މީޑިއާ ބިލް ތަސްދީގު ކުރެއްވުމާއެކު ބްރޯޑްކޮމްއާއި މީޑިއާ ކައުންސިލްގެ މެންބަރުންގެ މަގާމު ގެއްލޭނެ

ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުން ބައްދަލުވުމެއްގައި: މީޑިއާ ބިލާއެކު ބްރޯޑްކޮމްގެ މެންބަރުންގެ މަގާމު ގެއްލޭނެ -- ފޮޓޯ: ބްރޯޑްކޮމް

ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި މީޑިއާ ބިލުގައި، އެ ބިލު ގާނޫނަކަށް ވުމާއެކު މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އާއި ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރުންގެ މަގާމު ގެއްލޭ ގޮތަށް ކަނޑައަޅައިފިއެވެ.

މީޑިއާ ބިލާ ދެކޮޅަށް ނޫސްވެރިންނާއި އިދިކޮޅު އެމްޑީޕީން އަޑު އުފުލައި، ސިލްސިލާ މުޒާހަރާތައް ބާއްވަމުން ދަނިކޮށް މަޖިލީހުން ދައުރުން ބޭރުން ބޭއްވި ޖަލްސާއެއްގައި ބިލް ފާސްކުރީ 60 މެންބަރުންގެ ވޯޓުންނެވެ. އެ ޖަލްސާގައި އެމްޑީޕީ މެންބަރުން އިހުތިޖާޖު ކުރުމުން، ނަން އިއްވައި ބޭރުކުރިއިރު، ބިލާ ދެކޮޅަށް ވޯޓު ދެއްވި ހަމައެކަނި ބޭފުޅަކީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސްއެވެ.

އެ ބިލާ ގުޅޭ ގޮތުން އިއްޔެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި އިސްލާހުތަކެއް ފާސްކުރި ނަމަވެސް، ބިލު ތަޅުމުން ފާސްކުރިއިރު ވެސް އޮތީ ބްރޯޑްކޮމްއާއި އެމްއެމްސީ އުވާލައި އާ ކޮމިޝަން އުފައްދާ ގޮތަށެވެ.

އެ ބިލުގައި ވަނީ ބިލަށް އަމަލުކުރަން ފަށާނީ، ރައީސް ބިލު ތަސްދީގު ކުރައްވާ ދުވަހުން ފެށިގެން ކަމަށެވެ. އަދި ބިލަށް އަމަލުކުރަން ފެށުމާއެކު މީޑިއާ ކައުންސިލާއި ބްރޯޑްކޮމް އުވި، ކައުންސިލާއި ކޮމިޝަނުގެ މެންބަރުންގެ މަގާމު ގެއްލޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

އެހެންނަމަވެސް، މީޑިއާ ކައުންސިލާއި ބްރޯޑްކޮމްގައި ތިބި މުވައްޒަފުން އަލަށް އުފައްދާ ކޮމިޝަނުގެ މުވައްޒަފުންގެ ގޮތުގައި ބަދަލުކުރާނެ ކަމަށް ވެސް ބިލުގައިވެއެވެ.

އެމްއެމްސީ މަޖިލީހުގައި: މީޑިއާ ރެގިއުލޭޓް ކުރަން ބޭނުންވަނީ ހަރުދަނާ ގޮތެއްގައި ކަމަށް ބުނި -- ފޮޓޯ/ މަޖިލިސް

ބްރޯޑްކޮމްގައި ހަ މެންބަރުން ތިއްބަވާއިރު، އެމްއެމްސީގައި 14 މެންބަރުން ތިއްބަވައެވެ. އެއީ މީޑިއާތަކުން އަށް މެންބަރުންނާއި އާންމުންގެ ހަތް މެންބަރުންނެވެ.

ރައީސް، މީޑިއާ ބިލު މިހާތަނަށް ތަސްދީގުކުރައްވާފައިނުވެއެވެ.

ސަރުކާރާ ގުޅުން ބޮޑު، ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު މީޑިއާ ބިލް ހުށަހެޅުއްވުމާއެކު އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ، މީޑިއާތައް ރެގިއުލޭޓްކުރަން އުފައްދާ ކޮމިޝަނުގެ ހަތް މެންބަރުންގެ ތެރެއިން ތިން މެންބަރުންނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާނެ މެންބަރުން ކަމަށް އޮތުމުންނެވެ. އެ ކޮމިޝަން އުފައްދަނީ، އެމްއެމްސީއާއި ބްރޯޑްކޮމް އުވާލައި ދެ ކޮމިޝަނުގެ ޒިންމާ އަދާކުރުމަށެވެ.

އެ ބިލާ ދެކޮޅަށް އެމްއެމްސީއާއި ބްރޯޑްކޮމްއިން ވެސް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ވާހަކަދެއްކިއެވެ. އެގޮތުން މިދިޔަ މަހުގެ 31ގައި ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ބްރޯޑްކޮމްއިން ބުނީ އެ ބިލު އެކުލަވައިލުމުގައި ދިރާސާކުރަން ޖެހޭ ބައިވަރު ކަންކަން ހުރިކަމަށެވެ. ނަމަވެސް ބިލު އެކުލަވައިލައިފައި އޮތް ގޮތް ބެލުމުން، ޑްރާފްޓުކުރުމުގެ މަރުހަލާގައި، ކަމާ ގުޅޭ އެއްވެސް ފަރާތްތަކާ އެއްވެސް މިންވަރަކަށް މަޝްވަރާކޮށްފައިވާ ކަަމަށް ނުބެލެވޭ ކަމަށެވެ.

https://sun.mv/210673

ހަމައެއާއެކު، މީޑިއާ ކައުންސިލާއި ބްރޯޑްކޮމް އެއްކޮށްލުމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށް އެ ކޮމިޝަނުން ވަނީ، އެ ބަދަލު ގެންނަން ވަރަށް ބައިވަރު ގަވައިދުތަކާއި އުސޫލުތައް އިސްލާހު ކުރަން ޖެހޭ ކަމަށް ބުނެފައެވެ. އަދި އެކަމަކީ އަހަރު ދުވަހުން ވެސް ނިމޭވަރަށްވުރެ ބޮޑު މަސައްކަތެއްކަމަށް ބްރޯޑްކޮމްއިން ބުނެފައިވެއެވެ.

މީޑިއާ ކޮންޓްރޯލްކުރެވޭ ބިލު ހުށަހެޅި ދުވަހު މަޖިލީހުގައި ނޫސްވެރިން އިހުތިޖާޖު ކުރަނީ: އެ ބިލާއެކު، ބްރޯޑްކޮމްއާއި އެމްއެމްސީ އުވާލާތީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރި ----

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި އެމްއެމްސީން ބުނީ މީޑިއާ ރެގިއުލޭޓްކުރުމާ އެއްވެސް ވަރަކަށް ދެކޮޅު ނޫން ކަމަށާއި ނަމަވެސް މީޑިއާ ރެގިއުލޭޓްކުރުމަށް ބޭނުންވަނީ ހަރުދަނާ ގޮތެއްގައި ކަމަށެވެ. އަދި އެ ކައުންސިލުން ނެރުނު ބަޔާނެއްގައިވަނީ ބިލު އެކުލަވާލައިފައިވަނީ މީޑިއާތައް ރެގިއުލޭޓްކުރުމަށް މިހާރު އޮތް މިނިވަން ސެލްފް ރެގިއުލޭޓަރީ ނިޒާމު އެއްކޮށް ބަދަލުކޮށް، އެއިރެއްގައި އޮންނަ ސަރުކާރަކަށް އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތް ޕާޓީއަކަށް މުޅި މީޑިއާގެ ކޮންޓްރޯލް ލިބޭ ގޮތަށް ކަމަށް ބުނެފައެވެ.

https://sun.mv/210680

އެ ބިލަށް ފުރަތަމަ ވެސް ސަރުކާރުން ތާއިދުކުރުމަށްފަހު، ނޫސްވެރިންގެ އިހުތިޖާޖުތަކާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު، ބިލަށް އިސްލާހުތައް ގެންނާނެ ކަމަށް ވިދާޅުވިއެވެ. އެގޮތުން އެޓާނީ ޖެނެރަލްގެ އޮފީހުން ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި، ކޮމިޝަންގެ މެންބަރުން ރައީސް އައްޔަންކުރާ ގޮތަށް އޮތް އޮތުން ބަދަލުކުރުން ހިމެނެއެވެ.

comment ކޮމެންޓް