އެކި ވައްތަރުގެ މުދާ ރާއްޖެ އެތެރެކޮށް ވިޔަފާރިކުރާ ލިލީ އެންޓަޕްރައިޒަސްގެ ބާޒާރުމަތީ ފިހާރައިގައި ރޭ އަލިފާނުގެ ހާދިސާއެއް ހިނގައި، ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
އެމްއެންޑީއެފުން ބުނީ، ބީއެޗްއެމްގެ ކުރިމަތީ ހުންނަ "ލިލީ އެފްއެންބީ ސަޕްލައި ބާޒާރު 1"ގައި އަލިފާން ރޯވިކަމުގެ މައުލޫމާތު ލިބުނީ ރޭ ދަންވަރު 1:00 އެހާކަންހާއިރު ކަމަށެވެ.
އެ ހާދިސާގެ މައުލޫމާތު ލިބުމާއެކު، ފަޔާ އެންޑް ރެސްކިއުއިން އެ ސަރަހައްދަށް ގޮސް ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ ރޭ 2:39 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެ ސަރަހައްދުގައި އަލިފާން ނިއްވުމަށް ހަރަކާތްތެރިވި ސިފައިންގެ މީހަކު ހާލު ދެރަވެގެން ސެނަހިޔާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވާނެ ކަމަށާއި، އެ ސަރަހައްދުން އިތުރު މީހަކަށް އަނިޔާވިކަމުގެ މައުލޫމާތެއް ނެތް ކަމަށް، އެމްއެންޑީއެފުން މައުލޫމާތުދެއެވެ.
ނަމަވެސް، އެމްއެންޑީއެފުން ބުނީ ލިލީ ފިހާރައިގެ ގިނަ މުދަލަށް ގެއްލުންވެ، ފުރާޅުން ބައެއް ވެއްޓިފައިވާ ކަމަށެވެ.
ލިލީ ކުންފުނީގެ ވެރިއަކު "ސަން" އާ ވާހަކަ ދައްކަމުން ވިދާޅުވީ އެ ގުދަނަކީ ގިނަ އަދަދެއްގެ މުދާ ގުދަން ކޮށްފައި ހުރި, އެ ކުންފުނީގެ އެންމެ މުހިންމު އެއް ތަން ކަމަށެވެ. ވަރަށް ގިނަ މުދާ އަނދައިގެން ގޮސްފައިވާ ކަމަށާއި އެކަމަކު ލިބުނު ގެއްލުމުގެ ތަފްސީލު އަދި ހާމަ ކުރަން ދަތި ކަމަށެވެ.
އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގެއެވެ.
މީގެ ކުރިން ވެސް މާފަންނުގައި ހުރި ލިލީގެ ގުދަނެއްގައި ރޯވެ، އަލިފާނުގެ ހާދިސާއެއް ހިނގާފައިވެއެވެ. އެ ގުދަނަކީ ޓިނުން ހަދާފައިވާ ތަނެކެވެ.