އީ-ވޭސްޓް ހެކަތޯންގެ ބޭއްވުމަށް އެމްއެންޔޫއާއެކު ދިރާގުން ބައިވެރިވެއްޖެއެވެ.
މި ހެކަތޯންގެ މަގުސަދަކީ ރާއްޖެއަށް ދިމާވެފައިވާ އީ-ވޭސްޓްގެ މައްސަލަ ހައްލުކުރުމަށް ޒުވާނުން ހޭލުންތެރިކުރުވުމެވެ.
އަންނަ ހޮނިހިރު ދުވަހުން، އަންނަ މަހުގެ ހަތް ވަނަ ދުވަހަށް ކުރިއަށްދާ މި ހެކަތޯންގައި ދަރިވަރުންނާއި، އުފެއްދުންތެރި ޒުވާނުންނާއި ތިމާވެށި ހިމާޔަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތައް އެއްތަނަކަށް ގެނެސް އީ-ވޭސްޓް މަދުކުރެވޭނެ ގޮތްގޮތާމެދު މަޝްވަރާކުރާނެއެވެ. މި ހެކަތޯން އަމާޒުކޮށްފައިވަނީ ސާނަވީ ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށާއި، ކޮލެޖް އަދި ޔުނިވާސިޓީ ދަރިވަރުންނަށެވެ.
އީ-ވޭސްޓްއަކީ އުކާލާ ކަރަންޓު ނުވަތަ އިލެކްޓްރޯނިކް އާލާތްތަކަށް ކިޔާ ނަމެކެވެ. މީގެ ތެރޭގައި އުކާލާ ކޮމްޕިއުޓަރާއި، ފޯނު، ޓީވީ، ފްރިޖު، ބެޓެރީ އަދި އެހެނިހެން އިލެކްޓްރޯނިކް ސާމާނުތައް ހިމެނެއެވެ.
އީ-ވޭސްޓްއަކީ މިހާރު ދިމާވެފައިވާ އެންމެ ބޮޑު އަދި އަލަށް ކުރިމަތިވަމުން އަންނަ ތިމާވެށީގެ މައްސަލަތަކުގެ ތެރެއިން އެއް މައްސަލައެވެ. އަދި އީ-ވޭސްޓް ހެކަތޯންގެ މަގުސަދަކީ މި މައްސަލައަށް ޚާއްސަ ސަމާލުކަމެއް ގެނައުމާއެކު، ޒުވާނުން މި މައްސަލައަށް އައު އަދި އުފެއްދުންތެރި ހައްލުތައް ހޯދުމަށް ބާރުއެޅުމެވެ.
"އިނޮވޭޓިން ފޯ އަ ސާކިއުލާ އިކޮނޮމީ: ޓެކްލިން ދަ އީ-ވޭސްޓް ކްރައިސިސް" ތީމްގެ ދަށުން ކުރިއަށްގެންދާ މި ހެކަތޯންގައި އީ-ވޭސްޓް ބޭނުންކޮށްގެން އެހެން ތަކެތި އުފެއްދޭނެ ގޮތްގޮތާއި، ދެމެހެއްޓިނިވި ގޮތެއްގައި ކުނި ނައްތާލެވޭނެ ގޮތްގޮތާ މެދު މަޝްވަރާކުރުމަށްފަހު ހައްލުތައް ހޯދުމަށް ބައިވެރިންނާ ހަވާލުކުރާނެއެވެ. އަދި، މި މައްސަލަތަކަށް ހައްލުތައް ހޯދުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމާބެހޭ މާހިރުންނާއެކު ވޯކްޝޮޕްތައް ހިންގައި، އެ ފަރާތްތަކުން އިރުޝާދު ފޯރުކޮށްދޭނެއެވެ. އަދި، މި ހައްލުތައް ޖަޖުންގެ ޕެނަލްއަށް ހުށަހެޅުމުގެ ކުރިން، ކުނި މެނޭޖްކުރާ ތަންތަނާއި ރީސައިކަލް ސެންޓަރުތަކަށް ޒިޔާރަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ހެކަތޯންގައި ބައިވެރިވާން، އޮންލައިން ފޯމް މެދުވެރިކޮށް ރަޖިސްޓާކުރުމުގެ ފުރުސަތު ހުޅުވާލައިފައި އޮތީ މިއަދުގެ ނިޔަލަށެވެ.
ދިރާގުން އަންނަނީ ޒުވާނުން ބާރުވެރިކޮށް، ޑިޖިޓަލް އިޖާދުތަކާއި ދެމެހެއްޓެނިވިކަން ކުރިއެރުވުމަށް ހިންގާ އެފަދަ މުހިންމު ޕްރޮގްރާމްތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.