ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މިދިޔަ މަހު 52 މިލިއަނުގެ އެހީ، ދަފުތަރަށް 107 މީހަކު އިތުރުވި

ޚާއްސަ އެހީއަށް ބޭނުންވާ ދެ މީހަކު ފުރޮޅުލީ ގޮނޑީގައި: ނުކުޅެދުންތެރިކަން ހުންނަ 14،492 ފަރާތަކަށް މިހާތަނަށް އެހީތެރިކަން ދީފައިވޭ -- ފޮޓޯ/ ބީއެމްއެލް

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މާލީ އެހީގެ ގޮތުގައި މިދިޔަ މަހު 52.7 މިލިއަން ރުފިޔާ ދީފައިވާއިރު، އެ މުއްދަތުގައި ދަފުތަރަށް 107 މީހަކު އިތުރުވެފައިވާ ކަމަށް ތަފާސްހިސާބުން ދައްކައިފިއެވެ.

އިޖުތިމާއީ އެހީ ފޯރުކޮށްދޭ ޖަމިއްޔާ، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)އިން މިއަދު އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން އޮގަސްޓު މަހުގެ ނިޔަލަށް، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައި ޖެހިފައިވާ މީހުންގެ އަދަދު 14،673އަށް އަރައެވެ.

އެއާއަޅައިބަލާއިރު މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް އެ ދަފުތަރުގައި ތިބީ 14،566 މީހެކެވެ.

މިހާރު އެ ދަފުތަރުގައި ތިބި މީހުންގެ ތެރޭގައި 6،143 އަންހެނުންނާއި 8،530 ފިރިހެނުން ހިމެނެއެވެ. އޭގެ ތެރޭގައި 18 އަހަރުން ދަށުގެ 4،916 ކުދިން ހިމެނެއެވެ.

އެ ތަފާސްހިސާބުތަކުން ހާމަވާގޮތުގައި މިދިޔަ މަހު ނުކުޅެދުންތެރިކަމުގެ ދަފުތަރުގައި 18 އަހަރުން ދަށުގެ 38 ކުއްޖަކު ރަޖިސްޓްރީކޮށްފައިވެއެވެ. އަދި 18 އަހަރާއި 64 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން 51 މީހަކު މި ދަފްތަރުގައި ރަޖިސްޓްރީވިއިރު، 65 އަހަރުން މަތީގެ 18 މީހަކުވެސް މި ދަފްތަރުގައި ރަޖިސްޓްރީވެފައިވެއެވެ.

ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި މާލީ ތަފާސްހިސާބުތަކުގައިވާ ގޮތުން، މިމަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް އެންސްޕާއަށް 2.09 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އެއީ އެ އިދާރާއަށް މިއަހަރުގެ ދައުލަތުގެ ބަޖެޓުން ކަނޑައަޅާފައިވާ 3.93 ބިލިއަން ރުފިޔާގެ 53.2 ޕަސެންޓެވެ.

comment ކޮމެންޓް