ބޮލީވުޑްގެ 'ކިންގް'ގެ ގޮތުގައި ގިނަބަޔަކު ސިފަކުރާ ކުޅަދާނަ އެކްޓަރު ޝާހްރުކް ޚާންގެ މެނޭޖަރެއްގެ ވަޒީފާއަކީ ފަސޭހަ ވަޒީފާއެއް ނޫނެވެ.
އެއީ ވަރަށް ގިނަ ބަޔަކު އެ މަޤާމު ފުރުމުގެ ހުވަފެން ދެކޭ މަޤާމަކަށް ވިޔަސް އެއީ ޒިންމާ ބޮޑު ވަރަށް ވަގުތު ވެސް ބޭނުންވާ ވަޒީފާއެކެވެ.
ޝާހުގެ ފިލްމީ މަސައްކަތްތަކުގެ އިތުރުން ފިލްމު އިންޑަސްޓްރީއާ ގުޅުންހުރި ޝާހު ޝާމިލުވާ ހުރިހާ މަސައްކަތެއްގެ ޒިންމާއާ ހަވާލުވެ ހުންނަނީ އަންހެނެކޭ ބުނުމުން ބައެއް މީހުންނަށް ހައިރާންކަމެއް ލިބިދާނެއެވެ.
އެހެންނަމަވެސް ފާއިތުވެދިޔަ 12 އަހަރާއި، އަދި މިހާރު ވެސް އެ މަޤާމާ ހަވާލުވެ، އެހީތެރިވެދެމުން އަންނަނީ އެކްޓަރުގެ މެނޭޖަރުގެ މަގާމުގައި ހުރި ޕޫޖާ ދަދްލާނީއެވެ.

ޕޫޖާ ދަދްލާނީ ޝާހު އާއި އަންހެނުން ގޯރީއާ އެކު--ފޮޓޯ/ހިންދުންސްތާންޓައިމްސް
ޝާހުގެ ޕްރޮފެޝަނަލް ކަންކަމުގެ އިތުރުން އެކްޓަރަށް ޤާނޫނީ ގޮތުން ކުރިމަތިވާ ގޮންޖެހުންތަކާ އެކު، ބަޔަކަށް ފިޔަވަޅު އަޅަން ޖެހުނަސް އަދި ފިލްމު އިންޑަސްޓްރީގެ ބޭރުން ޝާހު ހިންގާ ވިޔަފާރީގެ ހުރިހާ އޮޕަރޭޝަނަކާ ގުޅުންހުރި ހުރިހާ މަސައްކަތެއްގައި އިސްވެ ހުންނަނީ ޕޫޖާއެވެ.
ދުނިޔޭގެ ގިނަ ބަޔަކު "ބާދްޝާހް"ގެ ނަމުން މުޚާތަބްކުރާ އެކްޓަރުގެ ދިރިއުޅުމުގެ އެންމެ މުހިއްމު ނިންމުންތައް ނިންމައި މުޅި އެމްޕެޔަރު ބެލެހެއްޓުމުގެ ޒިންމާއާ އެކު ޝާހު އައިކޮންއަކަށް ހަދައިދިނުމުގެ ފަހަތުގައި ހަގީގަތުގައި ހުރީ ވަރަށް ހިތްވަރުގަދަ ކަންކަމާ ކުރިމަތިލާން ކެރޭ ޒިންމާދާރު އަންހެނެކެވެ.
އެހެންކަމުން ހަގީގަތުގައި މިއަދު ބެލުންތެރިންނަށް ފެންނަ ކުޅަދާނަ އެކްޓަރުގެ ފިލްމީ ކެރިއަރު ހެޔޮ މަގަށް ބައްޓަންކޮށްދިނުމުގެ 'މާސްޓަ މައިންޑް'އަކީ ޕޫޖާ ކަމަށް ބުނެވިދާނެއެވެ.
އެފަދަ ބުރަ އެހާމެ ޒިންމާދާރު ވަޒީފާއެއްގައި ޕޫޖާ ހުންނާނީ ވެސް ވަރަށް ބޮޑު މުސާރައެއް ލިބޭތީ ކަމަށް ވެސް ގިނަ ބަޔަކު ވަނީ ބުނެފައެވެ. ތެދެކެވެ، އިންޑިއާގެ އިތުރުން ދުނިޔޭގެ ގިނަ ބަޔަކު ބަލައިގަންނަ ބޮލީވުޑްގެ އެންމެ އަގުބޮޑު އެކްޓަރުގެ މެނޭޖަރެއްގެ ގޮތުގައި އާދައިގެ މުސާރައެއް ދީގެން އެއްވެސް މީހަކު ނުހުންނާނެ ކަމީ ހަގީގަތެކެވެ.
ޕޫޖާއަށް މުސާރައިގެ ގޮތުގައި ލިބޭ ސީދާ އަދަދު މިހާތަނަށް ހާމަވެފައި ނެތް ނަމަވެސް އިންޑިއާގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން މި ދިޔަ އަހަރުގެ ނިޔަލަށް ޕޫޖާއަށް އާމްދަނީގެ ގޮތުގައި މަހެއްގެ މައްޗަށް 7 ކްރޯޑު ރުޕީސް އާއި 9 ކްރޯޑު ރުޕީސްއާ ދެމެދުގެ އަދަދެއް ލިބެއެވެ.
އެހެންކަމުން ޕޫޖާ ވެފައި ވަނީ އިންޑިއާގައި މިވަގުތު ހުރި އެންމެ ބޮޑު އާމްދަނީ ލިބޭ ސެލެބްރިޓީ މެނޭޖަރަށެވެ. މެނޭޖަރެއްގެ އިތުރުން ޕޫޖާ އަކީ ޝާހުގެ އާއިލާގެ މެމްބަރެއްގެ ގޮތުގައި އެކްޓަރު ވަނީ ސިފަކޮށްފައެވެ.