ދިރާގަށް 37 އަހަރު: ޒަމާނާ އެއްވަރަށް ރާއްޖޭގެ ޑިޖިޓަލް ތަރައްގީ ކުރިއެރުވުމުގައި ހުއްޓުމެއް ނެތް!

ދިރާގުން ރާއްޖެއަށް 5ޖީގެ ޚިދުމަތް ތައާރަފް ކުރުމުގެ ތެރެއިން: މިއަދު އެ ކުންފުންޏަށް ވަނީ 37 އަހަރު ވެފައި-- ފޮޓޯ: ދިރާގު

ދިވެހިންގެ ގުޅުން، ދިރާގަށް 37 އަހަރު ފުރުނުއިރު އެ ކުންފުނިން ކޮންމެ ދުވަހަކު ވެސް އަންނަނީ، ކުންފުންޏަށް އެ ނަން ހައްގުވާކަން ސާބިތުކޮށްދެމުންނެވެ. މުވާސަލާތީ ގޮތުން ދިވެހީން ގުޅުވައިދީ، ޚިދުމަތްތައް ވަގުތުން ވަގުތަށް ލިބިދީ، ދިރިއުޅުން ފަސޭހަކުރެވޭނެ ގޮތްތައް ތައާރަފުކޮށްދިނުމުގައި ދިރާގަށް ހުއްޓުމެއްނެތެވެ.

ދިވެހިރާއްޖޭގެ މުވާސަލާތީ ޚިދުމަތް އެއް ވިއުގައެއްގެ ދަށުން ގުޅާލުމުގެ މަސައްކަތް 1 އޮކްޓޫބަރު 1988ގައި ދިރާގާ ހަވާލުކުރެވުނެވެ. އެ ހިސާބުން، އެންމެ ފުރަތަމަ ރާއްޖޭގެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުން، އެކަކު އަނެކަކާ ގުޅުވާލަދިނީ ރަށްރަށުގައި ފޯން ބޫތުތައް ބަހައްޓައިގެންނެވެ. ފޯނު ބޫތުތަކުން ބައެއް ފަހަރު ގުޅަން ބޭނުންވާ މީހާއާ ދިމާނުވެ، ފޯނުން ވާހަކަ ދައްކާލަން ދުރު ހިސާބަކަށް ދާން ޖެހުމުގެ ދަތިކަން އޮތެވެ. އެ ގޮންޖެހުމަށް ހައްލެއް ގެނެސްދިނީ މޯބައިލް ޚިދުމަތާއެކުގައެވެ.

ގެއެއްގައި ދިރާގުގެ ލޭންޑްލައިން ހިދުމަތް ބޭނުން ކުރަނީ.. ފޮޓޯ: ދިރާގު

ދިރާގަކީ ރާއްޖެއަށް ފުރަތަމަ މޯބައިލްގެ ޚިދުމަތް ތައާރަފުކޮށްދިން ކުންފުންޏެވެ. އަދި އެ ހިސާބުން ހުއްޓާނުލައި، ރާއްޖޭގެ ހުރިހާ ރަށެއްގައި 100 އިންސައްތަ މޯބައިލް ކަވެރޭޖް ގާއިމުކޮށް، އިންޓަނެޓް ވެސް މި ފަސްގަނޑަށް ފޯރުކޮށްދިނެވެ. ދިރާގުން އެ ޚިދުމަތް ފުޅާކުރަމުން ގޮސް، މުވާސަލާތީ ގޮތުން ރާއްޖެ މުޅި ދުނިޔެއާ ގުޅުވާލަދިނެވެ.

މިއަދާއި ހަމައަށް އައި އިރު، ދިރާގުގެ މަސައްކަތުން ރާއްޖެއަށް ވަނީ ޑިޖިޓަލް ގޮތުން އިންގިލާބީ ބަދަލުތަކެއް ގެނެސްދީފައެވެ. އޭގެ ސަބަބުން ދިވެހިންގެ ގުޅުމާއި، ތައުލީމާއި، ވިޔަފާރީގެ އާ ގޮތްތައް ހޯދުމުގެ ފުރުސަތުތަކަށް މަގުފަހިވެފައިވެއެވެ.

ދިރާގުގެ ފާއިތުވި އަހަރުގެ ކާމިޔާބީތަކަށް އެކަނި ބަލައިލިޔަސް، އެ ކުންފުނިން ވަނީ، މުޅި ރާއްޖެއަށް ހައި ސްޕީޑް ފައިބާ ބްރޯޑްބޭންޑް ފޯރުކޮށްދިން ފުރަތަމަ އަދި ހަމައެކަނި ކުންފުނީގެ ޝަރަފު ހޯދައިފައެވެ. ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި އެފަދަ ފައިބާ ޚިދުމަތެއް ފުޅާ ކުރުމަކީ ފަސޭހަކަމެއް ނޫނެވެ. ތަރައްގީވެފައިވާ ބޮޑެތި ބައެއް ގައުމުތަކުގައި ވެސް، އެކަހެރި ސަރަހައްދުތަކަށް މިފަދަ ޚިދުމަތްތައް ފުރިހަމައަށް ފޯރުކޮށްނުދެވުމަކީ އޭގެ ހެއްކެކެވެ.

ހަލުވި އިންޓަނެޓްގެ ޚިދުމަތް ދޭތީ ދިރާގަށް އެވޯޑެއް ލިބުން-- ފޮޓޯ: ދިރާގު

މީގެ އިތުރުން، މުޅި ދެކުނު އޭޝިއާއިން ވެސް 5ޖީގެ ހަލުވި އިންޓަނެޓް ފުރަތަމަ ތަޖުރިބާ ކުރީ ރާއްޖެއިން ކަމަށްވާއިރު، އެކަން ފަހިކޮށްދިނީ ދިރާގުންނެވެ.

އެ ކުންފުނިން ރާއްޖޭގެ ފުރަތަމަ ޓިއާ 4 ސެޓިފައިޑް ޑޭޓާ ސެންޓަރު ހުޅުވުމުން ވިޔަފާރިތަކަށާއި ސަރުކާރުގެ މުއައްސަސާތަކަށް މަތީ ފެންވަރުގައި ކްލައުޑް ހޯސްޓިން، ބެކްއަޕް، އަދި ޑިޒާސްޓާ ރިކަވަރީ ހައްލުތައް ފޯރުކޮށްދެވޭގޮތްވިއެވެ. އަދި ސީ-މީ-ވީ 6 ސަބްމެރިން ކޭބަލް ގުޅައިލައި، ދިރާގުން ރާއްޖޭގެ ބައިނަލްއަގުވާމީ ގުޅުން އިތުރަށް ވަރުގަދަކުރިއެވެ.
ހަމައެއާއެކު ޒަމާނީ މާލީ ޚިދުމަތްތަކާއެކު އީވޮލެޓް ހިމެނޭ ދިރާގުޕޭ ޕްލެޓްފޯމަށް ވެސް އެ ކުންފުނިން އަބަދުވެސް އަންނަނީ ހަރުދަނާ ބަދަލުތަކެއް ގެނެސްދީ، ކަސްޓަމަރުންގެ ތަޖުރިބާ އިތުރަށް ރަނގަޅު ކުރުމަށް ފީޗާތައް ގިނަކުރަމުންނެވެ.

ދިވެހިންގެ ގުޅުމުން ދެމުންދާ ޚިދުމަތްތަކުގެ އިތުރަށް، އިޖުތިމާއީ ޒިންމާ އަދާކުރުމަށްވެސް ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއެވެ. މިގޮތުން ޝާމިލު މުޖުތަމައުއެއް ބިނާކުރުމާއި ކުޑަކުދިން ރައްކާތެރިކުރުމަށް ބާރުއެޅުމާއި ތަފާތު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކުންފުނީގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ. އަދި އަންހެނުން ބާރުވެރިކުރުވުމާއި ޑިޖިޓަލް ލިޓްރަސީ އާއި ޒުވާނުންގެ ޑިޖިޓަލް ހުނަރާއި އީޖާދީ ޚިޔާލު ކުރިއެރުވުމަށާއި ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ވެސް ދިރާގުން ޚާއްސަ އިސްކަމެއްދެއެވެ.

ދިރާގުގެ 37 އަހަރުވީ މަސައްކަތުގައި، އާ އެތައް ޚިދުމަތެއް ތައާރަފުކޮށް މުވާސަލަތީ ގުޅުންތައް ވަނީ އިންތިހާއަށް ފަސޭހަކޮށްދީފައެވެ. އަދި ޚިދުމަތެއް ތައާރަފުކުރެވުމުން ފުއްދާނުކައި، ކޮންމެ މީހަކަށް ވެސް އެ ޚިދުމަތްތައް ތަޖުރިބާ ކުރެވޭނެކަން ކަށަވަރު ކުރުމަށް ދިރާގުން އެތައް މަސައްކަތްތަކެއް ކުރެއެވެ. އަވަސްއަވަހަށް ބަދަލުވަމުން އަންނަ ޑިޖިޓަލް ދުނިޔޭގައި ރާއްޖެ ފަހަތަށް ނުޖެހޭނެކަން ސާބިތުކޮށްދިނުމުގައި ދިރާގު އަދިވެސް އޮތީ 'ދިވެހީންގެ ގުޅުން' އެންމެ އިސްކޮށްގެންނެވެ.

comment ކޮމެންޓް