ދިރާގުގެ ހައި ސްޕީޑް ފައިބަރ ބްރޯޑްބޭންޑް ޚިދުމަތް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފުޅާކުރުން އެ ކުންފުނިން ރޭ ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.
މި ކުރިއެރުން ފާހަގަކުރީ ރޭ ނަސަންދުރާގައި އެ ކުންފުނިން ބޭއްވި ހަފުލާއެއްގައެވެ.
މިއީ ރާއްޖޭގެ މުވާސަލާތީ ކުންފުންޏަކުން މިފަދަ ކަމެއް ހާސިލްކުރި ފުރަތަމަ ފަހަރު ކަމަށްވާއިރު، ދިރާގުން މިހާރު ވަނީ ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ޑޭޓާ ނެޓުވޯކު ގާއިމުކޮށްފައެވެ.
ދިރާގުން ބުނީ، މިއީ ވަރަށް ބޮޑެތި އަދި ކުރިއަރައިފައިވާ ގައުމުތަކުގެ ތެރެއިން ވެސް ވަރަށް މަދު ގައުމަކަށް ހާސިލުކުރެވިފައިވާ ކަމެއް ކަމަށެވެ. މީގެ ސަބަބުން މުޅި ރާއްޖޭގައި ޑިޖިޓަލް ގޮތުން އިތުރަށް ބާރުވެރި މުޖުތަމައުތަކެއް ބިނާވެ، އެ ފަރާތްތައް ޑިޖިޓަލް މުސްތަގުބަލުގައި ކުރިއެރުމުގެ ފުރުސަތުތައް ފުޅާވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ދިރާގުން ބުނީ، މިއީ ސަރުކާރުން ދިވެހިރާއްޖެ "ސްމާޓް ނޭޝަން" އެއްގެ ގޮތުގައި ގާއިމުކުރުމާއި މުޅި ރާއްޖޭގައި އިންޓަނެޓް ޚިދުމަތުގެ ފެންވަރު މަތިކޮށް، އަގު ހެޔޮކުރުމުގެ ތަސައްވުރު ހަގީގަތަކަށް ހެދުމަށް އެޅުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
އެ ހަފުލާގައި ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވީ، މުޅި ރާއްޖެއަށް ދިރާގު ހައިސްޕީޑް ފައިބަރ ބްރޯޑްބޭންޑް ޚިދުމަތް ދީ ނިންމާލެވުނީ ގިނަ އިންވެސްޓުމަންޓުތަކާ އެއްކޮށް ދުރާލާ ރާވައިގެން ގިނަ މަޝްރޫއުތަކެއް ހިންގައިގެން ކަމަށެވެ.
"މީގެތެރޭގައި، ބޭރު ގައުމުތަކާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުން، ވަރުގަދަކުރުމަށް ހިންގުނު ސަބްމެރީން ކޭބަލް ޕްރޮޖެކްތަށް އަދި ރާއްޖޭގެ އެއް ކޮޅުން އަނެއް ކޮޅަށް ދިރާގުން އަޅައިފައިވާ ސަބްމެރީން ކޭބަލް ޕްރޮޖެކްޓްތައް، އަދި މައި ނެޓްވޯކްގެ ކެޕޭސިޓީ އާއި ފެންވަރު ރަގަޅުކުރުމަށް ހިންގުނު ޕްރޮޖެކްޓްތަކާއި މީހުން އުޅޭ ރަށްތަކުގައި ފައިބަރ ނެޓްވޯކް އެޅުމަށް ފޭސްތަކަކަށް ބަހައިލައިގެން ހިންގުނު ޕްރޮޖެކްޓްތައް ހިމެނޭ" އޭނާ ވިދާޅުވިއެވެ.
މި ހަފުލާ ޝަރަފުވެރިކޮށްދެއްވައި، ހޯމް މިނިސްޓަރު ޢަލީ އިހުސާން ވިދާޅުވީ، މިއީ ގިނަ ބަޔަކަށް އިންޓަނެޓު ހޯދުމުގައި ތަހަންމަލު ކުރަން ޖެހުނު ދަތިތައް ތާރީޚުގެ ތެރެއަށް ގެންދިޔަ ބޮޑު ކާމިޔާބީއެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، މިއީ ސަރުކާރުން ފަށާފައިވާ މޯލްޑިވްސް 2.0 ބައެއް ކަމަށެވެ. އެ ކާމިޔާބީ ފާހަގަކޮށް، މިނިސްޓަރު ވަނީ ދިރާގަށް ޝުކުރު ދަންނަވާފައެވެ.
މި ހަފުލާގައި މިނިސްޓަރު އިހުސާންގެ އިތުރަށް، ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ޠާރިޤު އިބްރާހީމާއި ޑިރެކްޓަރުންގެ ބޯޑާއި މެނޭޖްމަންޓުގެ އިތުރަށް މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.
ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަމުން އަންނަ ދިރާގަކީ އިނޮވޭޝަންގެ ޒަރިއްޔާއިން ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކުގެ ދިރިއުޅުން މުއްސަނދިކުރުމަށް މަސައްކަތްކުރާ ކުންފުންޏެކެވެ. ވޭތުވެދިޔަ 37 އަހަރު ތެރޭގައި ދިރާގުން ވަނީ، އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި މުޖުތަމައުތައް ބާރުވެރިކުރުވުމަށާއި އެފަރާތްތަކަށް އިތުބާރު ހުރި އަދި ޒަމާނީ ހައްލުތަކެއް ފޯރުކޮށްދީފައެވެ.