ފެންނަ ނުފެންނަ ވޯޓު ނެގުމަށްޓަކައި އުފައްދަންޖެހޭ ގާނޫނު ހަދަން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ޖުލައި މަހުގެ ހަތްވަނަ ދުވަހު ހުށަހެޅުއްވި މި ބިލު ކޮމިޓީއަށް ފޮނުވީ އެ މަހުގެ ނުވަވަނަ ދުވަހެވެ. ކޮމިޓީން ބިލު ދިރާސާކުރި މަރުހަލާގައި ވަނީ ކުދި ބަދަލުތަކެއް ގެނެސްފައެވެ.
އޭގެ ތެރޭގައި، އާންމު ވޯޓު ނެގުމަށް މަޖިލީހަށް ލާޒިމުވާ ހާލަތްތަކުގައި އެ ވޯޓު ނެގުމަށް ކަނޑައަޅާނީ ޖަލްސާއަށް ހާޒިރުވާ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރާ ގަރާރަކުން ކަމަށް މީގެ ކުރިން އޮތް އޮތުން ބަދަލުކުރުން ހިމެނެއެވެ. އެގޮތުން، މިހާރު ބިލުގައި އޮންނާނީ، ގަރާރު ފާސްކުރާނީ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަޣުލަބިއްޔަތުން ކަމަށެވެ.
އަދި، ލޯކަލް ކައުންސިލްތައް މެދުވެރިކޮށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ކަރުދާސް ބަހާ ގޮތް ހެދުމާއި، ރާއްޖޭގެ ވަކި ސަރަހައްދަކަށް ނިސްބަތްވާ އާންމުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް އެދި ހުށަހަޅާ ތާރީޚާއި ވޯޓު ނަގާ ތާރީޚާ ދެމެދު 45 ދުވަހަށްވުރެ ކުރު މުއްދަތެއް ކަނޑައެޅުމުގެ އިޚުތިޔާރު އެ ކޮމިޝަނަށް ދޭ ގޮތަށް އިސްލާހުކުރުން ވެސް ހިމެނެއެވެ.
ބިލި ކޮމިޓީން އިސްލާހުކުރުމުގެ ކުރިން އޮތީ، ޚިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް އެދި ހުށަހަޅާ ތާރީޚާއި، ވޯޓު ނަގާ ތާރީޚާ ދެމެދު މަދުވެގެން 45 ދުވަސް އަދި ގިނަ ވެގެން 90 ދުވަހުގެ މުއްދަތުގެ ތެރޭގައި އިންތިޚާބު ބާއްވަންޖެހޭނެ ކަމަށެވެ.
ޖުމްލަ އަށް އިސްލާހެއް ބިލަށް ގެނައި މި ބިލަށް މާ ބޮޑެތި ބަދަލުތަކެއް ނުގެނެއެވެ.
ބިލު ފާސްކުރުމަށް ރިޔާސަތުން ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވި 76 މެންބަރުންގެ ތެރެއިން 64 މެންބަރަކު ބިލު ފާސްކުރަން ވޯޓު ދެއްވިއިރު، ނުފެންނަ ކަމަށް 12 މެންބަރަކު ވޯޓު ދެއްވިއެވެ.
މި ބިލު ހުށަހެޅުމުގެ ބޭނުމެއް ކަމަށް ފަލާހު ފާހަގަކުރެއްވީ އާންމު ވޯޓު ނެގޭނެ ހާލަތްތަކާއި، އެ ވޯޓު ނެގުމަށް ހުށަހަޅާ ފަރާތްތަކުގެ ދައުރާއި ޒިންމާތަކާއި، އެ ވޯޓު ނެގުމުގައި އިލެކްޝަންސް ކޮމިޝަނުން އަމަލުކުރާނެ އުސޫލުތަކާއި، އެ ނޫނަސް އާންމު ވޯޓު ނެގުމާ ގުޅޭ އެންމެހާ އުސޫލުތައް ގާނޫނެއްގައި ބަޔާންކުރުމެވެ.
އާއްމު ވޯޓު ނެގޭނެ ކަންކަން
- ރައްޔިތުންނާ ގުޅޭ މުހިންމު ކަންކަން
- ގައުމީ މުހިންމު މައްސަލަތައް
- ގާނޫނުއަސާސީގެ އަސާސީ ހައްގުތަކާއި މިނިވަންކަމާ ބެހޭ މާއްދާ
- ރައްޔިތުންގެ މަޖިލީހުގެ އުމުރު
- ރިޔާސަތުގެ ދައުރު
- ރައީސުލްޖުމްޙޫރިއްޔާ އިންތިޚާބުކުރާ ގޮތް
- ރައީސުލްޖުމްޙޫރިއްޔާ ބިލު ތަސްދީގުކުރުން
- ދިވެހިރާއްޖޭގެ ސަރަހައްދު
އެ ބިލުގައި ވަނީ މަޖިލީހުން ފާސްކުރާ ބިލެއް ރައީސުލްޖުމްޙޫރިއްޔާ ތަސްދީގުނުކުރާ ހާލަތުގައި، އެ ބިލަކަށް ރުހުން އޮތްތޯ ބެލުމަށް ވެސް އާއްމު ވޯޓެއް ނެގޭނެ ކަމަށް ބަޔާންކޮށްފައެވެ.
ފާހަގަކުރެވޭ ވަކިވަކިން ތިން އިންތިޚާބު އޮތުމުން ޚަރަދު ބޮޑުވެ އެކަމުގެ ބުރަ ދައުލަތަށާއި، އިލެކްޝަންސް ކޮމިޝަނަށް އުފުލަން ޖެހުމުގެ ކަންބޮޑުވުމުގެ ވާހަކަ މީގެ ކުރިން ދެކެވިފައިވެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ކަމަށް ހުށަހެޅުއްވި ހައްލަކީ، ރިޔާސީ އިންތިޚާބު އެއްބުރުން ނިންމައިލުމާއި މަޖިލީހާއި ރިޔާސީ އިންތިޚާބު އެކުއެކީ ބޭއްވުމެވެ. އެ މަނިކުފާނު މަސައްކަތްކުރައްވަނީ އެ ބަދަލުތައް ގެންނަން މި އަހަރު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށެވެ.