ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން މިދިޔަ މަހު، އޭޑީކޭ ހޮސްޕިޓަލާއި ޓްރީ ޓޮޕް ހޮސްޕިޓަލުގައި އެދުމަތިކުރުމުން ބޭސްފަރުވާގެ އެހީއަށް އެދުނު ކޭސްތަކަށް 8.6 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ތަފާސްހިސާބުން ދައްކައިފިއެވެ.
އެންސްޕާއިން ވަނީ، މިދިޔަ މަހު އެ އިދާރާއިން ބޭސްފަރުވާއަށް ފޯރުކޮށްދީފައިވާ އެހީގެ ތަފުސީލު ހާމަކޮށްފައެވެ. އޭގެ ތެރޭގައި، ބޭސްފަރުވާގެ ޚަރަދު ކުރުމަށް ދަތިވާ މީހުން ރާއްޖޭގެ ޕްރައިވެޓް ހޮސްޕިޓަލްތަކުން އެދުމަތިކޮށްގެން ހޯދައިފައިވާ ފަރުވާއަށް ދިން އެހީގެ ތަފުސީލު ވެސް ހިމެނެއެވެ.
އެ ތަފާސްހިސާބުން ދައްކާ ގޮތުގައި، މިދިޔަ މަހު އޭޑީކޭއަށް 3.6 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ޓްރީ ޓޮޕް ހޮސްޕިޓަލަށް ފަސް މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އެއީ ދެ ހޮސްޕިޓަލުން ފަރުވާ ހޯދައިގެން އެހީއަށް އެދުނު 479 ކޭސްއެއްގައެވެ.
އެ ތަފާސްހިސާބުން ދައްކާ ގޮތުގައި، ޓްރީޓޮޕްގައި އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ ކުޑަކުދީންގެ ބަލިތަކުގެ ފަރުވާއަށެވެ. އެއީ 25 ކޭސްއެއްގައި، 1.31 މިލިއަން ރުފިޔާއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގައި ލޮލުގެ ފަރުވާ ދިނުން: އެ ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާ ދިން މީހުންނަށް އެންސްޕާއިން މިދިޔަ މަހު ފަސް މިލިއަން ޚަރަދުކުރި -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ދެވަނައަށް އެންމެ ބޮޑު ޚަރަދެއް ކުރީ ކަށީގެ ބަލިތަކުގެ 50 ކޭސްއެއްގައެވެ. އެއީ 902،611 ރުފިޔާއެވެ. އަދި ވިހެއުމާ ގުޅޭ 66 ކޭސްއެއްގައި، 600،536 ރުފިޔާ ޚަރަދުކޮށްފައިވެއެވެ.
އެންސްޕާއިން އޭޑީކޭއަށް އެންމެ ބޮޑު ޚަރަދުކޮށްފައިވަނީ ކާޑިއޯވެސްކިއުލާ ނުވަތަ ހިތާއި ލޭނާރުތަކާ ގުޅުން ހުރި ބަލިތަކަށް ހޯދި ފަރުވާއަށެވެ. އެއީ، އެހީއަށް އެދުނު 16 ހާލަތަކަށް 1.08 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު ޚަރަދެއް ކުރީ މައިބަދައާއި ނާރުގެ ބަލިތަކަށެވެ. އެއީ 703،829.19 ރުފިޔާއެވެ.
މިދިޔަ އޮގަސްޓު މަހު ވެސް އެންސްޕާއިން ޕްރައިވެޓް ހޮސްޕިޓަލްތަކަށް ޚަރަދުކޮށްފައިވަނީ 8.6 މިލިއަން ރުފިޔާއެވެ. އަދި އެ މަހު ވެސް އެންމެ ބޮޑު ޚަރަދެއް ދިޔައީ ޓްރީ ޓޮޕް ހޮސްޕިޓަލަށެވެ. އެ ހޮސްޕިޓަލަށް 4.8 މިލިއަން ޚަރަދުކުރިއިރު އޭޑީކޭއަށް 3.8 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.
ބޭސް ފަރުވާގެ އިތުރުން، ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށާއި އެކަނި ދަރިން ބަލަހައްޓާ މައިންނާއި ބަފައިންނާއި އެހެނިހެން ބެލެނިވެރިންނަށް ވެސް އެންސްޕާއިން އެހީ ފޯރުކޮށްދެއެވެ.