އުމުރުން 44 އަހަރުވެފައިވާ މެދު އުމުރުގެ މީހަކު މިހާރު ވެސް ކޮންމެ އަހަރަކު އޯލެވެލް އިމްތިހާނުގައި ބައިވެރިވަމުން އަންނަ ވާހަކަ ބުނުމުން ބައެއް މީހުންނަށް ހައިރާންކަން ލިބިދާނެއެވެ.
ޒުވާން އުމުރު ފުރައަށް އަރާފައި ތިބޭ ދަރިވަރުންތަކަކާ އެކު އިމްތިހާނު ހޯލްގައި ކޮންމެ އަހަރަކު ވެސް އިމްތިހާނަށް ވާންޖެހޭ ފުރިހަމަ ތައްޔާރީއާ އެކު ސިންގަޕޫރުގައި ދިރިއުޅޭ ޓިއުޝަން މުދައްރިސު ލިނުސް ލީން އަންނަނީ ބައިވެރި ވަމުންނެވެ.
އޯލެލެވް އިމްތިހާނުގައި ބައިވެރިވާ ގިނަ ދަރިވަރުންތަކަކަށް ޓިއުޝަން ނަގައިދޭ ލިނުސް އިމްތިހާނުގައި ބައިވެރިވަމުން އަންނަނީ 2015 ވަނަ އަހަރުން ފެށިގެންނެވެ.
ބައެއްފަހަރު ލިނުސް ކިޔަވައިދޭ މާއްދާތައް ކަމަށްވާ ފިޒިކްސް އަދި ކެމިސްޓްރީ ފަދަ އިމްތިހާނުތަކުގައި ބައިވެރިވާއިރު އޭނާ ތަމްރީނު ހޯދާފައިނުވާ މާއްދާތައް ކަމަށްވާ ބައޮލޮޖީ އަދި ބިޒްނަސް ސްޓަޑީސްއާ ގުޅުންހުރި މާއްދާތަކުގެ އިމްތިހާނު ވެސް އޭނާ ހަދައެވެ.

ލިނުސް އޭނާގެ ދަރިވަރުންނަށް ޓިއުޝަން ނަގައިދެނީ--ފޮޓޯ/އޭޝިއާވަން
އެ އިމްތިހާނުތަކަށް ތައްޔާރުވުމުގެ ގޮތުން އޭނާގެ ދަރިވަރުންނެކޭ އެއްގޮތަށް ލިނުސް ވެސް ރޭގަނޑު ހޭލާ ހުރެގެން ފިލާވަޅުތައް މުތާލިއާކޮށް ބައެއްފަހަރު އިމްތިހާނާ ގުޅިގެން އަންނަ ހާސްވުން އޭނާ ވެސް އިހުސާސްކުރާ ކަމަށް ވަނީ ބުނެފައެވެ. އެހެން ދަރިވަރުންނެކޭ އެއްގޮތަށް އެ ހެދި އިމްތިހާނުގެ ނަތީޖާ ނެރޭނެ ދުވަހަކަށް ކެތްތެރިކަމެއް ނެތި އޭނާ ވެސް އިންތިޒާރުކުރާ ކަމަށް ވަނީ ބުނެފައެވެ.
ލިނުސް ބައިވެރިވި ފުރަތަމަ އޯ-ލެވެލް އިމްތިހާނަށްފަހު އޭނާގެ ދަރިވަރުންނާ ބެހޭގޮތުން ވަރަށް ގިނަ ކަންކަން ނޭނގޭ ކަމުގެ އިހުސާސް ކުރެވުނު ކަމަށް އޭޝިއާ ވަންއަށް މައުލޫމާތު ދެމުން އޭނާ ވަނީ ބުނެފައެވެ.
އޭގެތެރޭގައި އިމްތިހާނާ ގުޅިގެން ގިނަ ދަރިވަރުންނަށް ކުރިމަތިވާ 'މެންޓަލް ސްޓްރެސް'، ޓައިމް މެނޭޖްމަންޓް ސްކިލްސް އަދި ބައެއް ދަރިވަރުން ތަހައްމަލުކުރާ އެންޒައިޓީ މައްސަލަ ވެސް އޭގެތެރޭ ހިމެނޭ ކަމަށް ވަނީ ބުނެފައެވެ.
އެކަންކަމަށް ހައްލެއް ހޯދުމަށް ދަރިވަރުންނަށް އެހީތެރިވެދެވޭނީ އޯ-ލެވެލް އިމްތިހާނުގައި ބައިވެރިވެގެންކަން އިހުސާސްކުރެވި އިމްތިހާނު ހަދަންދާ ހޯލް ތެރޭގައި ކޮންމެ ދަރިވަރަކު ވެސް އަމިއްލަ ނަފުސާ ކުރާ ހަނގުރާމަ އޭނާ ތަޖުރިބާ ކުރުމަށް ނިންމީ ކަމަށް ވަނީ ބުނެފައެވެ.
އޭނާގެ ދަރިވަރުންނަށް އެ ކަންކަމުން ހައްލު ހޯދޭނެ އުކުޅުތައް ކިޔައިދެނީ އަމިއްލަ ތަޖުރިބާގެ އަލީގައި ކަމަށް ލިނުސް ވަނީ ބުނެފައެވެ. އެހެންވެ ކޮންމެ އަހަރަކު ވެސް އޯ-ލެވެލް އިމްތިހާނަށް ތައްޔާރުވެ އިމްތިހާނުގައި ބައިވެރިވުމަކީ މިހާރު އޭނާގެ ދިރިއުޅުމުގައި އިސްކަންދޭ އެންމެ މުހިއްމު އެއް ކަންތައް ކަމަށް ލިނުސް ވަނީ ބުނެފައެވެ.
ލިނުސް ދަރިވަރުންނަށް ޓިއުޝަން ނަގައިދޭން ފެށީ ނެޝަނަލް ޔުނިވަސިޓީ އޮފް ސިންގަޕޫރުގައި ކިޔަވަން އުޅުނު ދުވަސްވަރު ކޮންމެވެސް ކަހަލަ ލުއި (ޕޮކެޓް) އާމްދަނީ ހޯދުމުގެ ބޭނުމުގައެވެ.
އެހެންނަމަވެސް 2001ވަނަ އަހަރު ކުރަން ފެށި އެ މަސައްކަތް 2007 ވަނަ އަހަރުވީ އިރު ފުލް ޓައިމް ވަޒީފާއަކަށް ބަދަލުވެ ދަރިވަރުންގެ މުދައްރިސަކަށް ވުމަށް އޭނާ ނިންމި ކަމަށް ވަނީ ބުނެފައެވެ.
ލިނުސް ވަނީ 'ކީނޯޓް ލާނިންގް'ގެ ނަމުގައި 2016ވަނަ އަހަރު ތައުލީމު އުނގަންނައި ދިނުމުގެ އިތުރުން ދަރިވަރުންގެ މުސްތަގްބަލް ބައްޓަން ކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބޭނުމުގައި ހާއްސަ ސެންޓަރެއް ވެސް އުފައްދާފައެވެ.
ލިނުސް ބުނި ގޮތުގައި އިމްތިހާނުތަކުން ހޯދާ މަތީ ގްރޭޑްތަކުގެ ސަބަބުން ދަރިވަރުންނަށް ކުރިމަގުގައި ފުރުސަތުތަކެއް ލިބި އާ ދޮރުތަކެއް ހުޅުވޭނެއެވެ.
އެހެންނަމަވެސް ކޮންމެ މާހައުލަކަށް ވެސް ކުރިމަތިވާ ގޮންޖެހުންތަކާއި މައްސަލަތައް ހައްލު ކުރުމުގެ ހުނަރާއި، އުފެއްދުންތެރިކަމާއި ގުޅިގެން އެކީގައި ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ސިފަ ވަރަށް މުހިއްމު ކަމަށް ލިނުސް ވަނީ ބުނެފައެވެ.