ކުރީގެ ރައީސުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވަރަށް ބޮޑަށް ތައުރީފުކުރައްވައި ސެލިއުޓްކުރައްވައިފިއެވެ.
އެ މަނިކުފާނު ވަނީ ކުރީގެ ރައީސުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ޚާއްސަކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ފާޑުވިދާޅުވިއެވެ.
އދ. އަތޮޅަށް ރައީސް މުއިއްޒު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މާމިގިލީގައި މިރޭ ބޭއްވި ޖަލްސާގައި ކުރީގެ ހުރިހާ ރައީސުންނަށް ވެސް ފާޑުވިދާޅުވަމުން ގާސިމް ވިދާޅުވީ، ފާއިތުވި ސަރުކާރުތަކުން އޮތީ ގައުމު ދަރުވާލާފައި ކަމަށެވެ. އެކިއެކި ނަންނަމުގައި ދަރަނި ނަގަމުން ނަގަމުން ގޮސް އޮތީ ބަނގުރޫޓުވާ ހިސާބުގައި ކަމަށެވެ.
"ސުކޫކާއި ބުސޫކު ނެގީ، ލޯނާއި ބޯނާ ނެގީ، ބޮންޑާއި ސޮންޑާ ނެގީ،" އެ މަނިކުފާނު ނުރުހުން ފާޅުކުރެއްވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، އެކިއެކި ނަންނަމުގައި ފާއިތުވި ހުރިހާ ސަރުކާރަކުން ވެސް ނަގަމުން އައި ލޯންތަކުގެ ސަބަބުން ގައުމު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށެވެ. އެ ކަންކަމުން ގައުމު ސަލާމަތްކޮށްދޭން ރައީސް މުއިއްޒު ކޮށްދެއްވަނީ އެހެން ހުރިހާ ރައީސުން ކުރެއްވި ވަރަށްވުރެ އިޚުލާސްތެރި މަސައްކަތެއް ކަމަށް ގާސިމް ވިދާޅުވިއެވެ.
އެކަން އެ މަނިކުފާނު ކޮށްދެއްވަނީ އެއްވެސް ބޭފުޅަކަށް ކުޑައިމީސް ބަހެއް ވިދާޅުނުވެ، ތާހިރު ވެރިކަމެއް ކުރައްވަމުން ކަމަށް ގާސިމް ގަބޫލުކުރައްވައެވެ.
"މަނިކުފާނު އެއްވެސް މީހަކާ ދިމާއަށް ކުޑައިމީސް ބަހެއް ވިދާޅުވި ބަހެއް އަޅުގަނޑު ނާހަން. އެއްވެސް ސިޔާސީ މީހަކު ދަމާފައި ގެންގޮސް ޖަލަށްލީތަނެއް އަޅުގަނޑު ނުދެކެން. ސުޕްރީމް ކޯޓުގައި ތަޅުއެޅުވިތަނެއް ވެސް ނުދެކެން،" އެހެން ރައީސުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އެ މަނިކުފާނު ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ، ކުރީގެ ސަރުކާރުތަކުގައި ކަންތައްކުރި ގޮތް މީހުން ހަނދާން ނުނެތޭ ކަމަށެވެ. އެ ގޮތުން، އެމްޑީޕީއާއި ކުރީގެ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.
އަދި، މާމިގިލީ އެއާޕޯޓު ސަރުކާރަށް ނަގަން ގާސިމަށް ބަދަލު ދޭން އުޅޭ މައްސަލައިގައި ޔާމީން ފާޑުވިދާޅުވުމުން ވެސް އެ މަނިކުފާނު ނުރުހުން ފާޅުކުރެއްވިއެވެ. ޔާމީން ކަންތައްތައް ކުރެއްވި ގޮތް އެއްވެސް ބޭފުޅަކު ހަނދާން ނުހުންނާނޭ ހީފުޅުވަނީތޯ ވެސް އެ މަނިކުފާނު ސުވާލުކުރެއްވިއެވެ.
އެ ގޮތުން، ޔާމީނަށް އިޝާރާތްކުރައްވާ ގާސިމް ވަނީ 'ކޮން ފުއްޕުމެއްތޯ؟' އައްސަވާފައެވެ.
"އަބަދުއަބަދު އެއްޗެހި ކިޔަންޏާ ކިޔަންމެ ހަންބޮލަސް އެއްޗެއް ވައްޓާލަން ޖެހިދާނެ ދޯ ބޮލަށް،" އެ ވާހަކަ ނިންމަވާލައްވަމުން އެ މަނިކުފާނު ވިދާޅުވިއެވެ.
މިއަދު ފެންފުށީގައި ވެސް ދެއްކެވި ވާހަކަފުޅު ތަކުރާރުކުރައްވަމުން އެ ދާއިރާގެ މަޖިލީސް މެންބަރުކަން ގިނަ ދުވަސްތަކެއް ވަންދެން ކުރައްވާފައިވާ ގާސިމް ވިދާޅުވީ، ރައީސް މުއިއްޒަށް ވުރެ ވަކިން އިޚުލާސްތެރިކަމާ އެކު ވެރިކަން ކުރެއްވި އެއްވެސް ބޭފުޅަކު ދެކިވަޑައިނުގަންނަވާ ކަމަށެވެ.
"ރައީސް މުއިއްޒު އެ ކުރައްވާ މަސައްކަތްޕުޅުގައި އިޚުލާސްތެރިކަން ހުރި މިންވަރު އެނގޭނީ އެ މަނިކުފާނާ އެކު މަސައްކަތްކޮށްލީމާ. އެއް ދަތުރު ނަމަވެސް ކޮށްލީމާ،" ގާސިމް ވިދާޅުވިއެވެ.
މި ފަހުން ނިޝާން ޢިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާގެ ލަގަބު އެރުއްވި ގާސިމް ވަނީ 2008 ވަނަ އަހަރު އާ ގާނޫނުއަސާސީ ވުޖޫދުވުމުގެ ކުރިން އިސްލާހީ މަސައްކަތުގައި ވެސް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ. އަދި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މިނިސްޓަރުކަން ވެސް ކުރައްވާފައިވެއެވެ.
އޭގެ ފަހުން 2008 ވަނަ އަހަރު އުފެދުނު ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ކުރީކޮޅު ވެސް އެ މަނިކުފާނާ އެކު މަސައްކަތްކުރެއްވިއެވެ. އެކަމަކު، މާ ގިނަ ދުވަސްނުވެ، ޚިޔާލު ތަފާތުވުން އުފެދި ކޯލިޝަން ރޫޅުނީއެވެ. ފަހުން އެ މަނިކުފާނު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ އެކު ވެސް ފުރަތަމަކޮޅު މަސައްކަތްކުރައްވާފައެވެ. ފަހުން އެކަމަކު އެ ކޯލިޝަން ވެސް ރޫޅުނީއެވެ.
އޭގެ ފަހުން އުފެދުނު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ވެރިކަމުގައި ވެސް ފަސް އަހަރު ވަންދެން ގާސިމް ހުންނެވީ އެ ކޯލިޝަންގައެވެ. އަދި، މިދިޔަ 2023 ގެ ރިޔާސީ އިންތިޚާބުގައި ވެސް އެ މަނިކުފާނު ވާދަކުރެއްވިއެވެ. ދެވަނަ ބުރަކަށް އެ މަނިކުފާނު ނުދިއުމުން އެއްވެސް ޕާޓީއަކަށް ތާއީދުކުރައްވާފައެއް ނުވެއެވެ. އެއީ ކުރިން އެއްވެސް އިންތިޚާބެއްގައި އެ މަނިކުފާނު ކަންކުރެއްވި ގޮތެއް ނޫނެވެ.