ރަޝިޔާއަށް ކުރިމަތިކުރުވާ ކޮންމެ އަނިޔާވެރިކަމަކަށް ރައްދު ދޭނެ ކަމަށް ވިދާޅުވެ، އެ ގައުމުގެ ޚާރިޖީ ވަޒީރު ސާގޭ ލަވްރޯވް ނޭޓޯއާއި ޔޫރަޕިއަން ޔޫނިއަންއަށް އިންޒާރު ދެއްވައިފިއެވެ.
ހޮނިހިރު ދުވަހު ނިއުޔޯކުގައި ބޭއްވި އދ ގެ ޖެނެރަލް އެސެމްބްލީ (ޔޫއެންޖީއޭ)ގައި ވާހަކަދައްކަވަމުން ލަވްރޯވް ވިދާޅުވީ، ހުޅަނގަށް ހަމަލާ ދިނުމުގެ އެއްވެސް ޕްލޭނެއް މޮސްކޯއިން ނުގެންގުޅޭ ކަމަށާއި ނަމަވެސް ހުޅަނގުން އެފަދަ ކަމެއް ކޮށްފިނަމަ އަމަލުކުރަން ތައްޔާރަށް އޮތް ކަމަށެވެ.
ލަވްރޯލް އެގޮތަށް ވިދާޅުވީ، ޔޫރަޕް ސަރަހަދުތަކަށް ވަތް ބޯޓުތަކާއި ޑްރޯންތަކުގެ މައްސަލަ ރަޝިޔާގެ ބޮލުގައި އެޅުވައި ޔޫކްރޭންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީ ވާހަކަފުޅު ދައްކަވާފައިވާ ދަނޑިވަޅެއްގައެވެ.

އދ ގެ އާންމު މަޖިލީހުގެ ޖަލްސާގައި ބައިވެރިވި ޔޫކްރެއިންގެ ވަފުދު. ފޮޓޯ/އޭޕީ
ޕޮލެންޑުގެ ވައިގެ ސަރަހައްދުން ފެނުނު ޑްރޯންތަކާއި އެސްޓޯނިއާގެ ވައިގެ ސަރަހައްދުން ފެނުނު ފައިޓާ ޖެޓްތަކާ ގުޅުން އޮތް ކަމަށް ދެކެވޭ ވާހަކަ ރަޝިޔާއިން ދޮގުކުރެއެވެ. އަދި، މި ހަފުތާގައި ޑެންމާކުގެ އެއާޕޯޓްތަކުގެ ކައިރިން ފެނުނު ރޯގް ޑްރޯންތަކުގައި އެ ގައުމުގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށް ވެސް ރަޝިޔާއިން ވަނީ ބުނެފައެވެ.
އަދި، ތިންވަނަ ބޮޑު ހަނގުރާމައެއް ފެށެނީ ކަމަށް ބުނެ ހުޅަނގުން ބިރު ދައްކަމުން އަންނަ ކަމަށް ލަވްރޯލް ވިދާޅުވިއެވެ.
"ނޭޓޯއާއި އީޔޫގެ ގައުމުތަކަށް ހަމަލާދޭން ރާވައިފައިވާ ކަމަށް ރަޝިޔާގެ މައްޗަށް ތުހުމަތުކުރޭ. ރައީސް ވްލަޑިމިއާ ޕޫޓިން ވަނީ ތަކުރާރުކޮށް އެ ވާހަކަތައް ދޮގުކުރައްވާފައި،" އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، އެމެރިކާއާއެކު ކުރަމުން އަންނަ ޔޫކްރޭން ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކަށް އަދިވެސް އުންމީދު އެބައޮތް ކަމަށް ލަވްރޯލް ވިދާޅުވިއެވެ.
ލަވްރޯލް އެގޮތަށް ވިދާޅުވެފައިވާއިރު، ރަޝިޔާއިން ހިފާފައިވާ ޔޫކްރެއިންގެ ހުރިހާ ސަރަހައްދުތައް އަލުން އަނބުރާ ހޯދިދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.