ހުޅުމާލޭ މަގެއް މަތީ ކާރެއްގައި ރޯވެ، ގެއްލުންތަކެއް

ހުޅުމާލޭގައި ރޯވި ކާރުގެ އަލިފާންގަނޑު ނިއްވާލައިފައި -- ފޮޓޯ/ އެމްއެންޑީއެފް

ހުޅުމާލޭ ފުރަތަމަ ފިޔަވަހިން ދުއްވާފައި ދިޔަ ކާރެއްގައި ރޯވެއްޖެއެވެ.

އެ ހާދިސާގެ ވީޑިއޯއެއް ސޯޝަލްމީޑިއާގައި ދައުރުވަމުން އަންނައިރު، ވީޑިއޯއިން ފެންނަނީ ހުދު ކުލައިގެ ކާރެއްގައި ރޯވެފައިވާ މަންޒަރެވެ. ވީޑިއޯއިން ފެންނަ ގޮތުގައި ރޯވެފައި ވަނީ، ކާރުގެ އިންޖީނާ ދިމާލުންނެވެ.

އެ ސަރަހައްދުގައި އެމްއެންޑީއެފް ފަޔާ ފައިޓަރުން އަލިފާން ނިއްވަން ހަރަކާތްތެރިވާ މަންޒަރު ވެސް ފެނެއެވެ.

އެ ހާދިސާއާ ގުޅޭ ގޮތުން އެމްއެންޑީއެފުން ބުނީ، އަމިން އެވެނިއު ކައިރިން ދުއްވާފައިދިޔަ ކާރެއްގައި ރޯވި ކަމުގެ މަޢުލޫމާތު މިރޭ 22:48 ހާއިރު ލިބުނު ކަމަށެވެ. އެއާއެކު ހުޅުމާލޭ ފަޔާ ސްޓޭޝަނުގެ ފަޔާފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކުރި ކަމަށް އެ މުއައްސަސާއިން ބުންޏެވެ.

ހުޅުމާލޭގައި ރޯވި ކާރުގެ އަލިފާންގަނޑު ނިއްވާލައިފައި -- ފޮޓޯ/ އެމްއެންޑީއެފް

ފަޔާފައިޓަރުން ކުރި މަސައްކަތުން އަލިފާންގަނޑު ނިއްވާލެވުނީ 23:18 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މަޢުލޫމާތެއް ލިބިފައެއް ނުވާ ކަމަށް ވެސް އެ މުއައްސަސާއިން ބުންޏެވެ.

އެ ކާރުގައި ރޯވާން ދިމާވި ސަބަބެއް އެމްއެންޑީއެފުން ހާމައެއްނުކުރެއެވެ.

https://sun.mv/200663

މީގެކުރިން ވެސް މިފަދަ ހާދިސާތައް ހިނގާފައި އެބަހުއްޓެވެ. އެގޮތުން، މިދިޔަ ޑިސެމްބަރު 24ގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ، ހިތިގަސްމަގުގައި ޕާކުކޮށްފައި އޮތް ޓެކްސީއެއްގައި ރޯވިއެވެ. އޭގެކުރިން ހަމަ އެ މަހުގެ 11ގައި މާލޭ މޭރީބްރައުން ކުރިމަތީ ޕާކުކޮށްފައި އޮތް ކާރެއްގައި ވެސް ރޯވިއެވެ.

މި ހާދިސާތަކުގައި މީހަކަށް އަނިޔާއެއް ނުލިބުނު ނަމަވެސް، ކާރަށް ވަނީ ގެއްލުންތައް ލިބިފައެވެ.

comment ކޮމެންޓް