ކެޓްރީނާ ވިހާ ދުވަހާ މެދު ބަހުސެއް

ބޮލީވުޑްގެ މަގުބޫލު ދެމަފިރިން ކަމަށްވާ ވިކީ އާއި ކެޓްރީނާ--ފޮޓޯ/ބޮލީވުޑްހަންގާމާ

ބޮލީވުޑްގެ މަގުބޫލު ދެމަފިރިން ކަމަށްވާ ވިކީ ކޯޝަލްއާއި ކެޓްރީނާ ކައިފްއަށް އަލަތު ދަރިފުޅު ލިބެން އުޅޭކަމުގެ އަޑުތައް އިންޑިއާގެ އެކި މީޑިއާތަކުން ފަތުރަމުން އައި ނަމަވެސް, އެކަމާ ގުޅޭގޮތުން ދެ ތަރިންގެ ފަރާތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ބަތަލާ ކެޓްރީނާ ކައިފް އަލަތު ދަރިފުޅަށް ބަލިވެއިން ކަމަށް ބައެއް މީޑިއާތަކުން މީގެ ކުރިން ވެސް ބުނެފައިވާއިރު އަނެއްކާ ވެސް އެ ވާހަކަ ތަކުރާރުކޮށް މިވަނީ ދައްކަން ފަށާފައެވެ. އެ ޚަބަރުގެ ތެދު ހަގީގަތް އެނގޭ މީހުން ތިބި ނަމަވެސް ވިކީގެ ދެމަފިރިންނެކޭ އެއްގޮތަށް އެބަޔަކު ވެސް އިހުތިޔާރުކޮށްގެން ތިބީ އެ ބަހުސްގައި ބައިވެރިނުވެ، ހަނު ތިބުމަށެވެ.

ވިކީ އާއި ކެޓްރީނާ ކައިވެނީގެ ރަސްމިއްޔާތުގައި--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

މީގެ މަސްތަކެއް ކުރިން ބޮލީވުޑްގެ ވަރަށް ގިނަ ހަފްލާތަކުން ކެޓްރީނާ ވަނީ ވިކީއާ އެކު ފެނިފައެވެ. ހަމައެއާއެކު އާއިލާއިން ފާހަގަކުރާ އެކި ފެސްޓިވަލްތަކުގައި ވެސް ދެތަރިން ބައިވެރިވެ އެ ފެސްޓިވަލްތަކުގައި ނަގާފައިވާ ފޮޓޯތައް ވެސް ސޯޝަލް މީޑިއާގައި މީގެ ކުރިން ޕޯސްޓުކުރެއެވެ.

ނަމަވެސް، މި ފަހަކަށް އައިސް އެފަދަ ފޮޓޯތައް މަދު ވެސް ބޮލީވުޑް ހަފުލާތަކަށް ވިކީ އެކަނި ހާޒިރުވާ މަންޒަރާ އެކު ކެޓްރީނާ ބަލިވެއިންކަމަށް ދެކެވޭ ވާހަކަތަކަށް އިތުރު ބާރެއް ލިބި އެ ވާހަކަދެއްކުން މިވަނީ އިތުރުވެފައެވެ.

ކެޓްރީނާގެ އަމިއްލަ ކޮސްމެޓިކް ބްރޭންޑް 'ކޭ ބިއުޓީ'ގެ އާ އުފެއްދުންތައް ތައާރަފުކުރާ ވީޑިއޯތަކާއި އެ އުފެއްދުންތަކުގެ ޕްރޮމޯޝަނަލް ވީޑިއޯތަކުގައި ވެސް ބަތަލާ މަދުން ފެންނައިރު މި ފަހުން ކެޓްރީނާ ފެނުނު އިޝްތިހާރެއްގައި ވެސް ބަތަލާ ފެންނަނީ މޭޒެއްގެ ކައިރީ އިށީނދެ އިނދެ ކެމެރާއަށް ބަނޑު ނުފެންނާނެ ގޮތަކަށް ޝޫޓްކޮށްފައިވާ މަންޒަރެވެ.

ކެޓްރީނާ އަލަތު ދަރިފުޅަށް ބަލިވެއިން ކަމަށް މީޑިއާތަކުން ލަފާކޮށް ބަތަލާ ވިހާނެކަމަށް ބެލެވޭ ތާރީޚު ވެސް ބައެއް މީޑިއާތަކުން ވަނީ އިއުލާނުކޮށްފައެވެ.

ދިވެހިރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓުކުރަން ގްލޯބަލް އެމްބެސެޑަރެއްގެ ގޮތުގައި ވެސް ހަމަޖައްސާފައިވާ ބަތަލާ ވިހާނެ ކަމަށް މީޑިއާތަކުން ލަފާކޮށްފައިވާ ތާރީޚަކީ ކުރިއަށް އޮތް އޮކްޓޯބަރު މަހުގެ 15-30އާ ދެމެދުގެ ތާރީޚެކެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ބޮލީވުޑްހަންގާމާގައި ބުނެފައިވާ ގޮތުން ކެޓްރީނާއާއި ވިކީއަކީ ޒާތީ ދިރިއުޅުމުގެ ކަންކަން އެއްވެސް އިރަކު މާ ކުރިން އިޝްތިހާރުކުރަމުން ދާ ބަޔަކަށް ނުވުމުން، ދެ ތަރިންގެ ކައިވެނި ވެސް ކުރުމަށް ފަހު އިއުލާނުކުރި ގޮތަށް އަލަތު ދަރިފުޅު ލިބުނުކަން ވެސް އިއުލާނުކުރާނީ ވިހެއުމަށް ފަހެވެ.

ވިހެއުމަށް ފަހު ފިލްމީ މަސައްކަތްތަކުން ކެޓްރީނާ ބޮޑް ބްރޭކެއް ނަގަން ނިންމާފައިވާ ކަމަށް ބައެއް ބޮލީވުޑް ރިޕޯޓުތައް ބުނެއެވެ.

ބޮލީވުޑްގެ އެންމެ ޑިމާންޑު ބޮޑު އެކްޓަރުންގެ ތެރޭ ހިމެނޭ ވިކީ ކޯޝަލްއާއި ކެޓްރީނާ ކައިވެނިކޮށްފައިވަނީ 2021 ގައެވެ. ކައިވެންޏަށް ފަހު ކެޓްރީނާ މިހާތަނަށް ފެނިފައިވަނީ އެންމެ ދެ ފިލްމަކުންނެވެ.

comment ކޮމެންޓް