ބޮޑު ޚިޔާނާތުގެ ތެރެއިން 14.6 މިލިއަން ބޭނުންކުރި މީހުން ހޯދިއްޖެ، ހެކި އެބަހުރި: ނާޒިމް

މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް: އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތެރެއިން 14.6 މިލިއަން ރުފިޔާ ބޭނުންކުރި މީހުން ދެނެގަނެވިއްޖެ ކަމަށް ވިދާޅުވިއެކަމަކު ތަފްސީލެއް ނުދެއްވި -- ފޮޓޯ/ މަޖިލިސް

ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ހިނގި, ރާއްޖޭގެ ތާރީޚު ދުށް އެންމެ ބޮޑު އެއް ޚިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތެރެއިން، 14.6 މިލިއަން ރުފިޔާ ބޭނުންކުރި މީހުން ހެއްކާއެކު ހޯދިއްޖެ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވައްކަމުގެ މައްސަލަތަކުގައި ޝާމިލުވާ މީހުން ސަރުކާރުން ވަކިކޮށް ޖަލަށް ލާން ގޮވާލައްވައި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ދެއްކެވި ވާހަކައަށް ރައްދުދެއްވައި ނާޒިމް ވިދާޅުވީ، މި ސަރުކާރުން ކޮރަޕްޝަންގެ މައްސަަލަތައް ހައްލުކުރުމަށް ފިޔަވަޅު އަޅަމުން އަންނަ ކަމަށެވެ. ސިފައިންނާއި ފުލުހުންނާއި ކަރެކްޝަން ފަދަ ޔުނިފޯމް އެޅި ޚިދުމަތްތައް އޮޑިޓްކުރުމުގެ ހުއްދަ މި ސަރުކާރުން ދިނުމަކީ އޭގެ ހެއްކެއް ކަމަށް ނާޒިމް ވިދާޅުވިއެވެ.

"އެމްއެމްޕީއާރުސީގެ ފައިސާގެ ތެރެއިން 14.6 މިލިއަން ރުފިޔާ މިހާރު އަޅުގަނޑުމެންނަށް ވަނީ ފާހަގަކުރެވިފަ، އެމްއެމްޕީއާރުސީ ޚިޔާނާތުގެ ތެރެއިން 14.6 މިލިއަން ރުފިޔާ ބޭނުންކުރި ފަރާތްތައް އަޅުގަނޑުމެންނަށް މި ވަނީ ހެއްކާ ގަރީނާއާ އެއްކޮށް އެއްވެސް ޝައްކެއް ނެތް މިންވަރަށް ހޯދިފަ،" މިހެން ވިދާޅުވި ނަމަވެސް، އެއީ ކޮން ބައެއްކަން ނާޒިމް ވިދާޅެއް ނުވެއެވެ.

އިތުރަށް އޭނާ ވިދާޅުވީ، ކޮރަޕްޝަނާއި ވައްކަމުގެ މައްސަލަތަކުގައި މި ސަރުކާރުން ފިޔަވަޅު އަޅައި ބައެއް ކުންފުނިތަކުގެ އިސް ބައެއް ބޭފުޅުން ވަކިކޮށްފައިވާ ކަމަށާއި، ނަތީޖާއެއްގެ ގޮތުން ކުންފުނިތަކުން އިވޭ "ނޭދެވޭ" އަޑުތައް މެދުކެނޑިއްޖެ ކަމަށެވެ.

ނާޒިމް ވިދާޅުވިގޮތުން ނަމަ، މިހާތަނަށް ހޯދިފައި މި ވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތެރެއިން ގެއްލުނު 1.4 ބިލިއަން ރުފިޔާގެ 1.04 ޕަސެންޓު ފައިސާއެވެ. މި މައްސަލައިގައި މިހާތަނަށް ކުށް ސާބިތުވާ ކަމަށް ކޯޓުން ހުކުމްކުރީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުالله ޒިޔަތުގެ މައްޗަށެވެ. ނަމަވެސް ނިމިދިޔަ ސަރުކާރުގެ ފަހުކޮޅު އަދީބަށް މައާފުދީ، އޭރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް, ވަނީ ދޫކޮށްލައިފައެވެ.

ނަމަވެސް މި ސަރުކާރުން ވަނީ އެމްއެމްޕީއާރުސީގެ މައްސަލަ އަލުން ބަލަން ނިންމައިފައެވެ.

ފާހަގަކުރެވޭ ގޮތުގައި މި މައްސަލައިގައި ޔާމީންގެ މައްޗަށް ދެ ފަހަރު ޖިނާއީ ހުކުމެއް އިއްވިއެވެ. އެގޮތުން ފަސް އަހަރުގެ ހުކުމަކާއި 11 އަހަރުގެ ހުކުމެއް ޔާމީންގެ މައްޗަށް އިއްވިއިރު، ދެ ހުކުމް ވެސް މަތީ ކޯޓުން ވަނީ ފަހުން ބާތިލްކޮށްފައެވެ.

އޭސީސީން އެމްއެމްޕީއާރުސީގެ މައްސަލަ ތަހްގީގުކޮށް 2019 ވަނަ އަހަރު ރިޕޯޓުގައިވާ ގޮތުން، ޚިޔާނާތުގެ ސަބަބުން 1.4 ބިލިއަން ރުފިޔާ ދައުލަތަށް ގެއްލިފައިވެއެވެ. އެމްއެމްޕީއާރުސީން ދޫކުރި 57 ރަށްރަށާއި ފަޅުތަކަށް ދައުލަތަށް ލިބެންޖެހޭ 77.4 މިލިއަން ޑޮލަރުގެ ތެރެއިން ލިބުނީ 12 މިލިއަން ޑޮލަރު ކަމަށް އެ ރިޕޯޓުގައި ވެއެވެ.

comment ކޮމެންޓް