އަރިއަން ބަންދުކުރި މައްސަލައިގެ ވަކާލާތަށް ކުރީގެ އެޓާނީ ޖެނެރަލް އެއްބަސްވީ މިހެންވެ

ބޮލީވުޑް އެކްޓަރު ޝާހްރުކް ޚާން އަންހެނުން ގޯރީ އަދި ދަރިފުޅު އަރިއަން ޚާންއާ އެކު--ފޮޓޯ/ފިލްމުފެއަ

މިދިޔަ ބުރާސްފަތި ދުވަހު ނެޓްފްލިކްސްގައި ޕްރީމިއާކުރި އަރިއަން ޚާންގެ "ބޭޑްސް އޮފް ބޮލީވުޑް"އާ އެކު އަރިއަންގެ މަސައްކަތަށް ގިނަ ބަޔަކު ތައުރީފުކުރަމުން އަންނައިރު މީގެ އަހަރުތަކެއް ކުރިއަން އަރިއަން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ދުވަސްތަކުގެ ހަނދާން ގިނަ ބަޔަކު ވަނީ ކޮށްފައެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގައި ތުހުމަތުގައި އަރިއަން ހައްޔަރުކުރި ހާދިސާއަށް އަންނަ މަހު ހަތަރު އަހަރުވާނެ އިރު އެއީ އިންޑިއާގެ އެންމެ ނުފޫޒުގަދަ ފިލްމީ ތަރި ޝާހްރުކް ޚާންގެ އާއިލާއަށް ބޮޑު ސިހުމެއް ގެނުވައިދިން ހާދިސާއެކެވެ.

ޝާހު އަކީ ކިތަންމެ ނުފޫޒުގަދަ އިންޑިއާގެ އެންމެ މަތީ ފަންތީގެ މީހުންނާ ގުޅުން އޮތް އެކްޓަރަކަށްވީ ނަމަވެސް އަރިއަންއަށް ކުރި ތުހުމަތުތަކާ ގުޅިގެން ދަރިފުޅު ހައްޔަރު ކުރުމުން ޝާހު މަސައްކަތްކުރީ ޤާނޫނީ އިމުގެ ތެރެއިން ދަރިފުޅު ސަލާމަތް ކުރުމަށެވެ.

އިންޑިއާގެ ކުރީގެ އެޓާނީ ޖެނެރަލް އަދި ސީނިއަ ކައުންސިލް މެމްބަރު މުކުލް ރޮހާތުގީ--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ދާދިފަހުން އިންޑިއާގެ ޓީވީ ޗެނަލަކަށް ދިން އިންޓަވިއުއެއްގައި އަރިއަންގެ މައްސަލައިގައި އިސް ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އިންޑިއާގެ ކުރީގެ އެޓާނީ ޖެނެރަލް އަދި ސީނިއަ ކައުންސިލް މެމްބަރު މުކުލް ރޮހާތުގީ ވަނީ އަރިއަންގެ މައްސަލަ އޭނާ ލިބިލެއްވި ގޮތާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ.

އިންޑިއާގެ އެންމެ ވަރުގަދަ ޤާނޫނީ ވަކީލުންގެތެރޭ ހިމެނިވަޑައިގަންނަވާ މުކްލް ރޮހާތުގީ ވިދާޅުވި ގޮތުގައި ޝާހުގެ ދަރިފުޅުގެ މައްސަލަ ބަލައި ދިނުމަށް އެދި އެކްޓަރުގެ ފަރާތުން އެންމެ ފުރަތަމަ ގުޅީ ޝާހުއާ ގާތް ގުޅުމެއް އޮންނަ މީހެއް ކަމަށެވެ.

ނަމަވެސް އޭރު މުކުލް ހުންނެވީ ޗުއްޓީ ދަތުރެއްގައި ލަންޑަންގައި ކަމަށާއި ދުވަސްވަރަކީ ކޮވިޑް ދުވަސްވަރަށްވާތީ އެ މައްސަލަ ބަލައިދެވެން ނެތް ކަމަށް އެ މީހަކަށް އެންގެވި ކަމަށް މުކުލް ވަނީ ވިދާޅުވެފައެވެ.

އޭގެފަހުން ކޮންމެވެސް ގޮތަކަށް ޝާހު މުކުލްގެ ނަމްބަރު ހޯދައިގެން ގުޅި ކަމަށާއި ޝާހުއަށް ވެސް ދެއްވީ ހަމަ އެއް ޖަވާބެއް ކަމަށް މުކުލް ވިދާޅުވިއެވެ.

ނަމަވެސް ޝާހު އަކީ ވަރަށް މޮޅު އެކްޓަރެއް ކަމަށާއި އޭނާ އެދުނީ މުކުލްގެ އަންހެނުންނާ ވާހަކަ ދައްކާލަން ކަމަށް ސީނިއަ އެޑްވޮކޭޓް ވަނީ ހާމަކުރައްވާފައެވެ. އަރިއަންގެ މައްސަލައިގައި ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރުމަށް މުކުލް އެއްބަސްވެވަޑައިގެންނެވީ އަންހެނުންގެ އެދުމުގެ މަތިން ކަމަށް ވަނީ މި އިންޓަވިއުގައި ވިދާޅުވެފައެވެ.

ޝާހު މުކުލްގެ އަންހެނުންގެ ގާތު އެދުނީ އެ މައްސަލަ ބެލުމަށް އެދި ގުޅީ ބައްޕައެއް ކަމަށާއި ފިލްމީ ތަރިއެއް ނޫން ކަމަށް ދުށުމަށް ކަމަށް މުކުލް ދެއްވި އިންޓަވިއުގައި ވަނީ ވިދާޅުވެފައެވެ.

ދަރިފުޅުގެ ޖަލުގެ ތޭރިތަކުން ސަލާމަތް ކުރުމަށް ޝާހު ބޭނުންވެފައިވާ މިންވަރު ދޭހަވީ މުކުލް އިންޑިއާއަށް ދަތުރުކުރުމަށް ޕްރައިވެޓް ޖެޓެއް ހަމަޖައްސާ ވާހަކަ ބުނުމުން ކަމަށާއި ނަމަވެސް މުކުލް އަކީ ކުދި ކުދި ޖެޓުތަކުގައި ދަތުރުކުރައްވަން ބޭނުންވެލައްވާ ބޭފުޅަކަށް ނުވުމުން މުމްބާއީއަށް އެނބުރި ވަޑައިގެންނެވީ އާދައިގެ މަތިންދާބޯޓެއްގައި ކަމަށް ވަނީ ވިދާޅުވެފައެވެ.

އަރިއަންގެ ޖަލުން މިނިވަންވުމާ ހަމައަށް ކޯޓު އަޑުއެހުންތައް ގާތުން ބަލައި އެކަމަށް ވަކީލުންގެ ޓީމުން ތައްޔާރުވާ މަންޒަރު ބެލުމަށް ޝާހު މަޑުކޮށްލައިގެން ހުރީ މުކުލް ވެސް ހުންނެވި ހޮޓަލުގައި ކަމަށާއި ވަކީލުންނާ އެކު ކޯޓު އަޑުއެހުންތަކަށް ބޭނުންވާ ހުރިހާ މައުލޫމާތެއް އެއްކުރުމުގައި ޝާހު ވެސް ބައިވެރިވި ކަމަށް މުކުލް ވަނީ ވިދާޅުވެފައެވެ.

ކަފާލާތުގެ ދަށުން އަރިއަން ދޫކޮށްލުމާ އެކު މުކުލް އެނބުރި ލަންޑަނަށް ދަތުރު ކުރެއްވި ކަމަށާއި ބައްޕައެއްގެ ހައިސިއްޔަތުން ޝާހު ދަރިފުޅު ސަލާމަތް ކުރުމަށް ކުރި ހިތްވަރާއި މަސައްކަތަށް މުކުލް ވަނީ މި އިންޓަވިއުގައި ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ.

ދެހާސް އެކާވީސް ވަނަ އަހަރު ކުރިން އަރިއަން އިންޑިއާގެ މުމްބާއީގެ ފަޅުގައި އޮތް ކްރޫޒް ލައިނާއެއްގައި ގިނަ ބަޔަކާ އެކީ މަސްތުވާތަކެއްޗާ އެކު ޕާޓީކުރާ ކަމަށް ބުނެ ލިބުނު ރިޕޯޓަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އަރިއަންއާ އެކު 14 މީހަކު ހައްޔަރުކުރުމަށްފަހު ކަފާލާތުގެ ދަށުން އޭނާ ދޫކޮށްލީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅުއެވެ.

އެ މައްސަލައިގައި އަރިއަންއާ ދެކޮޅަށް އެއްވެސް ހެއްކެއް ނެތްކަން ސާބިތުވެ ދައުވާ ވެސް ނުކުރުމަށް ނިންމައި އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބޯޑުން އެ މައްސަލަ ނިންމާލީ 2022 ވަނަ އަހަރުގެ މެދުތެރޭގައެވެ.

comment ކޮމެންޓް