ބޮލީވުޑް އެކްޓަރު ޝާހްރުކް ޚާނާ އެކު ފިލްމީ ދަތުރު ފެށި މަގުބޫލު ބަތަލާ ދީޕިކާ ޕަދުކޯން ޝާހުގެ ފިލްމު "ކިންގް"އިން ފެންނާނެކަން ބަތަލާ ކަށަވަރުކޮށްދީފިއެވެ.
އިންސްޓަގްރާމް މެދުވެރިކޮށް ކުރި ޕޯސްޓެއްގައި ދީޕިކާ ވަނީ ޝާހުއާ އެކު އަތުގުޅާލައިގެން އިން ފޮޓޯއެއް ސަޕޯޓަރުންނާ ހިއްސާކޮށް "ކިންގް"ގެ ނަން ޓެގްކޮށްފައެވެ.
މި ޕޯސްޓާ އެކު ދީޕިކާ ވަނީ ވަރަށް މާނަ ފުން ބަސްތަކެއް ވެސް ދޫކޮށްލާފައެވެ. އެގޮތުން، މީގެ 18 އަހަރުކުރިން ފިލްމު އިންޑަސްޓްރީއާ ގުޅުނުއިރު ޝާހުގެ ފަރާތުން ލިބުނު ފިލާވަޅުތަކުގެ އަލީގައި ފިލްމީ ދާއިރާއާ ގުޅުންހުރި ވަރަށް ގިނަ ނިންމުންތައް ނިންމާފައިވާ ކަމަށެވެ.
ޝާހުގެ ފަރާތުން ދަސްވި ވަރަށް ގިނަ ކަންކަމަކީ ހަގީގަތުގައި ވެސް ބަތަލާގެ ކެރިއަރަށް ހެޔޮ ބަދަލުތަކެއް ގެނުވައިދިން ކަންކަން ކަމަށާއި އޭގެ ނަތީޖާ ރަނގަޅުވުމުގެ އެންމެ ބޮޑު އެއް ހެއްކަކީ ދެ ތަރިން އެކީގައި ހަވަނަ ފިލްމެއްގައި މަސައްކަތްކުރުން ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

ދީޕިކާ އަދި ޝާހްރުކް ޚާން ފިލްމީ ހަފްލާއެއްގައި--ފޮޓޯ/އިންޑިއާފޯރަމްސް
ދީޕިކާ ބޮލީވުޑަށް ތައާރަފްވި ފިލްމަކީ ފަރާ ޚާން 1997 ވަނަ އަހަރު ޑައިރެކްޓްކޮށް ގެނެސްދިން "އޯމް ޝާންތީ އޯމް"އެވެ. ޝާހާއި ދީޕިކާ އެންމެ ފަހުން ކުޅެފައިވަނީ 2023 ވަނަ އަހަރު ރިލީޒްކުރި ޑައިރެކްޓަރު އެޓުލީގެ ފިލްމު "ޖަވާން"އެވެ.
ޝާހާއި ދީޕިކާ އެކީގައި ކުޅުނު މަގުބޫލު ފިލްމުތަކުގެތެރޭ "ހެޕީ ނިއު އިޔަ"، "ޕަތާން" އަދި "ޗެންނާއީ އެކްސްޕްރެސް" ހިމެނެއެވެ. ފިލްމު "ކިންގް"އަކީ މީގެ ކުރިން ވެސް ދީޕިކާއާ އެކު މަސައްކަތްކޮށްފައިވާ ޑައިރެކްޓަރު ސިދާތް އާނަންދުގެ އަމިއްލަ ފިލްމު ކުންފުންޏާއި ޝާހުގެ ހޯމް ޕްރޮޑަކްޝަން ރެޑް ޗިލީޒް އެންޓަޓެއިންމަންޓް ގުޅިގެން ގެނެސްދޭ ފިލްމެކެވެ.
ވަރަށް ބޮޑު ބަޖެޓަކުން އުފައްދާ މި ފިލްމަކީ ޝާހުގެ އަންހެން ދަރިފުޅު ސުހާނާ ޚާން ބޮޑު ސްކްރީނުން ފެންނާނެ ފުރަތަމަ ފިލްމެވެ.
ބަތަލާ ދީޕިކާ އިތުރު ފިލްމަކުން ފެންނާނެކަން ކަށަވަރުކޮށްދީފައިވަނީ ކުރިން މުހިއްމު ރޯލެއް ކުޅުނު ޑައިރެކްޓަރު ނާގް އަޝްވިންގެ ފިލްމު "ކަލްކީ"ގެ ދެވަނަ ބައިން ބަތަލާ ނުފެންނާނެކަން އިއުލާނުކުރުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އެ ފިލްމުގެ ޕްރޮޑަކްޝަން ޓީމަށް އަމާޒުވެފައިވަނިކޮށެވެ.