ބްރަސަލްސް (22 ސެޕްޓެމްބަރު 2025) : ރަޝިޔާގެ ނުރައްކާ ނޭޓޯގެ ގައުމުތަކަށް ބޮޑުވަމުން ދާކަމަށް ބުނެ އިނގިރޭސިވިލާތުގެ ހަނގުރާމަ މަތީ މަތިންދާ ބޯޓުތަކުން ޕޮލެންޑުގެ ވައިގެ ސަރަޙައްދު ބަލަހައްޓަން ފަށައިފިއެވެ.
ނޭޓޯ ބުނާގޮތުން ޕޮލެންޑްގެ ވައިގެ ސަރަޙައްދު މިހާރު ބަލަހައްޓަމުން ގެންދަނީ އިނގިރޭސި ވައިގެ ސިފައިންގެ ފައިޓާޖެޓްތަކުންނެވެ. މި ފިޔަވަޅު އަޅަންޖެހުނީ ރަޝިއާގެ އަސްކަރީ ޑްރޯންތަކެއް މިދިޔަ ހަފްތާގައި ޕޮލެންޑަށާއި ރުމޭނިއާއަށް ވަދެގަތް ހާދިސާއާ ގުޅިގެންނާ އަދި ރަޝިއާގެ ފައިޓާ ޖެޓްތަކެއް މީގެ ތިން ދުވަސްކުރިން ނޭޓޯގެ ގައުމެއްކަމަށްވާ އެސްޓޯނިއާގެ ވައިގެ ސަރަހައްދަށްވެސް ވަނުމާ ގުޅިގެންނެވެ.

ރަޝިއާގައި އުފައްދާ އެންމެ އެޑްވާންސް ފައިޓާޖެޓެއް
މިއީ ނޭޓޯގެ އަޖުމަ ބަލާލުމަށް ރަޝިއާ ކުރިކަމެއްގެ ގޮތުގައި ނޭޓޯގެ ބައެއް ގައުމުތަކުން ގެންދަނީ ސިފަކުރަމުންނެވެ. ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތް އަދި ޖަރުމަނާއި ޕޮލެންޑުން ބުނިގޮތުގައި މި ތިން ގައުމުގެ ވައިގެ ސަރަހައްދީ ރޮނގުގެ ހުރުމަތް ރަޝިއާ ކަނޑާލީ އެ ގައުމުތަކުގެ ދިފާއުގައި މުޅި ނޭޓޯ ތެދުވެދާނެތޯ ނުވަތަ ނޫންތޯ އަޖުމަ ބެލުމުގެ ގޮތުންކަމަށް ބެލެވެއެވެ.
ނޭޓޯގެ ޗާޓަރުގެ ފަސް ވަނަ މައްދާ ބުނާގޮތުން ނޭޓޯގެ ގައުމަކަށް ދޭ ހަަމަލާއަކީ އެ ޖަމާއަތުގެ ހުރިހާ ގައުމަކަށްވެސް ދެވޭ ހަމަލާއެކެވެ. އެހެންކަމުން އެކަމަށް ރައްދު ދޭނީ މުޅި ނޭޓޯ ގުޅިގެންނެވެ. ނަމަވެސް ރަޝިއާއާއި ޗައިނާފަދަ ނޭޓޯއާ އަސްކަރީ ގޮތުން އަރައި އަރަފޯދިގެންވާ ގައުމަކާ ދެކޮޅަށް މިގޮތަށް އަމަލުކުރަން ނޭޓޯއަށް ކެރިދާނެތޯ ވަނީ ސުވާލު އުފެދިފައެވެ.
ރަޝިއާ ބުނާގޮތުގައި އެ ގައުމުގެ ވައިގެ އެއްވެސް އުޅަނދެއް ގަސްދުގައި ނެޓޯގެ އެއްވެސް ގައުމެއްގެ ސަރަހައްދީ ރޮނގަށް ވަދެފައެއް ނުވާނެއެވެ. ނަމަވެސް އޮޅިގެން ފަހަރެއްގައި ޑްރޯނެއް ފަދަ އެއްޗެއް ވަދެފައިވުމަކީ އެކަށީގެންވާ ކަމެކެވެ. ޕޮލެންޑްގެ ވައިގެ ސަރަޙައްދަށް ޑްރޯންތަކެއް ވަނުމުގެ ހާދިސާއެއް ހިނގާފައިވާނަމަ އެކަން ހިނގާފައިވަނީ، ރަޝިޔާއިން ޔޫކްރެއިންގެ އަމާޒުތަކަށް ޙަމަލާތަކެއް ދެމުން ދިޔަ ވަގުތެއްގައި ކަމަށް ވުން އެކަށީގެންވާ ކަމަށާއި އެއީ ނޭޓޯއަށް ޖެއްސުންކުރަން ނޫނީ ޕޮލެންޑާ ދެކޮޅަށް އުދުވާނީ އަމަލެއް ހިންގުމުގެ ނިޔަތުގައި ކުރި ކަމެއް ނޫންކަމަށް ރަޝިޔާ ބުނެފައިވެއެވެ.
ޕޮލެންޑް ބުނެފައިވާގޮތުން އެގައުމުގެ ވައިގެ ސަރަހައްދަށް ވަތް ރަޝިއާގެ ޑްރޯންތައް ވަނީ ވައްޓާލާފައެވެ. އެސްޓޯނިޔާ ބުނާގޮތުން ރަޝިއާގެ ތިން ފައިޓާޖެޓް އެ ގައުމަށްވަދެ 12 މިނެޓު ހޭދަކުރުމަށްފަހު ވަނީ ސަލާމަތުން ރަޝިއާއަށް އެނބުރި ގޮސްފައެވެ.

ރަޝިއާގެ ފައިޓާޖެޓްތަކެއް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ރަޝިއާގެ ބިރުދެއްކުންތަކުގެ ކުރިމަތީގައި އެމެރިކާއިން ނޭޓޯގެ ގައުމުތައް ދިފާއުކޮށްދޭނެކަމަށް ވިދާޅުވެފައެވެ. ނަމަވެސް ނޭޓޯގެ މެންބަރު ގައުމެއްގެ ވައިގެ ސަރަހައްދަށް ރަޝިއާގެ ފައިޓާޖެޓްތައް ވަދެ 12 މިނިއްޓު ހޭދަކުރުމަށްފަހު ސަލާމަތުން އެނބުރި ރަޝިއާ އަށް ދިޔަ މައްސަލާގައި ނޭޓޯގެ ގައުމުތަކުގެ މެދުގައިވަނީ ކަންބޮޑުވުންތައް އުފެދިފައެވެ.
އެމެރިކާގެ ފައިޓާޖެޓްތައް ފިޔަވައި ރަޝިއާގެ ފައިޓާޖެޓްތަކާ ކުރިމަތިލެވޭ ވަރުގެ ޒަމާނީ ފައިޓާޖެޓްތައް ނޭޓޯގައި ނުހުންނާނެކަމަށް ރިޕޯޓްތައް ބުނެއެވެ. ނޭޓޯގެ ގިނަ ގައުމުތަކުގައި އެމެރިކާގެ ފައިޓާ ޖެޓްތައް ހުންނަ ކަމަށާ ނަމަވެސް ހުރިހާ ގައުމެއްގައި އެމެރިކާގެ ޒަމާނީ ފައިޓާޖެޓްތައް ނުހުންނަކަމަށް ވެއެވެ.
އިނގިރޭސިވި ވައިގެ ސިފައިން ޕޮލެންޑުގެ ވައިގެ ސަރަޙައްދު ބަލަހައްޓަން ފެށުމަށްފަހު ދެއްވި ބަޔާނެއްގައި އިނގިރޭސި ދިފާޢީ ވަޒީރު ޖޯން ހީލީ ވިދާޅުވީ މިއީ ނޭޓޯގެ މެމްބަރު ގައުމުތަކުގެ ވައިގެ ސަރަޙައްދު ދިފާއު ކުރުމުގައި އެ އިއްތިހާދު ފަސް ނުޖެހޭނެކަން ހާމަކުރުމުގެ ގޮތުން ރަޝިއާއަށް ދެވުނު މެސެޖެކެވެ.
ރަޝިއާގެ މިއަމަލުތަކާއެކު އެއާއެކު، ނޭޓޯ ވަނީ އެޖަމާއަތުގައި ހިމެނޭ ގައުމުތަކުގެ ތެރެއިން ރަޝިއާ އާ އެންމެ ގާތުގައިވާ ނޭޓޯގެ އިރުމަތީ ބިތުގައިވާ ގައުމުތަކުގެ ދިފާއުތައް ވަރުގަދަ ކުރުމުގެ ނަމުގައި 'އީސްޓަން ސެންޓްރީ' ނަމަކަށް ކިޔާ އަސްކަރީ އޮޕަރޭޝަނެއް ފަށާފައެވެ.
ރަޝިއާ އަސްކަރީ ގޮތުން ބަލިކުރުމަށްޓަަކައި ނޭޓޯ ގެންދަނީ ޔުކްރެއިންއަށް ހަތިޔާރާއި ޖާސޫސީ މައުލޫމާތާއި ފައިސާ އޮއްސަމުންނެވެ.