އދ. ކުޑަރަށް ރިސޯޓުގެ ވޯޓާ ވިލާއެއްގައި އަލިފާން ރޯވެ ގެއްލުންތަކެއް ލިބިއްޖެއެވެ.
މިއަދު ހެނދުނު ހިނގި މި ހާދިސާގައި ވޯޓާ ވިލާއެއް ވަރަށް ބޮޑަށް ވަނީ އަނދައިފައެވެ. "ސަން" އަށް ލިބިފައިވާ ފޮޓޯއިން ފެންނަ ގޮތުގައި މި ހާދިސާގައި ޖެހިޖެހިގެން ހުރި ދެތިން ވޯޓާ ވިލާއެއްގައި ވަނީ ރޯވެފައެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި، އެ ރިސޯޓަށް ދިޔުމަށް ފަޔަމަނުން މާލެއިން ފުރީ 11:05ހާއިރެވެ. އެހެންވެ، މި ވަގުތު އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން އަންނަނީ އެ ރިސޯޓުގެ ޓީމަކުން ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

ކުޑަ ރަށް ރިސޯޓުގައި ރޯވެފައި: ރޯވެފައި ވަނީ އެ ރިސޯޓުގެ ވޯޓާވިލާއެއްގައި ---- ފޮޓޯ/ ކިޔުންތެރިއެއް
ސޯޝަލްމީޑިއާގައި އަންނަނީ ހާދިސާގެ ވީޑިއޯއެއް ދައުރުވަމުންނެވެ. އެގޮތުން، އަލިފާން ރޯވެ، ބޮޑު ވަރަށް ބޮޑަށް ކަޅުދުން އަރާ މަންޒަރު ފެނެއެވެ.
ފޮޓޯތަކުން ފެންނަނީ ރޯވެފައިވާ ވޯޓާ ވިލާ ވަރަށް ބޮޑަށް އަނދާފައިވާ މަންޒަރެވެ. މި ހާދިސާގެ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.
ކުޑަ ރަށުގައި ރިސޯޓް ހިންގާތާ ވަރަށް ދުވަސް ވެއްޖެއެވެ. އެކި ފަހަރު މަތިން އެ ރަށުގެ މެނޭޖުމަންޓް ވަނީ ބަދަލުވެފައެވެ. އެ ރިސޯޓް ފަހުން ހުޅުވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެންއެޗް ހޮޓެލްސް އެންޑް ރިސޯޓްސްއިންނެވެ. މި ލަގްޒަރީ ރިސޯޓުގައި ޕްރައިވެޓް ޕޫލްތަކާއެކު 51 ވިލާ އާއި ސުއިޓް ހުރެއެވެ.