އެންޑްރޮއިޑް ފޯނުތަކަށް ޚާއްޞަ "ގޫގުލް މެސެޖްސް" އެޕްގައި، ސެންސިޓިވް ވީޑިއޯތަކާއި އެފަދަ ކޮންޓެންޓް ތަކެއް ހުރިނަމަ އިންޒާރުދޭ ފީޗާއެއް ތަޢާރަފްކޮށްފިއެވެ.
ގޫގުލް މެސެޖްސް ބޭނުންކުރާ ފަރާތްތަކަށް އާ ސަލާމަތީ ފީޗާއެއް ތަޢާރަފްކޮށްފައިވާކަން ގޫގުލް އިން ހާމަކޮށްފައިވާއިރު، މި ފީޗާގެ ސަބަބުން، ވީޑިއޯތަކުގައި ހިމެނޭ ނުރަނގަޅު މަންޒަރުތައް ނުވަތަ ބޮޑެތި މީހުންނަށް ޚާއްސަ ކޮންޓެންޓް ހުރިނަމަ، އެ ވީޑިއޯތައް ހުޅުވުމުގެ ކުރިން އިންޒާރެއް ދޭނެއެވެ. މިގޮތުން، އެފަދަ ވީޑިއޯތައް އޮޓޮމެޓިކުން ބްލާ ކޮށްލާނެއެވެ. މީގެ ސަބަބުން ބޭނުން ނުވާ ވީޑިއޯތައް ބެލުމުގެ ކުރިން ފޮހެލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި އަޕްޑޭޓަކީ އޮކްޓޯބަރު 2025 ގެ ޕްލޭ ސާވިސަސް އަޕްޑޭޓް (v25.39) އާއެކު ތަޢާރަފްކުރެވުނު ފީޗާއެކެވެ. މި ފީޗާގެ އެންމެ މުހިންމު އެއް ކަމަކީ، ކޮންޓެންޓް ދެނެގަތުމުގެ މަސައްކަތް ހިންގަނީ ބޭނުންކުރާ ފޯނުގައި ކަމަށްވުމެވެ. އެހެންކަމުން، އެއްވެސް މީޑިއާއެއް ގޫގުލްގެ ސާވާތަކަށް އަޕްލޯޑް ނުކުރެވޭނެތީ، ބޭނުންކުރާ ފަރާތްތަކުގެ ޕްރައިވެސީ ރައްކާތެރިކޮށްދެއެވެ. މިކަން ހިންގުމަށް ބޭނުންކުރަނީ އެންޑްރޮއިޑް ފްރޭމްވޯކެއް ކަމަށްވާ ސޭފްޓީކޯ ކިޔާ ޚާއްޞަ ޓެކްނޮލޮޖީއެކެވެ.
އެޕަލްގެ އައިމެސެޖްގައި ހިމެނޭ ކޮމިއުނިކޭޝަން ސޭފްޓީ ފީޗާއާ ޚިލާފަށް، ގޫގުލްގެ މި ނިޒާމަކީ ހަމައެކަނި ކުޑަކުދިންނަށް ޚާއްސަ އެއްޗެއް ނޫނެވެ. ބޮޑެތި މީހުންނާއި ޒުވާނުންނަށް ވެސް މި ފީޗާގެ ފައިދާ ލިބިގެންދާނެއެވެ. އަދި އުމުރާ ގުޅޭ ގޮތުން ސެޓިންގްސް އޮޓޮމެޓިކުން ބަދަލުކުރެވޭނެއެވެ.
މި ފީޗާގެ ސަބަބުން ގޫގުލް މެސެޖްސް ބޭނުންކުރާ ފަރާތްތަކަށް އިތުރު ސަލާމަތާއި ރައްކާތެރިކަން ލިބިގެންދާނެކަމަށް ގޫގުލްއިން ބުނެއެވެ.
މިފަހަކަށް އައިސް ޑިޖިޓަލް މެސެޖިން ޕްލެޓްފޯމްތަކުގައި ޔޫޒަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ މުހިއްމު ކަމަކަށް ވެފައިވެއެވެ. ޚާއްސަކޮށް، ބޮޑެތި މީހުންނަށް ޚާއްސަ ކޮންޓެންޓް ނުވަތަ ޖިންސީ ފުރައްސާރަ ފަދަ ކަންކަން ފެތުރިގެންދާ މިންވަރު އިތުރުވުމަކީ ކަންބޮޑުވާ ކަމެކެވެ. މިކަމުގެ ސަބަބުން، ޓެކްނޮލޮޖީ ކުންފުނިތަކުން ދަނީ އެފަދަ ކޮންޓެންޓް ދެނެގަނެ، ޔޫޒަރުންނަށް އިންޒާރު ދިނުމުގެ ފީޗާތައް ތަޢާރަފްކުރަމުންނެވެ.
އެޕަލްގެ އައިމެސެޖްގައި ހިމެނޭ "ކޮމިއުނިކޭޝަން ސޭފްޓީ" ފީޗާއަކީ މިފަދަ އެއް މިސާލެވެ. ނަމަވެސް އެޕަލްގެ މި ނިޒާމު ޚާއްސަވެފައިވަނީ ކުޑަކުދިންނަށް ކަމަށްވާއިރު، ގޫގުލްގެ އާ ފީޗާއަކީ ހުރިހާ އުމުރުފުރައެއްގެ ބޭފުޅުންނަށް ވެސް ފައިދާކުރަނިވި ގޮތަކަށް ފަރުމާކުރެވިފައިވާ އެއްޗެކެވެ. މިފަދަ ފީޗާތަކުގެ އެންމެ ބޮޑު އެއް ފައިދާއަކީ ޔޫޒަރުންގެ ޕްރައިވެސީ ރައްކާތެރިކުރުމަށްޓަކައި އެފަދަ ވީޑިއޯ ގޫގުލްގެ ސާވާތަކަށް އަޕްލޯޑް ނުކުރެވޭނެކަން ކަށަވަރުކުރުމެވެ.