ކެންސަރުގެ ހަތަރުވަނަ ސްޓޭޖްގައި ހުރި މަންމައަށް ބޭނުންވާ ބޭސް ނުލިބިގެން މީގެ ދެ ދުވަހެއް ކުރިން ސޯޝަލް މީޑިއާގައި އާންމު ރައްޔިތަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ މީހާ ފޭސްބުކްގައި ކުރި ޕޯސްޓުގައި ވަނީ އެސްޓީއޯ މެދުވެރިކޮށް މީގެ ކުރިން ބޭސް ގެނައި ނަމަވެސް، މިހާރު އެގޮތަށް ބޭސް ނުލިބޭ ކަމަށެވެ. އަނެއް ބަޔަކު ބުނެފައިވަނީ ބޭހުގެ ސިޔާސަތު ހަރުކަށިކޮށްފައިވާ ކަމަށެވެ.
ބޭސް ހޯދުމަކީ ވަރަށް ހައްސާސް މައުޟޫއެއް ކަމަށްވުމުން، "ސަން"އިންވަނީ ކަމާ ބެހޭ ފަރާތްތަކާ މިކަމާ ގުޅޭގޮތުން ވާހަކަދައްކައި ސޯޝަލް މީޑިއާގައި ދެކެވޭ ތަފާތު ވާހަކަތަކާ ގުޅޭ ޖަވާބުތަކެއް ހޯދައިފައެވެ.
އެންސްޕާއިން ވާހަކަދެއްކެވި އޮފިޝަލް ވިދާޅުވި ގޮތުގައި، ބައެއް ހާލަތުގައި ބޭސް ނުލިބެން ދިމާވާ އެކި ސަބަބުތައް ހުރެއެވެ. އޭގެތެރެއިން އެއް ސަަބަބަކީ، ޑޮކްޓަރު ލިޔެދޭ ބޭހަކީ ރާއްޖޭގައި ނެތް ބޭހަކަށް ވުމެވެ. ނުވަތަ އެ ބޭހެއް ރާއްޖޭގައި ރެޖިސްޓާކޮށްފައި ހުއްޓަސް، ބޭހެއް ލިބެން ނެތުމެވެ.
އޭގެ އިތުރަށް، ރެޖިސްޓާކޮށްފައި، ބޭސް ލިބެން ހުއްޓަސް އާސަންދަ ނުލިބޭ ބޭސްތައް ވެސް އެބަހުރެއެވެ. އަދި އާސަންދަ ލިސްޓުގައި ހިމެނިފައިވީ ނަމަވެސް ފާމަސީތަކުން ލިބެންނުހުންނަ ބޭސް ވެސް ހުރެއެވެ.
އެހެންކަމުން ރައްޖެއިން ނުލިބޭ ބޭސް ރައްޔިތުންނަށް ފޯރުކޮށްދެމުން ދަނީ އެސްޓީއޯ މެދުވެރިކޮށް، އެންސްޕާއިން ފަންޑުކޮށްގެންނެވެ.
ރާއްޖެއިން ނުލިބޭ ބޭހެއް ހޯދަން ހަދަން ޖެހޭނީ ކިހިނެއް؟
ޑޮކްޓަރަކު ލިޔެދީފައިވާ ބޭހަކީ ރާއްޖެއިން ނުލިބޭ ބޭހެއްކަން ޔަގީންވާނަމަ:
- މައި އާސަންދަ ޕޯޓަލް އަށް ލޮގިންވެލައްވާށެވެ.
- އެހީ ހޯދަން އެދޭ މީހާގެ މަޢުލޫމާތާއި ތަފުސީލް ފުރިހަމަ ކޮށްލައްވާށެވެ.
- އެއަށްފަހު ބޭސް ހޯދުމަށް އިންނަ އޮޕްޝަން ޚިޔާރު ކުރައްވާށެވެ.
- އޭގެ ފަހުން ޑޮކްޓަރު ދީފައިވާ ބޭސް ސިޓީ އަޕްލޯޑް ކޮށްލައްވާށެވެ.
- މި މަރުޙަލާ ފުރިހަމަވުމުން އެ މީހާގެ ކޭސްއެއް ކްރިއޭޓް ކުރެވުނީއެވެ.
- ކޭސް ކްރިއޭޓް ކުރެވުމުން އެޕްލިކޭޝަން ހުށަހެޅި ފަރާތަށް ކޭސް ނަމްބަރެއް އެސްއެމްއެސްގެ ޒަރީޢާއިން ލިބޭނެއެވެ.
- އެއަށްފަހު އެންސްޕާއިން ބޭސް އެޕްރޫވްވި ކަމާއި އެސްޓީއޯއަށް ބޭސް ގަންނަން ފޮނުވި ކަމުގެ މަޢުލޫމާތު އެސްއެމްއެސްގެ. ޒަރީޢާއިން ލިބޭނެއެވެ.
- އެސްޓީއޯއިން ބޭސް ގަތުމަށްފަހު އެ ފަރާތަކަށް އަންގާނެއެވެ.
އައިޖީއެމްއެޗު ސަރަހައްދުން ދެމީހަކު މާސްކު އަޅައިގެން: ބޭސް ނުލިބިގެން މިހާރު ހުށަހަޅަން ޖެހޭނީ ވިރަ ފޯމު މެދުވެރިކޮށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ވަރަށް ގިނަ ބޭސް ލިޔެދީފައިވާ ބޭސް ސިޓީއެއް ހިފައިގެން ފާމަސީއަށް ދިއުމުން އޭގެ ތެރޭގައި ރާއްޖެއިން ނުލިބޭ ބޭހެއް ނުވަތަ ބޭސްތަކެއް ހުރިކަމަށް ބުނެފިނަމަވެސް ޢަމަލު ކުރާނީ ހަމަ އެގޮތަށެވެ. އަދި ރާއްޖޭގައި ބޭހެއް އެ ވަގުތަކު ލިބެން ނެތުމުން، އެ ބޭހެއް ހޯދަން ވެއްޖެ ނަމަވެސް ޢަމަލުކުރާނީ އެގޮތަށެވެ.
މިގޮތަށް ބޭސް ސިޓީ ހުށަހަޅައި، އެޕްރޫވްކޮށްގެން ހޯދަންޖެހޭ ބޭހުގެ ތެރޭގައި ތެލަސީމިއާއާއި ކެންސަރަށް ފަރުވާކުރާ ފަރާތްތަކުގެ އެއްވެސް ބޭހެއް ނުހިމެނެއެވެ. އެ ބޭސްތައް ހޯދަން އެޕްރޫވަލް ހޯދާކަށް ނުޖެހޭނެއެވެ.
ކުރިން ޢަމަލު ކުރަމުން އައީ ކިހިނެއް؟
މިފަދަ ބޭސް ހޯދަން މީގެ ކުރިން ޢަމަލުކުރަން ޖެހޭ ގޮތަކީ، ބޭސް ސިޓީ ހިފައިގެން އެސްޓީއޯއަށް ދިޔުމެވެ. ނުވަތަ އެސްޓީއޯގެ ޕޯޓަލްއަކަށް ސަބްމިޓް ކުރަނީއެވެ. ބޭސް ސިޓީ ހުށަހެޅުމަށްފަހު އެޕްރޫވްވުމާ ދޭތެރޭ ގިނަ ދުވަސްތަކެއް ހޭދަވެއެވެ. ބޭސް އެޕްރޫވްވެ ލިބުމުގައިވެސް ވަގުތުތަކެއް ހޭދަވެއެވެ.
އެހެންނަމަވެސް، ސީދާ މައި އާސަންދަ ޕޯޓަލްއަށް ބޭސް ސިޓީ ހުށަހެޅުމުން، އެސްޓީއޯއަށް ބޭސް ޕްރޮކިއު ކުރަން ފޮނުވެނީ އެޕްރޫވަލްއާ އެކީގައެވެ. އަދި ރާއްޖެއިން ނުލިބޭ ބޭހެއްކަން ޔަގީންވާނަމަ ބޭސް ފިހާރައަށް ބޭސް ސިޓީ ހިފައިގެން ދިއުމުގެ ބަދަލުގައި އޮންލައިންކޮށް ބޭސް ހޯދުމަށް އެޕްލައި ކުރެވޭނެއެވެ.
ބޭސް ސިޓީއާއެކު އިތުރު ލިޔެކިޔުން ހުށަހަޅަން ޖެހޭތަ؟
ބޭސް ހޯދުމަށް މައި އާސަންދަ ޕޯޓަލްއަށް ރިކުއެސްޓް ކުރާއިރު ބޭސް ސިޓީ ފިޔަވާ އެއްވެސް އިތުރު ލިޔެކިޔުމެއް ހުށަހަޅާކަށް ނުޖެހޭނެއެވެ. ބޭހުގެ ކޯޓޭޝަނެއް ލިބިފައިވާނަމަ ކޯޓޭޝަން ހުށަހެޅިދާނެއެވެ. ކޯޓޭޝަނެއް ނެތްނަމަ ބޭސް ސިޓީ އެކަނި ހުށައެޅުމުން ފުދެއެވެ. އެމީހާގެ ކުރީގެ މެޑިކަލް ހިސްޓްރީ ނުވަތަ ކުރީގެ ޓެސްޓްތަކުގެ ކޮޕީފަދަ ލިޔެކިޔުން ވެސް ހުށަހަޅާކަށް ނުޖެހެއެވެ.

މީހަކު ފިހާރައެއްގައި މާސްކު އަޅައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އާސަންދަ, އެންސްޕާއިން ކަވަރުނުކުރާ ބޭސް ހުރެދާނެތަ؟
އާސަންދަ ސްކީމުން ވެސް އަދި މެޑިކަލް ވެލްފެއާ ނުވަތަ އެންސްޕާއިންވެސް ކަވަރު ނުކުރާ ބޭސް ހުންނާނެއެވެ. އެއީ އާސަންދަ އުފެދުނީއްސުރެ ވެސް ސްކީމްގެ ދަށުން ކަވަރުނުކުރާ ކެޓަގަރީގައި ހިމެނޭ ބޭސްތަކެވެ. އޭގެ ތެރޭގައި:
- ޑޮކްޓަރުގެ ލަފައަކާނުލާ ގަންނަ ބޭސް
- ކާނާގެ ބާވަތްތަކާއި ކާނާގެ ބައިތައް ހަށިގަނޑަށް ލިބިދިނުމުގެ ގޮތުން ތައްޔާރުކޮށްފައިވާ އެކިކަހަލަ ސަޕްލިމެންޓްތަކާއި އަދި މިނޫންވެސް ރީތިވުމަށް ބޭނުންވާ ސާމާނު (ޑޮކްޓަރު ބޭސް ސިޓީގައި ލިޔެދެއްވި ކަމުގައިވިޔަސް)
- ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށް ޚާއްސަކޮށް ދޭ ބޭސް.
- ވެކްސިން
- ކޮމްޕްލިމެންޓަރީ މެޑިސިން (އަޔުރްވެދިކް، ޔޫނާއި، އެކިއުޕަންޗަރ، ދިވެހި ބޭސް، ޗައިނީޒް މެޑިސިން) އަދި މިނޫންވެސް މިފަދަ ބޭސްތައް.
- ޖިންސީ ފުއްދުންތެރިކަން އިތުރުކުރުމަށް ބޭނުންކުރާ ބޭސް.
ދެމީހަކު މާސްކު އަޅައިގެން ބޭސްތަކެއް ކައިރީ: މިހާރު ނުލިބޭ ބޭހަށް އެދި ހުށަހަޅަން ޖެހޭ ނިޒާމު ވަނީ ބަދަލުވެފައި -- ސަން ފޮޓޯ: ފަޔާޒު މޫސާ
ބޭސް ފޯރުކޮށްދިނުމުގެ ޕޮލިސީ ހަރުކަށިކުރީތަ؟
އެންސްޕާއިން ވަނީ، ބޭސް ފޯރުކޮށްދިނުމުގެ ސިޔާސަތު އެއްވެސް ގޮތަކަށް ހަރުކަށިކޮށްފައި ނުވާކަމަށް ބުނެފައެވެ. އެ އިދާރާގެ އޮފިޝަލް ވިދާޅުވި ގޮތުގައި، ހަމައެކަނި އައި ބަދަލަކީ އެސްޓީއޯއަށް ނުވަތަ އެސްޓީއޯގެ ޕޯޓަލްއަށް ހުށަހަޅާ ބޭސް ސިޓީ މައި އާސަންދަ ޕޯޓަލްއަށް ހުށަހަޅަން ޖެހުމެވެ. އެގޮތަށް ބަދަލުކުރުމުން ބޭސް ހޯދުމަށް ކުރިއަށް ގެންދާ ޕްރޮސެސް އިތުރަށް ހަރުދަނާކުރުމަށް މަގުފަހިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"މީގެ ކުރިންވެސް ޢަމަލު ކުރަމުންއައި ޕޮލިސީއަށް މިހާރުވެސް ޢަމަލު ކުރަނީ. މިހާރު ލިޔެދޭ ބޭސްސިޓީތަކުގައި ހުރޭ ރާއްޖެއިން ނުލިބޭ ވަރަށް ގިނަ ބޭސް. އެހެންކަމުން އެއިން އެއްވެސް ބޭހެއް ރިޖެކްޓެއް ނުކުރާނެ،" އޮފިޝަލް ވިދާޅުވިއެވެ.
"އެންސްޕާއަކީ ބޭސް ހޯދުމަށް އެހީ ފޯރުކޮށްދޭ ތަނެއް. އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖެއިން ނުލިބޭ ބޭސް ގަތުމަށް ހުށައަޅާ ހުރިހާ ފަރާތަކަށްވެސް އެހީވުން. އަދި އެ ބޭސް އަވަސް ގޮތެއްގައި ލިބޭނެ މަގު އެހެން އިދާރާތަކާ ގުޅިގެން ހޯދައި ދިނުން."
އޭނާ ވިދާޅުވީ، ބޭހުގެ ދާއިރާ ތަރައްގީވެ ކުރިއަރަމުން އަންނަ ވަރަކަށް ދުނިޔޭގެ މާކެޓްގައި ހުންނަ ތަފާތު ބޭސްތައް ރާއްޖެއަށް ވެސް ތައާރަފުވާ ކަމަށެވެ. އޭގެ ތެރޭގައި ޓެސްޓިން މަރުޙަލާގައި ހުންނަ ބައެއް ބޭސްތައް ހިމެނޭއިރު، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ރާއްޖޭގައި ބޭނުން ކުރަން ހުއްދަ ދީފައިނުވާ ބޭސްތައް ހޯދަން ވެސް ބައެއް ފަހަރު އެހީއަށް އެދޭކަން އޮފިޝަލް ފާހަގަކުރެއްވިއެވެ.އެގޮތަށް ހުއްދަ ނެތި ޕްރިސްކްރިޕްޝަނަށް ގެންނަ ބޭހުގެ ރައްކާތެރިކަން ކަށަވަރުނުވުމަކީ އޮތް ވަރަށް ބޮޑު ކަންބޮޑުވުމެއްކަން އޭނާ ފާހަގަކުރިއެވެ.
އެހެންކަމުން ބޭސް އެޕްރޫވް ކުރުމުގެ ޕޮލިސީ ހަރުކަށިކޮށްފައިނުވާ ކަމާއި، ގެނައި ހަމައެކަނި ބަދަލަކީ، އެސްޓީއޯގެ ޕޯޓަލްގެ ބަދަލުގައި މައި އާސަންދަ ޕޯޓަލްއަށް ބޭސް ސިޓީ ހުށަހަޅަން ޖެހުންކަން އޮފިޝަލް ތަކުރާރުކުރެއްވިއެވެ.