އދ.ގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ނަޝީދު އެމެރިކާގެ ނިއުޔޯކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، އދ.ގެ މައި މަރުކަޒަށް ވަދެވަޑައިގަތުމަށް ބޭނުންވާ ފާސް ހައްދަން ފޮރިން މިނިސްޓްރީގައި ރަސްމީކޮށް އެދިފައިނުވާކަމަށް އެ މިނިސްޓްރީން މިއަދު ބުނެފިއެވެ.
ނަޝީދުގެ އޮފީހުން ނެރުނު ބަޔާނެއްގައިވަނީ، އދ.ގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ނަޝީދު އެމެރިކާގެ ނިއުޔޯކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، އދ.ގެ މައި މަރުކަޒަށް ވަދެވަޑައިގަތުމަށް އެ މަނިކުފާނަށް ބޭނުންފުޅުވާ ފާހާ ގުޅޭ ގޮތުން ރައްޖޭގެ ފޮރިން މިނިސްޓްރީން މެދުވެރިވެގެން ކުރަން ޖެހޭ މަސައްކަތްތައް ކުރަން ދިވެހި ސަރުކާރުން އިންކާރުކޮށްފައިވާ ކަމަށެވެ.
ނަޝީދުގެ އެ ވާހަކަތަަކަށް ރައްދުދީ މިނިސްޓްރީން ނެރުނު ބަޔާނުގައިވަނީ އދ.ގެ އާންމު މަޖިލީހުގެ ހަވާސާގައި ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމަށް އދ.ގެ މައި މަރުކަޒަށް ވެންނެވުމަށް ނަޝީދަށް ބޭނުންފުޅުވާ ފާސް ހޯދުމަށް އެމަނިކުފާނުގެ އޮފީހުން އެ މިނިސްޓްރީގައި ރަސްމީކޮށް އެދިވަޑައިގެންފައިނުވާ ކަމަށެވެ.
އަދި އެމަނިކުފާނަކީ ރާއްޖޭގެ ރައީސްކަން އަދައިކުރައްވާފައިވާ ބޭފުޅަކަށްވުމުން، ކުރީގެ ރައީސުންނަށް އަރުވަންޖެހޭ ފުރިހަމަ ޢިއްޒަތް އެމަނިކުފާނަށް ވެސް ގެންދަނީ އަރުވަމުން ކަމަށް ބުންޏެވެ.
"އެގޮތުން، ކަނޑައެޅިފައިވާ އުޞޫލުތަކުގެ ދަށުން، ބޭރުގެ ޤައުމުތަކަށް ކުރައްވާ ދަތުރުފުޅުތަކުގައި ހަމަޖައްސަންޖެހޭ އިންތިޒާމުތައް މި މިނިސްޓްރީއާއި އެ ޤައުމުތަކުގެ ރަސްމީ އިދާރާތަކާ ގުޅިގެން މިހާތަނަށް ވެސް ވާނީ ހަމަޖައްސާފައެވެ،" ބަޔާނުގައިވެއެވެ.
މިނިސްޓްރީން ބުނީ ކުރިއަށް އޮތް ތަނުގައި ވެސް، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުންނަށް ހަމަޖައްސަންޖެހޭ އެންމެހާ އިންތިޒާމުތައް ކަނޑައެޅިފައިވާ އުޞޫލުތަކުގެ ތެރެއިން ހަމަޖައްސަމުން ގެންދާނެ ކަމަށެވެ.
ދުނިޔޭގެ ލީޑަރުން ބައިވެރިވެވަޑައިގަންނަވާ އދ.ގެ 80ވަނަ އާންމު މަޖިލީހުގެ ބައްދަލުވުމަށް، މި އަަހަރު ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ބަދަލުގައި ރާއްޖޭން ވަޑައިގަތީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލެވެ. އެ ބައްދަލުވުމަށް މިދިޔަ އަހަރު ރައީސް ވަޑައިގަތްއިރު، މި އަހަރު އެ މަނިކުފާނު ވަޑައިނުގަންނަވަނީ ކީއްވެ ކަމެއް ސަރުކާރުން ހާމައެއްނުކުރެއެވެ.