ކެޓްރީނާ އަލަތު ދަރިފުޅަށް ބަލިވެއިން ފޮޓޯއަށް 2 މިލިއަން ލައިކް

ބަތަލާ ކެޓްރީނާ ބަލިވެއިންކަން އިއުލާނު ކުރުމަށް އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯ--ފޮޓޯ/ޓެލެގްރާފްއިންޑިއާ

ބެލުންތެރިން އަދި މީޑިއާގެ ސަމާލުކަން އެންމެ ބޮޑަށް ހޯދަމުން އަންނަ ބޮލީވުޑްގެ މަގުބޫލު ދެމަފިރިން ކަމަށްވާ ވިކީ ކޯޝަލާއި ކެޓްރީނާ ކައިފަށް ކުއްޖަކު ލިބެން އުޅޭކަން އިއުލާނުކޮށްފިއެވެ.

މިއަދުގެ ވަގުތެއްގައި ކެޓްރީނާގެ ދެމަފިރިން ވަނީ އިންސްޓަގްރާމް މެދުވެރިކޮށް އަލަތު ދަރިފުޅަށް ބަތަލާ ބަލިވެއިން ޚަބަރު ކަށަވަރުކޮށްދީފައެވެ. އެ ފޮޓޯއަށް ދެ ގަޑިއިރު ތެރޭ 2.2 މިލިއަން ލައިކް ވަނީ ލިބިފައެވެ.

ކެޓްރީނާގެ 'ބޭބީ ބަމްޕް' ފެންނަ ގޮތަށް އިންސްޓަގްރާމްގައި ހިއްސާކުރި ޕޮލަރޮއިޑް ފޮޓޯއާ އެކު ބުނެފައިވަނީ، ދެމަފިރިންގެ ދިރިއުޅުމުގެ ވެސް އެންމެ ޚާއްސަ ސަފުހާ ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. ހަމައެއާއެކު މިހާތަނަށް ވިކީއާއި ކެޓްރީނާއަށް އާއްމުންގެ ފަރާތުން ލިބެމުން އަންނަ ލޯތްބަށް ޝުކުރުވެރިވާ ކަމަށް ވެސް މި ފޮޓޯ ހިއްސާކުރަމުން ވަނީ ބުނެފައެވެ.

ކެޓްރީނާ އާއި ވިކީ ކައިވެނީގެ ހަފްލާގައި--ފޮޓޯ/ޓެލެގްރާފްއިންޑިއާ

ކެޓްރީނާ އަލަތު ދަރިފުޅަށް ބަލިވެންއިންކަން ދެ ތަރިން ކަށަވަރުކޮށްދީފައި މިވަނީ އެ ޚަބަރު އިންޑިއާގެ ވަރަށް ގިނަ ނޫސްތަކުން އެ ވާހަކަ ދައްކާފައިވަނިކޮށެވެ. ބައެއް މީޑިއާތަކުން ވަނީ ބަތަލާ ވިހާނެ ކަމަށް ލަފަކުރެވޭ ތާރީޚު ވެސް އިއުލާނުކޮށްފައެވެ.

ކެޓްރީނާ ބަލިވެއިންކަން ކަށަވަރުކޮށްދިނުމާ އެކު ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ދެ ތަރިންނަށާއި އާއިލާއަށް މަރުހަބާގެ މެސެޖުތައް ރައްދުކޮށްފައެވެ.

ބޮލީވުޑްގެ އެންމެ އަގުބޮޑު ފިލްމީ ތަރިންގެ ތެރޭ ހިމެނޭ ކެޓްރީނާއާއި ވިކީ ކައިވެނިކޮށްފައިވަނީ ދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު 2021 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ނުވަވަނަ ދުވަހު އިންޑިއާގެ ރާޖަސްތާނުގައެވެ. އިންޑިއާގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ބަތަލާ ވިހާނެ ކަމަށް ބެލެވެނީ އަންނަ މަހުގެ 15-30އާ ދޭތެރޭގައެވެ.

comment ކޮމެންޓް