ޕާކިސްތާނުގައި 'ސްޓާބަކްސް'އާ ދެކޮޅަށް 'ސައްތާރުބަކްޝް' ކުރި ހޯދައިފި

ސައްތާރުބަކްޝްގެ ލޯގޯ--ފޮޓޯ/އިންސްޓަގްރާމާ

ޕާކިސްތާނުގެ ކަރާޗީގެ ކެފޭއަކުން ދުނިޔޭގެ ގިނަ ބައެއްގެ މެދުގައި މަޝްހޫރު ކޮފީ ކުންފުނި 'ސްޓާބަކްސް'އާ ދެކޮޅަށް ޓްރޭޑްމާކް މައްސަލައެއް ކާމިޔާބުކޮށް، ގިނަ ބައެއްގެ ސަމާލުކަން ހޯދައިފިއެވެ.

'ސައްތާރުބަކްޝް' ނަމަކަށް ކިޔާ މި ކެފޭ މަޝްހޫރުވެފައި ވަނީ ހަމައެކަނި އެތަނުގެ ކޮފީގެ ސަބަބުން އެކަންޏެއް ނޫނެވެ. އެއާ ޚިލާފަށް އެ ކެފޭއިން ކަސްޓަމަރުންނަށް ދޭ ކޮފީގައި ފެންނަން ހުންނަ ލޯގޯއަކީ ވެސް ގިނަ ބައެއްގެ މެދުގައި 'ސައްތާރު ބަކްޝް' މަޝްހޫރުކަން ހޯދި އެއް ސަބަބެވެ.

ވަށް ފެހި ލޯގޯގައި ފެންނަން ހުންނަ މީހާގެ ތުނބުޅި އާއި އެ މީހާގެ މޫނަކީ މަޝްހޫރު ބްރޭންޑް 'ސްޓާބަކްސް'ގެ ލޯގޯއާ އެއްގޮތް ގޮތެއް ހުރި ލޯގޯއެއް ކަމަށް ގިނަ ބަޔަކު ސިފަކުރިއެވެ.

މި ކޮފީ ބްރޭންޑްގެ ނަމާއި ލޯގޯ އަދި ޑިޒައިންގައި އެއްކަހަލަ އެއްގޮތް ކަންކަން ހުރިކަމަށް ފާހަގަކުރެވި އިންޓަނެޓުގައި އެކަމާ ގުޅިގެން ބަހުސްތަކެއް ވެސް އޭރު ފެށުނެވެ.

ސައްތާރުބަކްޝް އަދި ސްޓާބަކްސްގެ ލޯގޯ--ފޮޓޯ/އިންސްޓަގްރާމް

އޭގެ ނަތީޖާއަކަށްވީ އެ ވަގުތު ޕާކިސްތާނުގައި ސްޓާބަކްސްގެ ކެފޭއެއް ނުވަތަ ފިހާރައެއް ނެތް ނަމަވެސް 'ސައްތާރުބަކްޝް' ވުޖޫދަށް ގެނައި މައްސަލަ ޤާނޫނީ މައްސަލައަކަށްވެ ކޯޓު މަރުހަލާއަކަށް ދިއުމެވެ.

ޕާކިސްތާނުގެ ކެފޭ ސައްތާރު ބަކްޝް ވުޖޫދަށް ގެނެވުނީ 2013 ވަނަ އަހަރު ރިޒްވާން އަހްމަދު އަދި އަދުނާނު ޔޫސުފް ކިޔާ ދެ ވިޔަފާރިވެރިއެއްގެ މަސައްކަތުންނެވެ.

ފެށުނީއްސުރެ އެ ކެފޭގެ ލޯގޯ އަކީ ސްޓާ ބަކްސްގެ ލޯގޯ އާއި އެއްގޮތް ކަމެއް ހުންނަ ލޯގޯއަކަށްވާތީ ގިނަ ބައެއްގެ ސަމާލުކަން އެ ކެފޭއަށް ދިޔައީ ލިބެމުންނެވެ.

ނަމަވެސް ދެ ވިޔަފާރިވެރިން ތަކުރާރުކޮށް ބުނަމުން ދިޔައީ އެ މީހުންގެ ބްރޭންޑަކީ ޕާކިސްތާނުގެ ސަޤާފަތާ ގުޅުވައިގެން ލޯގޯ ފަރުމާކޮށް ނަންދެވިފައިވާ ބްރޭންޑެއް ކަމަށާއި ސްޓާބަކްސް ނަކަލު ކުރުމުގެ ނިޔަތުގައި އުފެއްދި ބްރޭންޑެއް ނޫން ކަމަށެވެ.

އެމީހުން ކިޔައިދިން ގޮތުގައި 'ސައްތާރުބަކްޝް' އަކީ ޕާކިސްތާނުގައި އެތައް ސަތޭކަ އަހަރެއްގެ ތާރީޚާ ގުޅިފައިވާ، ސަގާފީ ގޮތުން މާނަހުރި ނަމެކެވެ.

އިތުރަށް ތަފާތުކޮށްދިނުމުގެ ގޮތުން، އެމީހުން ފާހަގަކުރި ގޮތުގައި އެމީހުންގެ ލޯގޯގެ ބައިތަކުގައި ހުރި ތަފާތުތަކެއް ކަމުގައިވާ ތުނބުޅި ލައިފައިވާ މީހާގެ ސިފަ، ފޮންޓްތައް، އަދި ކުލަތަކުގެ ވައްތަރުތަކެވެ.

ހަމައެއާއެކު އެތަނުގެ މެނޫއަށް ބަލާލި ކަމަށް ވިޔަސް މަލްޓިނޭޝަނަލް ޗެއިންއެއް ނަކަލު ކުރުމުގެ ވިސްނުމެއް އެ މީހުންގެ އެއްވެސް ވަރަކަށް ނެތްކަން ވަރަށް ރަނގަޅަށް ސާބިތުވާނެ ކަމަށް ރިޒްވާން އަހްމަދު އަދި އަދުނާނު ޔޫސުފް ވަނީ ބުނެފައެވެ.

ޕާކިސްތާނުގެ ޓްރޭޑްމާކް ގާނޫނުގެ ދަށުން މަޝްހޫރު ބްރޭންޑްތަކުގެ އަސްލު ނުވަތަ އެ ބްރޭންޑުގެ އައިޑެންޓިޓީ ގެއްލޭފަދަ ކަންކަމުން ބްރޭންޑްތަކަށް ރައްކާތެރިކަން ހޯދައިދެއެވެ.

ސްޓާބަކްސްއިން ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ 'ސައްތާރުބަކްޝް'އިން ވަނީ އެ ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތަކާއި ޚިލާފުވެފައި ކަމަށެވެ.

ނަމަވެސް ކަރާޗީގެ ކޯޓުން މައްސަލަ ނިންމާފައި ވަނީ 'ސައްތާރު ބަކްޝް'އާ އެއްކޮޅަށެވެ. އެހެންވެ އެ ކެފޭގެ ޚިދުމަތް މެދު ނުކެނޑި އާއްމުންނަށް މިހާރުވެސް އަންނަނީ ދެމުންނެވެ.

މި ނިންމުމަކީ ދުނިޔޭގެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ނުފޫޒުގަދަ ގްލޯބަލް ބްރޭންޑެއްގެ މައްޗަށް އެހެން ޤައުމަކުން އުފެއްދުމެއް ތައާރަފްކޮށް ހޯދި ވަރަށް މަދުން ނޫނީ ނުފެންނަ ވަރުގެ ކާމިޔާބީއެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.

comment ކޮމެންޓް