ޓެކްސް އާމްދަނީ 10 ޕަސެންޓް އިތުރުވެ، ނުވަ މަސް ތެރޭ 20 ބިލިއަން ލިބިއްޖެ

ރާއްޖެ އައި ފަތުރުވެރިއެއް: ޑީޕާޗާ ޓެކްސްއާއި ޓީޖީއެސްޓީ ބޮޑުކޮށްފައިވުމުން ޓެކްސް އާމްދަނީ ވަނީ އިތުރުވެފައި -- ފޮޓޯ/ ވެލާނާ އެއާޕޯޓް

މި އަހަރުގެ ފުރަތަމަ ނުވަ މަސް ތެރޭގައި ޓެކުހުން 20 ބިލިއަން ރުފިޔާގެ އާމްދަނީއެއް ދައުލަތަށް ލިބިފައިވާ ކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެ އިދާރާއިން ހާމަކޮށްފައިވާ ހިސާބުތަކުން އެނގޭ ގޮތުގައި، މިދިޔަ އަހަރުގެ ފުރަތަމަ ނުވަ މަސް ތެރޭ ޓެކްސް އާމްދަނީގެ ގޮތުގައި ލިބުނީ، 18.2 ބިލިއަން ރުފިޔާއެވެ. އެކަމަކު، މި އަހަރު އެ އަދަދު ވަނީ 20 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

އެ އަދަދު އިތުރުވެފައި ވަނީ، ޑީޕާޗާ ޓެކްސްއާއި ޓީޖީއެސްޓީ ސަރުކާރުން ބޮޑުކޮށްފައި ވަނިކޮށެވެ.

މީރާގެ ހިސާބުތަކުން އެނގޭ ގޮތުގައި، މިދިޔަ ސެޕްޓެމްބަރުގެ ނިޔަލަށް ޑިޕާޗާ ޓެކުހުގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ލިބުނިއިރު، އެ މުއްދަތުގައި މިދިޔަ އަހަރު އެ އަދަދު ހުރީ 869 މިލިއަން ރުފިޔާގައެވެ.

މީރާ އަދި ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

އެއާޕޯޓު ޑިވެލޮޕްމަންޓް ފީގެ ގޮތުގައި، މި އަހަރުގެ މިހާތަނަށް 1.4 ބިލިއަން ރުފިޔާ ލިބުނުއިރު، ޓީޖީއެސްޓީގެ ގޮތުގައި 8.2 ބިލިއަން ރުފިޔާ ލިބުނެވެ.

އޭގެއިތުރަށް، މިދިޔަ ސެޕްޓެމްބަރު މަހު އެކަނި ތިން ބިލިއަން ރުފިޔާގެ އާމްދަނީ މީރާއަށް ވަނީ ލިބިފައެވެ.

މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 30.7 އިންސައްތަ އިތުރު އަދަދެއް ކަމަށްވާއިރު، މިދިޔަ މަހު ލިބޭނެކަމަށް އަންދާޒާކުރި ވަރަށްވުރެ 33.7 އިންސައްތަ އިތުރު އަދަދެއް ކަމަށް މީރާއިން ބުނެއެވެ.

މީރާއިން ބުނީ، މިދިޔަ މަހު ލިބުނު އާމްދަނީ އިތުރުވީ، ޓޫރިޒަމް ދާއިރާ ނޫން ދާއިރާތަކުގެ ޖީއެސްޓީއާއި ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީއިން ލިބުނު އާމްދަނީ އިތުރުވުމުން ކަމަށެވެ. އަދި، ރިޒޯޓުތަކުގެ ކުލީގެ އިތުރުން އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބުނު އާމްދަނީ ވެސް އިތުރުވުމުން ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

https://sun.mv/208047

ފާހަގަކުރެވޭ ގޮތުގައި، ޓެކްސްތައް ބޮޑުކުރަން ސަރުކާރުން ހުށަހެޅި ބިލުތައް ރައީސް ޑރ. މުޙައްމަދު މުއިއްޒު ތަސްދީގު ކުރެއްވީ މިިދިޔަ އަހަރުގެ ނޮވެމްބަރު ފަސްވަނަ ދުވަހެވެ. އެ އިސްލާހުގައި ގްރީން ޓެކްސް އާއި ޑިޕާޗާ ޓެކްސް ބޮޑުކުރަން ވެސް ހުށަހަޅާފައި ވެއެވެ. އެ އިސްލާހުތަކަށް މިހާރު ވަނީ އަމަލުކުރަން ފަށާފައެވެ.

comment ކޮމެންޓް