ރީތި މަތިކިޅި އަނދައި އަޅިއަށް، އަނެއްކާވެސް ރޯކުރިކަމުގެ ތުހުމަތު

އައްޑޫ މީދޫގެ މަތިކިޅީގައި ރޯވެ ލިބުނު ގެއްލުން: އަލިފާން ނިވާލެވުނީ އަށް ގަޑިއިރުވީ ފަހުން --- ފޮޓޯ: އިކޯ ގާޑަން ސޮސައިޓީން

އައްޑޫ މީދޫގެ މަތިކިޅީގައި ފާއިތުވި ދެ ދުވަހު ރޯވުމުގެ ސަބަބުން އެ ސަރަހައްދު އެއްކޮށްހެން އަނދައިފައިވާއިރު، ބަޔަކު ގަސްތުގައި ރޯކުރި ކަމަށް ތުހުމަތުކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ، މަތިކިޅީގައި ރޯވިކަމުގެ މައުލޫމާތު އިއްޔެ ލިބުނީ ހެނދުނު 10:37 ހާއިރު ކަމަށެވެ. އަލިފާން އެއްކޮށް ނިއްވައިލެވުނީ އިއްޔެ ރޭ 19:05 ހާއިރުކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

އައްޑޫ މީދޫ އަވަށުގެ ކައުންސިލަރު އާމިނަތު ޞާލިހާ 'ސަން'އަށް މިއަދު ވިދާޅުވީ، މަތިކިޅީގައި ބަޔަކު އިއްޔެ ގަސްތުގައި ރޯކޮށްލީކަމަށް ބެލެވޭ ކަމަށެވެ. އެގޮތުން، އެ ތަނުގެ ފަސް ދިމާލެއްގައި އަލިފާން ރޯވެފައި ހުރި ކަމަށް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމުން ބުނި ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު އެކި ދިމަ ދިމާލުން ރޯކޮށްލީމާ އެޓެންޑްވާން މި ތިބެނީ މޭންޕަވާވެސް ރިސޯސަސްވެސް [މަދުން] ގެންގުޅެނީ އެންމެ ވެހިކަލެއް، އެހެންވީމާ އެ ރިސޯސަސް އެކި ދިމަދިމާލަކަށް ނުގެންދެވޭނެ،" ޞާލިހާ ވިދާޅުވިއެވެ.

އެހެންވުމުން، އިއްޔެ އެއީ ގަސްތުގައި ރޯކޮށްލި ހާދިސާއެއް ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މަތިކިޅީގައި ރޯވެފައި: އެ ތަނުގައި ގަސްތުގައި ރޯކޮށްލި ކަމަށް ވަނީ ތުހުމަތުކޮށްފައި -- ފޮޓޯ/ އެމްއެންޑީއެފް

ޞާލިހާ ވިދާޅުވިގޮތުގައި، އަލިފާނުގެ ސަބަބުން މަތިކިޅީގެ ފެހިކަން އެއްކޮށް ނެތިގެންގޮސް، އިކޯގާޑަންގައި އަޅައިފައި އޮންނަ ކުޑަ ފާލަން ވެސް ބޭނުންނުކުރެވޭ ވަރަށް އަނދައިފައެވެ.

އޭނާ ވިދާޅުވީ އެ ވޯކްވޭ މަރާމާތުކުރުމަށް ވެސް ޚަރަދުތައް ދާނެ ކަމަށެވެ. އެގޮތުން މިހާރު ލިބިފައި އޮތް ގެއްލުމަށް ބަލާއިރު ވޯކްވޭ މަރާމާތުކުރުމަށް ގާތްގަނޑަކަށް ދޮޅުލައްކަ ރުފިޔާ ޚަރަދުވާނެ ކަމަށް ޞާލިހާ ލަފާކުރެއްވިއެވެ.

އެހެންނަމަވެސް، ކައުންސިލްތަކުގެ ބާރުތައް ހަނިވާގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލާއެކު އާންމުކުރަން ޖެހޭ އުސޫލު އަދިވެސް އާންމުނުކުރާތީ މަތިކިޅީގެ ވޯކްވޭ މަރާމާތުކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދަން ދަތިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިކޯ ގާޑަން ސޮސައިޓީންވަނީ ހޮނިހިރު ދުވަހު އެ ސަރަހައްދުގައި ރޯވެ، އީކޯގާޑަންގެ ވޯކްވޭގެ ބޮޑު ބައެއް އޭރު އަނދައި ބޭނުން ނުކުރެވޭވަރުވެފައިވާ ކަމަށް ބުނެފައެވެ.

މި އަހަރު އެކަނިވެސް މަތިކިޅީގައި އެކިފަހަރު މަތިން ރޯކޮށްލި ކަމުގެ ތުހުމަތުކޮށްފައިވެއެވެ. އަދި އެ މައްސަލަ ބެލުމަށް ކައުންސިލުންނާއި އިކޯ ގާޑަން ސޮސައިޓީން އެދިފައިވެއެވެ.

https://sun.mv/206554

މިދިޔަ މާރިޗު 19ގައި ވެސް މަތިކިޅީގައި ވަރަށް ބޮޑަށް ރޯވެގެން އެ ތަނުގެ ދެބައިކުޅަ އެއްބައި އަނދައި ހުލިވިއެވެ.

comment ކޮމެންޓް