ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސަތު ބަލަހައްޓަވާ ގޮތަށް، ޑިޖިޓަލް ޓްރާންސްފޮމޭޝަން ކައުންސިލް މިއަދު އުފައްދަވައިފިއެވެ.
ރައީސް އޮފީހުން ބުނީ، ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސް މި ކައުންސިލް އުފެއްދެވީ "މޯލްޑިވްސް 2.0" ނުވަތަ "ޑިޖިޓަލް-ފަސްޓް ނޭޝަން"ގެ ތަސައްވުރު ގާއިމްކުރުމާ ގުޅޭގޮތުން ތައްޔާރުކުރައްވާފައިވާ މަގުޗާޓުގައިވާ ކަންކަން ތަންފީޒުކުރުމުގެ މަސައްކަތްތައް ބަލަހައްޓައި، ލަފާދިނުމުގެ ގޮތުންނެވެ.
މި ކައުންސިލުގެ ރިޔާސަތު ބަލަހައްޓަވާނީ ސީދާ ރައީސްކަމަށް ވެސް، ރައީސް އޮފީހުން ބުންޏެވެ.
"މޯލްޑިވްސް 2.0" އަކީ ޑިޖިޓަލް ޓްރާންސްފޮމޭޝަނަކަށް ރާއްޖެ ގެންދިޔުމުގައި ރައީސުލްޖުމްހޫރިއްޔާގެ ގައުމީ ތަސައްވުރެވެ. އެއީ ސަރުކާރުން ޚިދުމަތްކުރާ ގޮތާއި، އިގްތިސޯދު ކުރިއަރަމުންދާ ގޮތާއި، އާންމު ޚިދުމަތާއި، ޒަރޫރީ މައުލޫމާތު ކޮންމެ ދިވެއްސަކަށް، ކޮންމެ ރަށަކަށް ފޯރުވާގޮތް އަލުން ބައްޓަންކުރުމުގެ ތަސައްވުރެކެވެ.
'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މިދިޔަ މޭ މަހުގެ ކުރީކޮޅު ވިދާޅުވީ "މޯލްޑިވްސް 2.0"އަކީ މުސްތަގުބަލަށް އެމަނިކުފާނުގެ ވިސްނުން ކަމަށެވެ. އަދި އެއީ ކޮންމެ ރައްޔިތަކަށް، ކޮންމެ ރަށަކަށް، އަދި އަންނަން އޮތް ކޮންމެ ޖީލަކަށް ވެސް 'ޑިޖިޓަލް ފަސްޓް މޯލްޑިވްސް'އެއް ބިނާކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޑިޖިޓަލައިޒް ރާއްޖެއަކަށް މިސްރާބު ޖެހުމަށްޓަކައި އެ ތަސައްވުރުގެ ދަށުން ވަނީ އަށް ލަނޑުދަނޑިއެއް ކަނޑައަޅައިފައެވެ.
އެ އަށް ލަނޑުދަނޑިއަކީ:
- ޑިޖިޓަލް އައިޑެންޓިޓީ އެންޑް ޓްރަސްޓެޑް ޓްރާންސެކްޝަން - ތިމާގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރި ގައުމީ އައިޑީ ސިސްޓަމެއް ގާއިމުކޮށް، ޚިދުމަތްތަކާއި ޑޭޓާ ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުން.
- އޯޕަން ޑޭޓާ ޝެއަރިން އެންޑް ގަވަނަންސް - ސްމާޓް، ހަލުވި އަދި ގުޅިފައިވާ ޑިޖިޓަލް ސިސްޓަމްތަކެއް ގާއިމުކުރުން.
- ސައިބާ ސެކިއުރިޓީ ފޯ ނޭޝަނަލް ރެޒިލިއަންސް - ގައުމީ ނިޒާމު ހިމާޔަތްކުރާ ވަރުގަދަ ސައިބާ ޑިފެންސް ސިސްޓަމެއް ގާއިމުކުރުން.
- ޒަމާނީ ގާނޫނީ އޮނިގަނޑަކަށް ޑިޖިޓަލް ޓްރަސްޓް އަދި ގަވަނަންސް - ތިމާގެ ހައްގުތައް ހިމާޔަތްކޮށް، ޑިޖިޓަލް ޚިދުމަތަށް އިތުބާރު އުފައްދައިދޭ ޒަމާނީ ގާނޫނުތައް އުފެއްދުން.
- ސެކިއުއާ އެންޑް ސޮވެރިން ޑިޖިޓަލް އިންފްރާސްޓްރަކްޗާ - މައުލޫމާތާއި ޑިޖިޓަލް މިނިވަންކަން ހިމާޔަތްކުރާ ނެޝަނަލް ކްލައުޑާއި، ޑޭޓާ ސެންޓަރުތަކާއި، އަރުޝީފުތައް ރައްކާތެރިކުރުން.
- ސިޓިޒަން ސެންޓްރިކް އީ-ގަވަމަންޓް ސާވިސަސް - އާންމު ޚިދުމަތްތަކަކީ އަވަސް، ފަސޭހަ އަދި ދެފުށް ފެންނަ ޚިދުމަތަކަށް ހެދުން.
- ސެކްޓޯރަލް ޑިޖިޓަލް ޓްރާންސްފޯމޭޝަން - ސިއްހީ ޚިދުމަތާއި، ތައުލީމާއި، އަދުލުއިންސާފާއި، ރައްޔިތުންގެ މަޖިލީސް ޒަމާނީކޮށް، މިހާރަށްވުރެ ހަރުދަނާ، އެންމެން ޝާމިލުވާ ގޮތަށް އާންމު ޚިދުމަތްތައް ފޯރުކޮށްދިނުން.
- އައިސީޓީ އިކޯސިސްޓަމް ޑިވެލޮޕްމަންޓް އެންޑް އިނޮވޭޝަން - މުސްތަގުބަލުގައި އިގްތިސޯދު ކުރިއަށް ގެންދިއުމަށްޓަކައި ދިވެހި ހުނަރުވެރިންނާއި ޑިޖިޓަލް އިންޑަސްޓްރީތައް ބާރުވެރިކުރުވުން.