ދިރާގުން ޖީއެމް ފޯރަމް 2025ގެ ޕްލެޓިނަމް ޕާޓްނަރެއްގެ ގޮތުގައި ހޮޓެލިއާ މޯލްޑިވްސްއާއެކު ސޮއިކޮށްފިއެވެ.
މި އަހަރުގެ ފޯރަމްގެ މައުޟޫއު ކަމުގައިވާ 'ޑިޖިޓަލައިޒޭޝަން އެންޑް އެކްސްޕޭންޑިން އެކްސްޕީރިއަންސެސް'ގެ ދަށުން، ފަތުރުވެރިކަމުގެ ދާއިރާގައި އަންނަމުންދާ ބަދަލުތަކަށް އަލިއަޅުވައިލައި، އެންމެ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ފަތުރުވެރިންނަށް ފޯރުކޮށްދޭ ތަޖުރިބާތައް އިތުރަށް ފުރިހަމަކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރު އަލީ ރިޔާޒް ވިދާޅުވީ ޑިޖިޓަލް ވަސީލަތްތަކާއެކު ފަތުރުވެރިކަމުގެ ސިނާއަތުގައި ޚިދުމަތްތައް ފޯރުކޮށްދޭ ގޮތްތައް ބަދަލުވެ، ފަތުރުވެރިންނަށް ދޭ ޚިދުމަތްތައް އިތުރަށް ހަލުއިކޮށް، އެ ފަތުރުވެރިއަކަށް ޚާއްސަ ޚިދުމަތްތައް ދިނުމުގެ މަގު ފަހިވެފައިވާ ކަމަށެވެ.
"މި ގޮތުން، ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ތަޖުރިބާތައް އިތުރަށް ފުރިހަމަކޮށް، މި ސިނާއަތް އިތުރަށް ވަރުގަދަކުރުމުގެ މަގުސަދުކައި ހޮޓެލިއާ މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ ޖީއެމް ފޯރަމްއަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" އޭނާ ވިދާޅުވިއެވެ.
އަންނަ މަހުގެ 13ގައި ބާއްވާ މި ފޯރަމްގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކާއި ލީޑަރުން އެއްތަނަކުން ފެންނާނެއެވެ.
މި ފޯރަމްގައި ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކުގެ ކީނޯޓް ސްޕީޗްތަކާއެކު ޕެނަލް ޑިސްކަޝަންތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި، ރާއްޖޭގެ ހޮސްޕިޓަލިޓީ ދާއިރާގެ ފަރާތްތައް އެއްތަނަކުން ބައްދަލުވެ، އެކަކު އަނެކަކާ ގުޅުންބަދަހިކޮށް ޚިޔާލު ބަދަލުކުރުމުގެ ފުރުސަތު ފަހިވާނެއެވެ.
ދިރާގުން އަންނަނީ، ދިވެހިރާއްޖޭގެ ހޮސްޕިޓަލިޓީ ދާއިރާ ކުރިއެރުވުމަށް އަމާޒުކޮށްގެން ހިންގާ ހަރަކާތްތަކަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދީ، މި ދާއިރާގެ މަސައްކަތްތަކަށް ޑިޖިޓަލް ހައްލުތައް ފޯރުކޮށްދިނުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.