އީރާނުގައި 4 ނިއުކްލިޔާ ރިއެކްޓަރު ބިނާކުރުމަށް ރަޝިއާއެކު ސޮއިކޮށްފި

އީރާނުގެ ނިއުކްލިޔާ ފެެސިލިިޓީއެއް

މޮސްކޯ (27 ސެޕްޓެމްބަރު 2025) : އީރާނުގައި އިތުރު ހަތަރު ނިއުކްލިޔާ ރިއެކްޓަރު ބިނާކުރުމުގެ އެއްބަސްވުމެއްގައި ރަޝިއާއާއެކު އީރާނުން ސޮއިކޮށްފިއެވެ.

މިއީ 24 ބިލިޔަން އެމެރިކާ ޑޮލަރުގެ ކޮންޓްރަކްޓެކެވެ.

މޮސްކޯގައި ސޮއިކުރި މި އެއްބަސްވުމުގައި އީރާނުގެ ފަރާތުން ސޮއިކުރީ އީރާނުގެ މައި ނިއުކްލިޔާ އެނާޖީ އެޖެންސީގެ ދަށުން ހިނގާ ސަބްސިޑިއަރީ ކުންފުންޏެއް ކަމަށްވާ "ހުރުމުޒްގާން ނިއުކްލިޔާ ޕަވާ ޕްލާންޓް" އެވެ. ރަޝިއާގެ ފަރާތުން ސޮއިކުރީ ރަޝިއާ ސަރުކާރުގެ ނިއުކްލިޔާ މައި އެޖެންސީކަމަށްވާ ރަޝިއަން އެޓަމިކް އެނާޖީ އެޖެންސީ ދަށުން ހިނގާ ސަބްސިޑީއަރީ ކުންފުންޏެއް ކަމަށްވާ "ރޮސްއެޓޮމް" އެވެ.

އީރާނުގެ ނިއުކްލިޔާ ރިއެކްޓަރެއް

"ރޮސްއެޓޮމް" އަކީ ނިއުކްލިޔާ ރިއެކްޓަރުތައް ބިނާކުރުމަށް ޚާއްސަ ކުންފުންޏެކެވެ. މިއީ އެންމެ ފަހުގެ ނިއުކްލިޔާ ޓެކްނޮލޮޖީ ކަމަށްވާ ތިންވަނަ ޖީލުގެ ނިއުކްލިޔާ ޓެކްނޮލޮޖީ ބޭނުންކޮށްގެން އެންމެ ހައި ސެކިއުރިޓީގައި ރިއެކްޓަރުތައް ބިނާކުރުމުގެ ގާބިލްކަން ލިބިފައިވާ ދުނިޔޭގެ މަދު ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ކުންފުންޏެކެވެ.

ނިއުކްލިޔާ ރިއެކްޓަރު ބިނާކުރުމުގެ ޓެކްނޮލޮޖީގައި ހުޅަނގުގެ ގައުމުތަކަށްވުރެ ވެސް އެޑްވާންސް ޓެކްނޮލޮޖީ ގެންގުޅެނީ ރަޝިއާއެވެ. އެމެރިކާއާ ގާތް ތުރުކީ ފަދަ ގައުމުތަކުގައި ވެސް ނިއުކްލިޔާ ރިއެކްޓަރު ބިނާކުރަނީ ރަޝިއާގެ ކުންފުނިތަކާ ހަވާލުކޮށްގެންނެވެ.

މި ހަތަރު ރިއެކްޓަރު ފަރުމާކޮށްފައިވަނީ ޖުމްލަ 5200 މެގަވޯޓުގެ ކަރަންޓް އުފެއްދޭ ގޮތަށެވެ. މި ހަތަރު ރިއެކްޓަރު ވެސް ބިނާކުރުމަށް ހަމަޖެހިފައިވަނީ އީރާނުގެ ދެކުނުގެ ފަރުބަދަމަތީގެ ގަވަނޭޓް އެއްކަމަށްވާ ހުރުމުޒްގާންގެ އެކި ސަރަހައްދު ތަކުގައެވެ.

މި އެއްބަސްވުމުގެ ކުރިން އީރާނުގެ އެޓަމިކް އެނާޖީ އެޖެންސީގެ ވެރިޔާ ޑރ. މުހައްމަދު އިސްލާމީ އާއި ރަޝިއާގެ އެޓަމިކް އެނާޖީ އެޖެންސީގެ ވެރިޔާ އެލެކްސީ ލިކަޗޯވް ވަނީ މިކަމާބެހޭ ފަހުމު ނާމާ ނުވަތަ އެމްއޯޔޫގައި ތަންކޮޅެއް ކުރިން ސޮއިކުރައްވާފައެވެ. މި ދެބޭފުޅުން މި ފަހުމުނާމާގައި ސޮއިކުރެއްވީ އީރާނާއި ރަޝިއާގެ ރައީސުންގެ ޙާޒިރުގައެވެ.

އީރާނުގައި ނިއުކްލިޔާ ރިއެކްޓަރު ބިނާކުރުމުގެ ފަހުމުނާމާގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

މި އެމްއޯޔޫ ބިނާވެފައިވަނީ ރަޝިއާއިން އީރާނުގައި އަށް ނިއުކްލިޔާ ރިއެކްޓަރު ބިނާކުރުމުގެ މައްޗަށެވެ. އެއީ 50 ބިލިޔަން ޑޮލަރަށެވެ. މިހާރު ސޮއި މިކުރީ މީގެތެރެއިން ހަތަރު ރިއެކްޓަރު ބިނާކުރުމުގެ މަސައްކަތް ފެށުމުގެ ފަންނީ އެގްރީމެންޓް ގައެވެ.

އެމްއޯޔޫގައި ހިމެނޭ އަނެއް ހަތަރު ރިއެކްޓަރު ބިނާކުރުމުގެ ފަންނީ އެއްބަސްވުމުގައި އީރާނާއި ރަޝިއާ ސޮއިކުރާނީ އަންނަ އަހަރުގެ ކުރީކޮޅުގައިކަމަށް އީރާނާއި ރަޝިއާގެ މަސްއޫލުވެރިންނާ ހަވާލާދީ އީރާނާއި ރަޝިއާގެ ރަސްމީ މީޑިއާތައް ބުނެއެވެ.

އީރާނުގެ އަމާޒަކީ އެގައުމުގައި އުފައްދާ އިލެކްޓްރިކް ކަރަންޓްގެ ގާތްގަނޑަކަށް 50 އިންސައްތައަކީ ނިއުކްލިޔާ ހަކަތައިން އުފައްދާ ކަރަންޓްކަމަށް ހެދުމެވެ. މިހާރުވެސް ދެ ރިއެކްޓަރަކުން އީރާނުގައި ދޮޅުހާސް މެގަވޯޓުގެ ކަރަންޓް އުފައްދައެވެ. އަދި އިތުުރު ދެ ރިއެކްޓަރުވަނީ ބިނާކޮށް ނިމުމުގެ މަގުމަތީގައެވެ.

އީރާނުގެ ޕްލޭނަކީ އެގައުމުގައި ކަރަންޓް އުފެއްދުމަށް ޓަކައި 18 ރިއެކްޓަރު ބިނާކުރުމެވެ. ނިއުކްލިޔާ ރިއެކްޓަރުތައް ބިނާކުރަނީ އަސްކަރީ އަދި މަދަނީ ކަންކަމަށްވެސް ބޭނުންކުރެވޭ ގޮތަށެވެ. ދެ ބޭނުން ނުހިފޭގޮތަކަށް ރިއެކްޓަރުތައް ބިނާ ނުކުރެވޭނެއެވެ.

ނަމަވެސް ރިއެކްޓަރުގެ ބޭނުން މަދަނީ ގޮތުގައި ހިފުމާއި އަސްކަރީ ގޮތުގައި ހިފުމަކީ އެގައުމެއްގެ އަމިއްލަ އިޚްތިޔާރުގައިވާ ކަމެކެވެ. ކަރަންޓް އުފެއްދުމަށް މައިގަނޑު ގޮތެއްގައި ބޭނުންވަނީ ފަސް އިންސައްތައަށް ފައްކާކޮށްފައިވާ ޔޫރޭނިޔަމްއެވެ. ނިއުކްލިޔާ ހަތިޔާރު އުފެއްދުމަށް ބޭނުންކުރަނީ 80 އިންސައްތައަށް ވުރެ މައްޗަށް ފައްކާކޮށްފައިވާ ޔޫރޭނިޔަމްއެވެ.

އީރާނަކީ ޔޫރޭނިޔަމް ފައްކާކުރާ ނިއުކްލިޔާ ސެންޓްރިފިއުޖް މެޝިންތަކާއި ސައިކްލޮޓްރޯން ފަދަ ނިއުކްލިޔާ ގިނަ މެޝީންތަކާއި އާލާތްތައް އަމިއްލައަށް އުފައްދާ ގައުމެކެވެ. އަދި އަމިއްލަ ޓެކްނޮލޮޖީގައި ނިއުކްލިޔާ ރިއެކްޓަރެއް ބިނާކުރުމުގެ މަސައްކަތްވެސް އީރާން ގެންދަނީ ކުރަމުންނެވެ.

comment ކޮމެންޓް