ޑާކާގައި އޮތް އޭޝިއަން ޓޫރިޒަމް ފެއާގައި ބައިވެރިވެ، ރާއްޖެ އިޝްތިހާރުކޮށްފި

ބަންގްލަދޭޝްގައި އޮތް އޭޝިއަން ޓޫރިޒަމް ފެއާގައި ބަހައްޓާފައި ހުރި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ސްޓޯލްގައި އެ ކޯޕަރޭޝަނާއި މި ފެއާގައި ބައިވެރިވި ބައެއް އިސްވެރިން--- ފޮޓޯ: ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން

މިދިޔަ ހަފުތާ ބަންދުގައި ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ބޭއްވި މިއަހަރުގެ އޭޝިއަން ޓޫރިޒަމް ފެއާ (އޭޓީއެފް 2025)ގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ)އިން ބައިވެރިވެއްޖެއެވެ.

ވީއެމްސީން ބުނީ، މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހުން ހޮނިހިރު ދުވަހަށް ގެންދިޔަ މި ފެއާގައި އޭޝިއާގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ކުންފުނިތަކާއި ސަރުކާރުތަކުގެ މުއައްސަސާތަކުން ބައިވެރިވި ކަމަށާއި، މި ފެއާ މެދުވެރިކޮށް ވިޔަފާރިތަކާއި ކުންފުނިތަކާއި ސަރުކާރު މުއައްސަސާތަކުގެ މެދުގައި ގުޅުން ވަރުގަދަކޮށް، އެކުގައި ކުރިއަށް ދެވޭނެ ގޮތްގޮތާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ.

މި ފެއާގެ މައިގަނޑު ހަރަކާތުގެ ގޮތުގައި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ކުންފުނިތަކުގެ މެދުގައި ގުޅުން ބަދަހިކުރުން ހިމެނޭކަމަށާއި، އެގޮތުން ކުންފުނިތަކާއި މުއައްސަސާތައް ގުޅުވައިދޭ ޚާއްސަ މައުރަޒެއް ބޭއްވިކަމަށް ވީއެމްސީން ބުންޏެވެ.

އަދި މި ފެއާގެ އިތުރު އިވެންޓްތަކުގެ ގޮތުގައި، ގްރީން އިނިޝިއޭޓިވް ޝޯކޭސްއާއި، ކޮމިއުނިޓީ-ބޭސްޑް ޓޫރިޒަމް މާޓްސް، އަދި ފަތުރުވެރިކަމާ ގުޅުންހުރި ކޮންވެންޝަންތަކާއި، ސެމިނާ، ވޯކްޝޮޕްތަކުގެ އިތުރުން އާދަކާދަތަކާއި އާއި ސަގާފަތް ދައްކުވައިދޭ މިއުޒިކީ ހުށަހެޅުންތައް ވެސް ކުރިއަށް ގެންދިޔަ ކަމަށް ވެސް އެ ކޯޕަރޭޝަނުން މައުލޫމާތުދެއެވެ.

މި ފެއާ އާ ގުޅޭގޮތުން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީ ވިދާޅުވީ، އޭޓީއެފް 2025ގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ވިޔަފާރިތަކުން ފަތުރުވެރިންނަށް ތަފާތު ޕްރޮޑަކްޓްތައް ދައްކާލައި، މި ސިނާއަތުގެ ބައިވެރިންނާ ބައްދަލުކޮށް ގުޅުން ބަދަހިކުރުމަށް ފުރުސަތުތަކެއް ލިބުނު ކަމަށެވެ.

މިދިޔަ އަހަރު ބަންގްލަދޭޝްއިން ރާއްޖެއަށް އެކަނިވެސް 33،295 ފަތުރުވެރިން އައިސްފައިވެއެވެ. އެއީ 2023ވަނަ އަހަރާ އަޅާ ބަލާއިރު 17.5 ޕަސެންޓު އިތުރު އަދަދެކެވެ. ރާއްޖެއަށް 16ވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން އަންނަނީ ބަންގްލަދޭޝްއިންނެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި މަހުގެ 17ވަނަ ދުވަހުގެ ނިޔަލަށް މިއަހަރު ރާއްޖެ އައިސްފައިވަނީ 1،568،640 ފަތުރުވެރިންނެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 9.6 ޕަސެންޓު ފަތުރުވެރިން އިތުރު އަދަދެކެވެ. މި މުއްދަތުގައި މިދިޔަ އަހަރު ރާއްޖެ އައީ 1،430،757 ފަތުރުވެރިންނެވެ.

comment ކޮމެންޓް