ޗައިނާގެ ރެސްޓޯރެންޓެއްގައި ސޫޕް ތައްޓަކަށް ކުޑަކަމުދިޔަ ފުރާވަރުގެ ދެ ކުދިން 2.2 މިލިއަން ޔުއާން (309،000 ޑޮލަރު)އިން ޖޫރިމަނާކޮށްފިއެވެ.
ޗައިނާގެ އެންމެ ބޮޑު ހޮޓްޕޮޓް ޗެއިން ހައިޑިލާއޯގެ ޝަންހާއީ ބްރާންޗެއްގައި ފެބްރުއަރީ މަހު ހިނގި އެ ހާދިސާއަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވީ އުމުރުން 17 އަހަރުގެ އެ ދެ ކުދިން އެކަން ކުރާތަން ފެންނަ ވީޑިއޯއެއް އާންމު ކުރުމާ ގުޅިގެންނެވެ. ރިޕޯޓުތައް ބުނާ ގޮތުގައި އެކަން ކުރިއިރު އެ ކުދިން ތިބީ މަސްތުގެ ހާލަތުގައެވެ.
މިދިޔަ ފެބްރުއަރީ މަހު ހިނގި އެ ހާދިސާގައި ތަޣައްޔަރުވެފައިވާ އެ ސޫޕް އެއްވެސް މީހަކު ބޭނުންކުރި ކަމެއް ހާމަކޮށްފައިނުވެއެވެ. ނަމަވެސް އެ ރެސްޓޯރެންޓުން ވަނީ އެ ތަނުން ޚިދުމަތް ހޯދި ހުރިހާ ކަސްޓަމަރުންނަށް ފައިސާ އަނބުރާ ދޭން ހުށަހަޅާފައެވެ.
އެގޮތުން މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުން ފެށިގެން މާޗް މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށް އެ ރެސްރޯޓެން ޚިދުމަތް ހޯދި 4000 އަށް ވުރެ ގިނަ މީހުންނަށް ބަދަލު ދޭން ވަނީ ނިންމާފައެވެ. އަދި ރެސްރޯންޓުގައި ހުރި ހުރިހާ ސާމާނެއް ބަދަލުކޮށް، ސާފުކޮށް، ޑިސްއިންފެކްޓް ކޮށްފައިވާ ކަމަށް ރެސްޓޯރެންޓުން ވަނީ ބުނެފައެވެ.
އެ ކުދިންގެ އަމަލުތަކުން އެ ތަނުގައި ތިބި އެންމެންގެ މެދުގައި ނުތަނަވަސްކަން އުފެދި، އެ ކުދިން ވަނީ ތަނުގެ މުދަލަށާއި ހައްގަށް އަރައިގެންފައި ކަމަށްވެސް މިދިޔަ ހުކުރު ދުވަހު ޝަންހާއީގެ ކޯޓަކުން ވަނީ ނިންމާފައެވެ.
އެ ކުދިންގެ މައިންބަފައިންނަށް ބެލެނިވެރިކަމުގެ ވާޖިބު އަދާނުކުރެވިފައިވާކަން ފާހަގަކޮށް، ބަދަލު ނަގަން އަމުރުކޮށްފައިވާ ކަމަށްވެސް ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވެއެވެ.