ނިމުނު ސެޕްޓެމްބަރު މަހުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރަޕީއަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން ޖުމުލަ ހަތް މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފިއެވެ.
އެ އިދާރާއިން ވަނީ، ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ތެރަޕީއަށް މިދިޔަ މަހު ހިނގި ޚަރަދުގެ ތަފްސީލުތައް އާންމުކޮށްފައެވެ.
އެގޮތުން، ޖުމުލަ 7.7 މިލިއަން ރުފިޔާ މިދިޔަ މަހު ތެރަޕީތަކަށް އެންސްޕާއިން ޚަރަދުކޮށްފައިވެއެވެ. އޭގެތެރެއިން އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ، ބިހޭވިއާ ތެރަޕީއަށެވެ. އެ ތެރަޕީގެ 235 މީހުންނަށް ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
ދެން އެންމެ ގިނައިން އެހީ ފޯރުކޮށްދިނީ އޮކިއުޕޭޝަނަލް ތެރަޕީއަށެވެ. އެ ތެރަޕީއަށް 1.8 މިލިއަން ޚަރަދުކުރިއިރު، ސްޕީޗް ތެރަޕީއަށް އެންސްޕާއިން ވަނީ 1.7 މިލިއަން ހޭދަކޮށްފައެވެ.
ދެން އެންމެ ގިނަ މީހުން އެހީއަށް އެދިފައި ވަނީ، އާލީ އިންޓަވެންޝަން ތެރަޕީއާއި އެޑިއުކޭޝަނަލް ތެރަޕީއަށެވެ. އޭގެ ތެރެއިން ކޮންމެ ތެރަޕީއަކަށް ނުވަ ލައްކައަށް ވުރެ ގިނަ ރުފިޔާ މިދިޔަ މަހު އެންސްޕާއިން ޚަރަދުކުރިއެވެ.
މިދިޔަ މަހު އެންމެ ކުޑަ ޚަރަދެއް ކޮށްފައި ވަނީ ފިޒިއޯތެރަޕީއަށެވެ. މި ތެރަޕީއަށް ހޭދަކުރީ 103،922 ރުފިޔާއެވެ.
މި ހުރިހާ ތެރަޕީތައް ހިމަނައިގެން ޖުމުލަ އެންސްޕާއިން މިދިޔަ މަހު މާލީ އެހީ ފޯރުކޮށްދިނީ ނުކުޅެދުންތެރިކަން ހުންނަ 290 މީހުންނަށެވެ. އެއީ، 212 ފިރިހެނުންނާއި 78 އަންހެނުންނެވެ.
ފާހަގަކުރެވޭ ގޮތުގައި، މިދިޔަ އޮގަސްޓު މަހުގައި ވެސް އެންސްޕާއިން ތެރަޕީތައް ނެގުމަށް އެހީގެ ގޮތުގައި ޚަރަދުކުރީ ހަތް މިލިއަން ރުފިޔާއެވެ.