އަމީތާބު ދެކިލަން ދިޔަ މީހުންނަށް ހެލްމެޓް ބަހައިފި

އަމީތާބް ބައްޗަން ޖަލްސާ ކައިރިއަށް އެއްވެ ތިބި ސަޕޯޓަރުންނަށް ހެލްމެޓު ބަހަނީ--ފޮޓޯ/ބޮލީވުޑްހަންގާމާ

ބޮލީވުޑްގެ ލެޖެންޑު، އަމީތާބް ބައްޗަންއާ ބައްދަލުކޮށް އެކްޓަރު ދެކިލަން މިދިޔަ އާދީއްތަ ދުވަހު އަމީތާބު މުމްބާއީގައި ދިރިއުޅޭ ގެ، ޖަލްސާ ކައިރިއަށް އެއްވި މީހުންނަށް ހެލްމެޓުތަކެއް ބަހައިފިއެވެ.

ކޮންމެ ހަފުތާއެއްގެ ވެސް އާދީއްތަ ދުވަހު އަމީތާބް ދެކިލުމަށް އެތައް ހާސް ބަޔަކު ޖަލްސާގެ ކައިރިއަށް އެއްވަމުން އަންނައިރު މި ހަފުތާގެ ބައްދަލުވުން އިތުރަށް ޚާއްސަވީ އަމީތާބް އަމިއްލައަށް އެ ތަނަށް އެއްވެ ތިބި މީހުންނަށް ހެލްމެޓު ބެހުމުގެ މަސައްކަތުގައި މަސްއޫލުވެ އުޅުނު މަންޒަރާއެކުއެވެ.

އެ ވާހަކަ ބްލޮގްގައި ހިއްސާކުރަމުން އަމީތާބް ބުނީ، ހެލްމެޓު ބެހުމަށް ނިންމީ އަމީތާބް ހުށަހަޅާ މަގުބޫލު ގޭމް ޝޯ "ކޯން ބަނޭގާ ކްރޯޕަތީ"ގައި ބައިވެރިވި 'ހެލްމެޓް މޭން އޮފް އިންޑިއާ'ގެ ނަމުން ގިނަ ބަޔަކު ދަންނަ މީހެއްގެ ސަބަބުން ކަމަށެވެ.

އެ މީހާއަކީ ވެސް ހިލޭ ސާބަހަށް ގިނަ ބަޔަކަށް ހެލްމެޓު ބެހުމުގެ މަސައްކަތްކުރަމުން އަންނަ މީހެއް ކަމަށާއި އޭގެ އެންމެ ބޮޑު އެއް ބޭނުމަކީ އާއްމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ ދިރިއުޅުން ރައްކާތެރި ކުރުމަށް އެހީއެއް ވެދިނުން ކަމަށް އަމީތާބް ވަނީ ބުނެފައެވެ.

އަމީތާބް ބައްޗަން ޖަލްސާ ކައިރިއަށް އެއްވެ ތިބި ސަޕޯޓަރުންނާ ބައްދަލުކުރަނީ--ފޮޓޯ/ބޮލީވުޑްހަންގާމާ

އެހެންކަމުން އެފަދަ ކަންކަމުން އަމީތާބް ވެސް އިބުރަތް ހާސިލުކޮށް އަމީތާބަށް ހެޔޮ އެދި އެކްޓަރާ ބައްދަލުކޮށްލަން ޖަލްސާ ކައިރިއަށް އަންނަ ކޮންމެ މީހަކަށް މީގެފަހުން ހިލޭ ހެލްމެޓެއް ދިނުމަށް ނިންމީ ކަމަށް އަމީތާބު ވަނީ ބުނެފައެވެ.

މިދިޔަ އާދީއްތަ ދުވަހު ޖަލްސާ ކައިރިއަށް އެއްވި މީހުންނަށް އަމީތާބް ވަނީ އިންޑިއާގައި ފާހަގަކުރާ ނަވްރާތީ ފެސްޓިވަލްއާ ގުޅިގެން ދަނޑި ބޭނުންކޮށްގެން ކުރިއަށްގެންދާ ނެށުމުގެ ކުޅިވަރު ކުޅުމުގައި ބޭނުންކުރާ ޚާއްސަ ބާވަތެއްގެ ދަނޑިތަކެއް ވެސް ބަހާފައެވެ.

އާއްމުންނަށް ހިލޭ ހެލްމެޓު ބެހުމަށް ފެށި މަސައްކަތުގެ ސަބަބުން އޭގެ ހެޔޮ ފައިދާ އާއްމުންނަށް ކުރާނެ ކަމަށް އުންމީދު ކުރާ ކަމަށާއި އެކަމުގެ ހަގީގީ މޭސްތިރިޔަކީ 'ހެލްމެޓް މޭން'ގެ ނަމުގައި މަޝްހޫރުވި މީހާ ކަމަށް އަމީތާބް ވަނީ ބުނެފައެވެ.

comment ކޮމެންޓް