ޖެހިޖެހިގެން 2 ދުވަހު ނިލަންދޫގައި އަލިފާނުގެ ހާދިސާއެއް، ތުހުމަތުކުރަނީ ރޯކޮށްލީ ކަމަށް

ނިލަންދޫގައި އަލިފާން ރޯވެފައި: ޖެހިޖެހިގެން ދެ ދުވަހު އެތަނުގައި އަލިފާން ރޯކޮށްލީ ކަމަށް ތުހުމަތުކުރޭ --- ފޮޓޯ/ އެމްއެންޑީއެފް

ޖެހިޖެހިގެން ދެ ދުވަހު ފ. ނިލަންދޫގައި ހުރި ކުނިތަކެއްގައި ރޯވެ، އަލިފާނުގެ ހާދިސާއެއް ހިނގިއިރު، އެއީ ބަޔަކު ރޯކޮށްލައިގެން ހިނގި ހާދިސާއެއް ކަމަށް ކައުންސިލުން ތުހުމަތުކޮށްފިއެވެ.

ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހުމަދު 'ސަން'އަށް ވިދާޅުވީ، އެކަމެއް ހިނގީ މިދިޔަ ހޯމަ ދުވަހާއި އަންގާރަ ދުވަހު ކަމަށެވެ.

އެގޮތުން، އަލިފާން ރޯވީ ކުރިން ނަރުދަމާ ނިޒާމު ގާއިމުކުރުމަށް ހަދާފައި ހުރި އިމާރާތަކުން ނެރެފައި ހުރި ޕްލާސްޓިކާއި ފައިބަރުން ހަދާފައި ހުރި ދުވަސްވީ ބެރަލްތަކެއްގައި ކަމަށް އަލީ ވިދާޅުވިއެވެ.

ނިލަންދޫގައި ރޯވި އަލިފާން ނިއްވަން ފަޔާ ފައިޓަރަކު ފެން ޖަހަނީ: ތުހުމަތުކުރަނީ އެތަނުގައި ބަޔަކު ރޯކޮށްލީ ކަމަށް ---- ފޮޓޯ/ އެމްއެންޑީއެފް

އެއީ، ބޭނުންނުކޮށް ހުންނަތާ ވަރަށް ޒަމާންވީ ބެރަލްތަކެއްކަ ކަމަށްވާއިރު، އޭނާ ތުހުމަތުކުރެއްވި ގޮތުގައި ކޮންމެ ދުވަހު އިރުއޮއްސޭ ވަގުތު އެ ބެރަލްތަކުގައި ބަޔަކު ރޯކޮށްލަނީއެވެ. އެކަމަކު، އެއީ ކޮން ބައެއްކަން ނޭނގޭކަން އޭނާ ފާހަގަކުރެއްވިއެވެ.

އަލީ ވިދާޅުވީ، ކުނިތައް ނެރުނު އިމާރާތް ހުސްކުރީ ފެނަކަ ކޯޕަރޭޝަނުން އެ ރަށު އިންޖީނުގެ އެ ތަނަށް ބަދަލުކުރުމަށް ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްނުވި ނަމަވެސް، އެ ސަރަހައްދުގައި ހުރި ބައެއް މީހުންގެ ރުއްގަހަށް ގެއްލުންވި ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންވެ، އެކަމާ ގުޅޭ ޝަކުވާތައް ބައެއް މީހުން ކައުންސިލަށް ހުށަހަޅާފައި އެބަހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.

ނިލަންދޫގައި އަލިފާން ރޯވެފައި: ކައުންސިލުން ތުހުމަތުކުރަނީ އެ ކުނިތަކުގައި ބަޔަކު ރޯކޮށްލީ ކަމަށް --- ފޮޓޯ/ އެމްއެންޑީއެފް

"ދެން މިހާތަނަށް އަޅުގަނޑުމެން ޕޮލިހަށް ވެސް ރަސްމީކޮށް، އެ މައްސަލަ ރިޕޯޓުކޮށްގެން މި އުޅެނީ. ފެނަކަ ހިމެނޭ ސަރަހައްދުގައި ހުރި ތަނަކަށްވާތީ ފެނަކައިގެ އިސްވެރިއަކަށް ވެސް [ދަންނަވާފައި ވާނީ] މިކަމުގައި އެއްވެސް ވަރަކަށް ޝައްކުކުރެވޭ ފަރާތެއް އޮތްނަމަ ދަންނަވަން" އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރަށް، ދެ ދުވަހު ވެސް އެ ހާދިސާ އެމްއެންޑީއެފަށް ވަނީ ރިޕޯޓުކޮށްގެން އަލިފާން ނިއްވުމުގައި ފަޔާ ފައިޓަރުން ހަރަކާތްތެރިވިއެވެ.

comment ކޮމެންޓް