އަހަރު ނިމެން 3 މަސް: މަޝްރޫއުތަކަށް ޖެހި ބަޖެޓުގެ 72 އިންސައްތަ އަތްނުލާ

ރަށެއްގެ މަޝްރޫއެއް އިފުތިތާހުކުރަނީ: މަޝްރޫއުތަކަށް ޖެހި ބަޖެޓުގެ 72 އިންސައްތަ އޮތީ އަތްނުލާ -- ފޮޓޯ/ ރައީސް އޮފީސް

އަހަރު ނިމެން ބާކީ ތިން މަސް ދުވަހަށްވީއިރު، ތަރައްގީގެ މަޝްރޫއުތަކަށް މި އަހަރަށް ބަޖެޓުކުރި އަދަދުގެ 72 އިންސައްތަ އޮތީ އަތްނުލާކަމަށް ސަރުކާރުގެ ރަސްމީ ހިސާބުތަކުން ދައްކައިފިއެވެ.

މަޝްރޫއުތައް ނުހިނގާ ހުއްޓިފައި ހުންނަކަމުގެ ޝަކުވާ މި ފަހުން އޮތީ ބޮޑުވެފައެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް މަޝްރޫއުތަކަށް ހޭދަކުރީ ޖުމުލަ 3.5 ބިލިއަން ރުފިޔާއެވެ. އެއީ، މިދިޔަ އަހަރާ ބަލާއިރު 4.7 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ.

މި އަހަރު މަޝްރޫއުތަކަށް ޖުމުލަ 12.5 ބިލިއަން ރުފިޔާ ބަޖެޓުކުރިއިރު އެ ބަޖެޓުން 72 އިންސައްތަ އޮތީ އަތްނުލައެވެ. މިހާތަނަށް ޚަރަދުކުރީ 28 އިންސައްތައެވެ.

އަހަރުގެ މިހާތަނަށް ޖުމުލަ 26.6 ބިލިއަން ރުފިޔާ ޚަރަދުކުރިއިރު ގާތްގަނޑަކަށް 87 އިންސައްތަ ޚަރަދުކުރީ މުސާރައާއި އިނާޔަތްތަކާއި ހިންގުމުގެ އެކިއެކި ކަންކަމަށެވެ. އެގޮތުން، މި މަހު 18 ވަނަ ދުވަހުގެ ނިޔަލަށް ރިކަރަންޓް ޚަރަދުގެ ގޮތުގައި 23.1 ބިލިއަން ރުފިޔާ ޚަރަދުކޮށްފިއެވެ. އެހެންވެ، ތަރައްގީގެ މަޝްރޫއުތަކަށް ޚަރަދުކުރީ ޖުމުލަ ޚަރަދުގެ ގާތްގަނޑަކަށް އެންމެ 13 އިންސައްތައެވެ.

https://sun.mv/211608

މި މަހު 18ގެ ނިޔަލަށް 27.6 ބިލިއަން ރުފިޔާގެ އާމްދަނީ ވަނީ ލިބިފައެވެ. އެހެންވެ، ޚަރަދުކުރަނީ ލިބުނު އާމްދަނީއަށްވުރެ ކުޑަކޮށްނެވެ.

އެކަމަކު، މަޝްރޫއުތައް ނުހިނގާކަމާއި ކުރިން ހިންގާފައި ހުރި އެކިއެކި މަޝްރޫއުތަކަށް ފައިސާ ދޫނުކުރާކަމުގެ ކަންބޮޑުވުން އޮތީ ބޮޑުވެފައެވެ. އެގޮތުން، ގާތްގަނޑަކަށް 14 ބިލިއަން ރުފިޔާ ސަރުކާރުން ސަޕްލަޔަރުންނަށް ދަރާފައި އޮތް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ. އެކަމަކު، އެދުމުން ވެސް ފިނޭންސް މިނިސްޓްރީން މިހާތަނަށް ސަޕްލަޔަރުންނަށް ދަރާފައި އޮތް އަދަދު ހާމަކޮށްފައެއް ނުވެއެވެ.

https://sun.mv/211274

ފާހަގަކޮށްލެވޭ ގޮތުގައި ސަރުކާރުން އަންނަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ދަތުރުފުޅުތަކުގެ ތެރެއިން ވެސް ގިނަ މަޝްރޫއުތަކެއްގައި ސޮއިކޮށް، ބިންގާ އަޅައި، ބައެއް މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ވެސް ފައްޓަމުންނެވެ.

މި އަހަރާއި އަންނަ އަހަރަކީ ވައުދުތައް ފުއްދާނެ ދެ އަހަރު ކަމަށް ރައީސް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

މަޝްރޫއުތަކަށް ޚަރަދުނުކުރާކަން ހިސާބުތަކުން އެނގޭއިރު، ރާއްޖޭގެ ދަރަނި އޮތީ އިންތިހާއަށް ބޮޑުވެފައެވެ. ދަރަންޏަށް މި އަހަރު ވެސް 500 މިލިއަނެއްހާ ޑޮލަރު ދައްކަންޖެހޭއިރު އަންނަ އަހަރު އެ އަދަދު 1.1 ބިލިއަން ޑޮލަރަށް އަރާނެއެވެ. ބޭރުގެ މާލީ އިދާރާތަކުން ވެސް ވަނީ އެހެންވެ ޚަރަދުތައް ކުޑަކުރަން ގޮވާލާފައެވެ.

comment ކޮމެންޓް