އައިފޯން 17 މޮސްކޯގައި ތައާރަފުކުރުމާއެކު އިޤްތިސާދީ ދަތިކަމާހެދިވެސް ޕްރީ-އޯޑަރުތައް މީގެ ކުރިއާ އަޅާބަލާއިރު ބޮޑުތަނުން އުފުލިއްޖެއެވެ.
ރަޝިޔާގެ ރީސެލަރުން އެޕަލްގެ އައިފޯން 17 މޮސްކޯގައި ރަސްމީކޮށް ތައާރަފުކޮށްފައިވަނީ މިއަދުއެވެ. މިއަހަރުގެ ޕްރީ-އޯޑަރުތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް އެންމެބޮޑު ރީޓެއިލަރު ރީސްޓޯ އިން ބުނެފައި ވެއެވެ.
އެޕަލްގެ ސްމާޓްފޯންތަކަށް އޮތް ބޮޑު ޑިމާންޑަކީ ރަޝިޔާގެ އިޤްތިސާދީ ދަތިކަމާހެދިވެސް މަޝްހޫރު އުފެއްދުންތަކަށް އޮތް ކޮންސިއުމަރުންގެ ޑިމާންޑަށް އަދިވެސް ބަދަލެއް ނާންނަކަމުގެ ނިޝާނެކެވެ. މިއަހަރު އެޤައުމުގައި 20 އަހަރުގެ ތެރޭގައި އެންމެ މަތީ އިންޓަރެސްޓް ރޭޓްތަކާއި 4 ޓްރިލިއަނަށް ވުރެ ގިނަ ރޫބަލްގެ ބަޖެޓް ޑެފިސިޓެއް ފެނިފައިވެއެވެ.
ޔޫކްރެއިނަށް އަރައިގަތުމާ ގުޅިގެން ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކަށްފަހު، 2022 ވަނަ އަހަރު އެޕަލްއިން ރަޝިޔާގައި ވިއްކުން ހުއްޓާލައި، އެޕަލް ޕޭ ފަދަ ހިދުމަތްތައް ހުއްޓާލި ނަމަވެސް، އައިފޯންތަކުގެ މަގުބޫލުކަން ރަޝިޔާގައި ދެމިހުރެއެވެ. ހުޅަނގުގެ މާކެޓްތަކަށްވުރެ ރަޝިޔާގައި މި ފޯނުތަކުގެ އަގު ބޮޑުކަން ފާހަގަކޮށްލެވެއެވެ.
އިންވެންޓިވް ރީޓެއިލް ގްރޫޕްގެ ޕީއާރު ޑިރެކްޓަރު ލިޔުޑްމިލާ ސެމޫޝިނާ ވިދާޅުވީ، މިއަހަރު މިދިޔަ އަހަރަށްވުރެ 66 އިންސައްތަ އިތުރަށް ޕްރީ-އޯޑަރު ލިބިފައިވާކަމަށެވެ. އަދި، އައިފޯނަށް ވަފާތެރި ބޮޑު ފޭން ބޭސްއެއް އެބައޮތްކަމަށާއި، އެމީހުން އެހެން އެއްޗަކަށް ބަދަލެއް ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެމެރިކާގެ މި ބޮޑު ޓެކް ކުންފުނިން މި ހަފްތާގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް އައިފޯން 17 ސީރީޒް ތައާރަފުކުރިއިރު، އާ ޑިޒައިނަކާއި، އަޕްޑޭޓްކޮށްފައިވާ ކެމެރާތަކާއި، އާ އެއާ މޮޑެލްއެއް ވަނީ ތައާރަފުކޮށްފައެވެ.
ކަސްޓަމަރެއް ކަމަށްވާ އޮލެގް ކޮޗެޓްކޮވް ބުނީ، "މިހާރު ބޭނުންކުރާ ފޯނުން އައިފޯން އެއާއަށް ބަދަލުވުމަކީ ވިސްނާލަންޖެހޭ ކަމެއްކަމަށެވެ. މިއީ ވަރަށް ބޮޑު އަޕްޑޭޓެއްކަމަށް އޭނާބުންޏެއެވެ. އަދި، ވަޓްސްއެޕް އާއި ޓެލެގްރާމް ކޯލް ހިދުމަތްތަކަށް ސަރުކާރުން ހުރަސް އެޅުމުން، ރަޝިޔާގެ ރައްޔިތުން ފޭސްޓައިމް ބޭނުންކުރުން އިތުރުވެފައިވާ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.
ޓެކް ބްލޮގަރު ސާގޭ ޔެޕިޚިން ރޮއިޓާސްއަށް ބުނީ، އެމީހުންނަށް ކަމުދާ ވަރަށް ގިނަ އާ ފީޗާސްތަކެއް އެބަހުރިކަމަށެވެ. އެގޮތުން އޭނާ އެންމެ ފުރަތަމަވެސް ފާހަގަކުރީ ކެމެރާތަކުގެ ވާހަކަ އެވެ. އޭނާ އިތުރަށްބުނީ އެންޑްރޮއިޑް ފޯނަކުން އައިފޯން ޕްރޯއަށް ބަދަލުވުމަށް ވިސްނަމުންދާ ކަމަށެވެ.
ރަޝިޔާގައި އެންޑްރޮއިޑް ޑިވައިސްތައް ބޭނުންކުރުން ފަސޭހަ ކަމަށާއި، އައިފޯން ބޭނުންކުރުން އިތުރަށް ފަސޭހަ ކުރުމަށްޓަކައި އެހީތެރިވާނެ ހައްލުތަކެއް ހޯދުމަށް އެދޭ ކަމަށްވެސް އޭނާ ބުންޏެވެ.
ރަޝިޔާގެ އެސްބާ އަދި ޓީ-ބޭންކުން ވަނީ އެޕަލް ޕޭ ބޭނުންނުކޮށް ކޮންޓެކްޓްލެސް ޕޭމަންޓް ހިދުމަތްތައް ފަށާފައެވެ.
ރީސްޓޯގެ އޮންލައިން ސްޓޯރުގައި ބޭސިކް 256 ޖީބީ އައިފޯން 17 ގެ އަގަކީ 119,990 ރޫބަލް (1،290 ޔޫއެސް ޑޮލަރު) އެވެ. މިއީ އެމެރިކާގެ އަގަށްވުރެ 57 އިންސައްތަ ބޮޑު އަގެއް ކަމަށާއި، އިނގިރޭސިވިލާތުގައި ވިއްކާ އަގަށްވުރެ ވެސް 29 އިންސައްތަ ބޮޑު އަގެއް ކަމަށް ރިޕޯޓްކޮށްފައިވެއެވެ.
މިދިޔަ އަހަރު ރަޝިޔާގައި އެންމެ ގިނައިން ވިކުނު ސްމާޓްފޯން ބްރޭންޑަކީ އެޕަލް ކަމަށް ރީޓެއިލާ އެމް.ވީޑިއޯ އެލްޑޮރާޑޯއިން ބުނެއެވެ. ނަމަވެސް ޔުނިޓް ސޭލްސްގައި ކުރީގައި އޮތީ ޗައިނާގެ ޝިއޯމީއެވެ.
އެޕަލްއިން މިކަމާބެހޭގޮތުން އެއްވެސް އެއްޗެއް އަދި ބުނެފައެއް ނުވެއެވެ.