ގޫގުލްގެ ސްމާޓް ޑިވައިސްތަކަށް ޖެމިނައި ތައާރަފްކުރުމަށްފަހު، 2026 ވަނަ އަހަރު, ގޫގުލް ހޯމް ސްޕީކަރެއް ނެރެން ތައްޔާރުވެއްޖެކަމަށް ރިޕޯޓްތައް ބުނެފިއެވެ.
މި ސްޕީކަރުގެ އަގު 99.99 ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވެއެވެ.
ގޫގުލްގެ މައުލޫމާތު ގެނެސްދޭ 9ޓު5ގޫގުލް.ކޮމްގެ ރިޕޯޓެއްގައި ބުނެފައިވާގޮތުގައި މި އާ ގޫގުލް ހޯމް ސްޕީކަރަކީ ޚާއްސަކޮށް ޖެމިނައިއަށް އަމާޒުކޮށްގެން ހަދާފައިވާ ޑިވައިސްއެކެވެ. ޖެމިނައިގެ އެޑްވާންސްޑް އޭއައިއަށް ބޭނުންވާ ސްޕީޑްގައި މަސައްކަތްކުރުމަށް ޚާއްސަ ޕްރޮސެސިން ޗިޕްތަކެއް މި ސްޕީކަރުގައި ހިމެނެއެވެ. މީގެ ސަބަބުން ޖެމިނައި ލައިވް ފަދަ ފީޗާސްތައް ބޭނުންކުރުމަށް ފަސޭހަވާނެއެވެ.
އެ ރިޕޯޓްގައި ބުނެފައިވާގޮތުން 2020 ވަނަ އަހަރުގެ ފަހުން ގޫގުލްއިން ނެރޭ ފުރަތަމަ ސްޕީކަރުގައި 360 ޑިގްރީގެ ބެލެންސްޑް އޯޑިއޯއެއް ލިބިގެންދާނެއެވެ. ސްޕީކަރުގެ ތިރީގައި ލައިޓް ރިންގްއެއް ހުންނާނެއެވެ. މިއީ ޖެމިނައި އަޑުއަހާ، ވިސްނާ، ޖަވާބުދޭ ނުވަތަ ޖެމިނައި ލައިވް މޯޑުގައި ހުންނަ ވަގުތުތައް ދައްކުވައިދޭނެ ނިޝާނެކެވެ. އަބަދުވެސް ހުންނަ ގޮތަށް މައިކްރޯފޯން މިއުޓްކުރުމަށް ފިޒިކަލް ސްވިޗެއް ވެސް ހުންނާނެއެވެ. އަދި ޑޯމް ބައްޓަމެއްގައި ހުންނަ މި ސްޕީކަރުގެ ފަރުމާގައި "3ޑީ ނިޓިން ޕްރޮސެސް" އެއް ބޭނުންކޮށްފައިވެއެވެ.
މި ސްޕީކަރުގެ ދެ ޔުނިޓް ގޫގުލް ޓީވީ ސްޓްރީމާއާ ގުޅުވައިގެން ހޯމް ތިއޭޓަރު ސިސްޓަމެއްގެ ގޮތުގައި ބޭނުންކުރެވޭނެއެވެ. އަދި މިހާރު ހުރި ނެސްޓް ސްޕީކަރުތަކާ ގުޅުވައިގެން މަލްޓި-ރޫމް އޯޑިއޯއަށް ވެސް ބޭނުންކުރެވޭނެއެވެ.

ގޫގުލް ހޯމް ސްޕީކަރު ލިބެން ހުންނާނީ ބެރީ (ގުލާބީ/ރަތް)، ހޭޒަލް (ކަޅު/އަޅި)، ޖޭޑް (ފެހި)، އަދި ޕޯސެލެއިން (ބީޖް/ހުދު) މި ކުލަތަކުންނެވެ.
މި ސްޕީކަރ 2026 ވަނަ އަހަރުގެ ކުރީކޮޅުގައި 19 ގައުމެއްގައި ތައާރަފްކުރެވޭނެކަމަށް ގޫގުލުއާ ހަވާލާދީ 9ޓު5ގޫގުލް ވެބްސައިޓްގައި ބުނެފައިވެއެވެ. އެ ގައުމުތަކަކީ: ޔުނައިޓެޑް ސްޓޭޓްސް (އެމެރިކާ)، ކެނެޑާ، އިނގިރޭސިވިލާތް، އަޔަލޭންޑް، ފްރާންސް، ޖަރުމަން، ސްޕެއިން، އިޓަލީ، ނެދަލޭންޑްސް، ޑެންމާކް، ނޯވޭ، ސްވީޑަން، ފިންލެންޑް، ބެލްޖިއަމް، ސްވިޒަލޭންޑް، އޮސްޓްރިއާ، ޖަޕާން، އޮސްޓްރޭލިއާ، އަދި ނިއުޒީލެންޑް އެވެ.
ގޫގުލްއިން ސްމާޓް ހޯމް ޑިވައިސްތަކަށް ބޮޑު ސަމާލުކަމެއް ދީފައިވާއިރު، އެ ކުންފުނިން ވަނީ 2016 ވަނަ އަހަރު ގޫގުލް ހޯމް ސްޕީކަރު ތައާރަފްކޮށްފައެވެ. އޭގެ ފަހުން ނެސްޓް ގެ ބްރޭންޑްގެ ދަށުން ސްޕީކަރުތަކާއި ޑިސްޕްލޭތައް ނެރެފައިވެއެވެ. މި އާ ސްޕީކަރަކީ 2020 ވަނަ އަހަރު ނެސްޓް އޯޑިއޯ ނެރުމަށްފަހު، ގޫގުލްއިން ނެރޭ ފުރަތަމަ މެއިންލައިން ސްޕީކަރެވެ.
ޖެމިނައި އަކީ ގޫގުލްއިން އުފެއްދި އެންމެ އުފެއްދުންތެރި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މޮޑެލް ކަމަށް ވާއިރު، މި ޑިވައިސްއާއެކު ގޫގުލްއިން އޭއައި ޓެކްނޮލޮޖީ ސްމާޓް ހޯމްތަކަށް އިތުރަށް ފުޅާކުރުމަށް މަސައްކަތްކުރާކަން ހާމަވެއެވެ. ޖެމިނައި ލައިވް ފަދަ ފީޗާސްތައް މި ޑިވައިސްއިން ބެނުންކުރެވޭނެކަން ފާހަގަކޮށްލެވެއެވެ.
ގޫގުލްއިން މަސައްކަތްކުރަމުން އަންނަނީ ސްމާޓް ހޯމް ޑިވައިސްތަކުގައި އޭއައިގެ ބޭނުން ހިފައި، އޭގެ ފެންވަރު ރަނގަޅުކޮށް، ޔޫޒަރުންނަށް އިތުރު ފަސޭހަތަކެއް ހޯދައިދިނުމަށެވެ.