ރާއްޖޭގެ ދައުލަތުގެ ޚަޒާނާއިން ވައްކަންކުރުމާއި ކޮރަޕްޝަންގެ މައްސަލަތަކާ މެދު މަޝްވަރާކޮށް، ހެކި ހޯދަން ކޮންފަރެންސެއް ބާއްވާނެކަން ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިރޭ އިއުލާނުކުރައްވައިފިއެވެ.
ނަޝީދުގެ އޮފީހުން ބުނީ، މިއީ، އެކި ސަރުކާރުތަކުގައި ހިންގާފައިވާ ކޮރަޕްޝަންތަކާއި މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރުމުގެ މައްސަލަތައް ބަލައި ތަހުލީލު ކުރުމަށް ބާއްވާ ކޮންފަރެންސެއް ކަމަށެވެ.
ގާނޫނީ ތަޖުރިބާކާރުންނާއި މަދަނީ މުޖުތަމަޢުގެ ލީޑަރުންނާއި ނޫސްވެރިންނާއި ބައިވެރިވާ މި ކޮންފަރެންސްގައި ފުޅާ ދާއިރާއެއްގައި ކޮރަޕްޝަންގެ އަމަލުތަކަށް ނަޒަރު ހިންގައި، ކަރުދާހަށް ތިރިކުރެވޭނެ ކަމަށް އެ އޮފީހުން ބުންޏެވެ. އަދި މި ކޮންފަރެންސްގައި ވިސްލްބްލޯވަރުންނާއި ކޮރަޕްޝަންގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކުގެ ހެކިބަސް ނަގާނެ ކަމަށް ވެސް ނަޝީދުގެ އޮފީހުން ނެރުނު ބަޔާނުގައިވެއެވެ.
ހަމައެއާއެކު ކޮންފަރެންސްގައި ލިޔެކިޔުން މުތާލިޔާކޮށް، ބަލައި، ގާނޫނީ އިޞްލާޙުތަކާއި ދެފުށްފެންނަ އިޖުރާޢަތުތަކާއި އުޞޫލުތައް އަދި ބައިނަލްއަޤްވާމީ އެހީތެރިކަން ހޯދުމާ ގުޅޭގޮތުން އިސްތިރާޖީ މަޝްވަރާތައް ކުރާނެ ކަމަށް އެ އޮފީހުން ބުންޏެވެ.
މި ކޮންފަރެންސާ ގުޅުވައި، ނަޝީދު ވިދާޅުވީ، ކޮރަޕްޝަނަކީ ހަމައެކަނި ފައިސާތަކެއް ވަގަށް ނެގުމާ ގުޅޭ ކަމެއް ނޫން ކަމަށެވެ. އެ 'ވައްކަމުގައި' ރައްޔިތުންގެ ކިބައިން ފޭރިގަނެވެނީ އަބުރާއި އިންސާފާއި އިއްޒަތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މި ކޮންފަރަންސަކީ ދިވެހިރާއްޖޭގެ މުއައްސަސާތަކުގެ ނަޒާހަތްތެރިކަމާއި އިތުބާރު އިޔާދަކުރުމަށާއި ޕަބްލިކް އޮފިޝަލުން ކުރެން އިތުބާރު ގެއްލިފައިވާ ފަރާތްތައް ޒިންމާދާކުރުވުމަށް ހިންގާ ފުޅާ މަސައްކަތެއްގެ ތެރެއިން ބައެއް،" ނަޝީދާ ހަވާލާދީ އެ އޮފީހުން ބުންޏެވެ.
އޭގެއިތުރަށް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ކުރީގެ ގަވަރުނަރު އަދި ކުރީގެ ފައިނޭންސް މިނިސްޓަރުގެ ޢަލީ ހާޝިމާއި، އިކޮނޮމިކް ޑެވަލޮޕްމަންޓްގެ ކުރީގެ މިނިސްޓަރު މަޙްމޫދު ރާޒީގެ ބައިވެރިވުމާ އެހީތެރިކަން މި ކޮންފަރެންސަށް ލިބޭނެކަން ނަޝީދުގެ އޮފީހުން ފާހަގަކުރިއެވެ.
މިއީ ޢާންމުންގެ ބައިވެރިވުމާއި ގާނޫނީ ވަކާލާތުގެ ތެރެއިން، ކޮރަޕްޝަންގެ މައްސަލަތަކާ ދެކޮޅަށް ދެމެހެއްޓެނިވި ދިގު ރާސްތާގައި ފަށާ ޙަރަކާތެއްގެ ފެށުންކަމަށް އެ އޮފީހުން ބުނެއެވެ.
"މި ކޮންފަރެންސްގައި ވިސްލްބްލޯވަރުންނާއި ކޮރަޕްޝަންގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކުގެ ހެކިބަސް ނެގޭނެއެވެ. ލިޔެކިޔުން މުތާލިޔާކޮށް، ބަލާ، ގާނޫނީ އިޞްލާޙުތަކާއި ދެފުށްފެންނަ އިޖުރާޢަތުތަކާއި އުޞޫލުތައް އަދި ބައިނަލްއަގްވާމީ އެހީތެރިކަން ހޯދުމާ ގުޅޭގޮތުން އިސްތިރާޖީ މަޝްވަރާތައް ހިންގޭނެ،" ނަޝީދުގެ އޮފީހުން ބުންޏެވެ.
އެ އޮފީހުން ބުނީ، ކޮންފަރަންސް ބާއްވާ ތަނާއި ތާރީޚާއި އެޖެންޑާގެ އިތުރުން، ރެޖިސްޓާކުރާނެ ގޮތުގެ ތަފްޞީލު ފަހުން އާންމުކުރާނެ ކަމަށެވެ.
އެ ކޮންފަރެންސް އިއުލާންކުރީ، ނަޝީދު ނިސްބަތްވެވަޑައިގެންނެވި އެމްޑީޕީގެ އެންމެ ފަހުގެ ސަރުކާރުގައި، ދައުލަތުގެ ކުންފުންޏެއް ކަމަށްވާ ފެނަކައިގައި، ކޮރަޕްޝަނާއި ޚިޔާނާތުގެ ބޮޑު ވައްކަމެއް ހިންގައިފައިވާކަން ފަޅައިއަރައިފައި ވަނިކޮށެވެ.