ބަދަލުވެފައިވާ ކަމަށް ބުނެ، ޕޮޕް-އަޕް މެސެޖުތައް ފެންނަ ކަމަށް ބުނެފައެވެ.
ޔޫޓިއުބުން މި ނިޒާމު ތައާރަފުކުރީ ބޮޑެތި މީހުންނަށް ޚާއްސަ ކޮންޓެންޓާއި އެޑްތަކުން ކުޑަކުދިންނާއި ފުރާވަރުކުދިން ރައްކާތެރި ކުރުމަށެވެ. ނަމަވެސް، ޔޫޒަރުންގެ އަމަލުތައް ބަލައިގެން އުމުރު ދެނެގަތުމުގެ މި ނިޒާމަކީ ގިނަ ބަޔަކަށް ކަންބޮޑުވުންތަކެއް ކުރިމަތިކުރުވާ ކަމެއް ކަމަށް ވެއެވެ.