ފެންނަ ނުފެންނަ ވޯޓު ނެގުމަށްޓަކައި އުފައްދަން ޖެހޭ ގާނޫނު ހަދަން ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި ބިލު ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ.
ސަރުކާރުގެ ފަރާތުން ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ޖުލައި މަހުގެ ހަތްވަނަ ދުވަހު ހުށަހެޅުއްވި މި ބިލު ކޮމިޓީއަށް ފޮނުވީ އެ މަހުގެ ނުވަވަނަ ދުވަހެވެ. ކޮމިޓީން ބިލު ދިރާސާކުރި މަރުހަލާގައި ވަނީ ކުދި ބަދަލުތަކެއް ގެނެސްފައެވެ.
އޭގެ ތެރޭގައި، އާންމު ވޯޓު ނެގުމަށް މަޖިލީހަށް ލާޒިމުވާ ހާލަތްތަކުގައި އެ ވޯޓު ނެގުމަށް ކަނޑައަޅާނީ ޖަލްސާއަށް ހާޒިރުވާ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރާ ގަރާރަކުން ކަމަށް މީގެ ކުރިން އޮތް އޮތުން ބަދަލުކުރުން ހިމެނެއެވެ.
އިއްޔެ މި ބިލު މަޖިލީހުން ފާސްކޮށްފައިވާއިރު، މިއަދު ރައީސް މުއިއްޒު ވަނީ ބިލު ތަސްދީގުކުރައްވާފައެވެ.
މި ބިލު ހުށަހެޅުމުގެ ބޭނުމެއް ކަމަށް ފަލާހު ފާހަގަކުރެއްވީ އާންމު ވޯޓު ނެގޭނެ ހާލަތްތަކާއި، އެ ވޯޓު ނެގުމަށް ހުށަހަޅާ ފަރާތްތަކުގެ ދައުރާއި ޒިންމާތަކާއި، އެ ވޯޓު ނެގުމުގައި އިލެކްޝަންސް ކޮމިޝަނުން އަމަލުކުރާނެ އުސޫލުތަކާއި، އެ ނޫނަސް އާންމު ވޯޓު ނެގުމާ ގުޅޭ އެންމެހާ އުސޫލުތައް ގާނޫނެއްގައި ބަޔާންކުރުމެވެ.
- އާއްމު ވޯޓު ނެގޭނެ ކަންކަން
- ރައްޔިތުންނާ ގުޅޭ މުހިންމު ކަންކަން
- ގައުމީ މުހިންމު މައްސަލަތައް
- ގާނޫނުއަސާސީގެ އަސާސީ ހައްގުތަކާއި މިނިވަންކަމާ ބެހޭ މާއްދާ
- ރައްޔިތުންގެ މަޖިލީހުގެ އުމުރު
- ރިޔާސަތުގެ ދައުރު
- ރައީސުލްޖުމްޙޫރިއްޔާ އިންތިޚާބުކުރާ ގޮތް
- ރައީސުލްޖުމްޙޫރިއްޔާ ބިލު ތަސްދީގުކުރުން
- ދިވެހިރާއްޖޭގެ ސަރަހައްދު
އެ ބިލުގައި ވަނީ މަޖިލީހުން ފާސްކުރާ ބިލެއް ރައީސުލްޖުމްޙޫރިއްޔާ ތަސްދީގުނުކުރާ ހާލަތުގައި، އެ ބިލަކަށް ރުހުން އޮތްތޯ ބެލުމަށް ވެސް އާއްމު ވޯޓެއް ނެގޭނެ ކަމަށް ބަޔާންކޮށްފައެވެ.
ފާހަގަކުރެވޭ ވަކިވަކިން ތިން އިންތިޚާބު އޮތުމުން ޚަރަދު ބޮޑުވެ އެކަމުގެ ބުރަ ދައުލަތަށާއި، އިލެކްޝަންސް ކޮމިޝަނަށް އުފުލަން ޖެހުމުގެ ކަންބޮޑުވުމުގެ ވާހަކަ މީގެ ކުރިން ދެކެވިފައިވެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ކަމަށް ހުށަހެޅުއްވި ހައްލަކީ، ރިޔާސީ އިންތިޚާބު އެއްބުރުން ނިންމައިލުމާއި މަޖިލީހާއި ރިޔާސީ އިންތިޚާބު އެކުއެކީ ބޭއްވުމެވެ. އެ މަނިކުފާނު މަސައްކަތްކުރައްވަނީ އެ ބަދަލުތައް ގެންނަން މި އަހަރު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށެވެ.