ޖަރުމަނު ބުންޑެސްލީގާގެ އާރްބީ ލެއިޕްޒިގަށް ކުޅުނު ސްލޮވީނިއާގެ ފޯވަޑް ބެންޖަމިން ސެސްކޯ އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑަށް ސޮއިކޮށްފިއެވެ.
ސެސްކޯ ޔުނައިޓެޑަށް ސޮއިކޮށްފައިވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އަދި، މި ޓްރާންސްފާގެ އަގު 73.7 މިލިއަން ޕައުންޑަށް އަރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެއީ، ޓްރާންސްފާ ފީގެ ގޮތުގައި އެއްބަސްވެވިފައިވާ 66.3 މިލިއަން ޕައުންދްގެ އިތުރުން އެހެނިހެން ކަންތައްތަކާ ގުޅިގެން ދިނުމަށް އެއްބަސްވެވިފައިވާ އަދަދުތަކާ އެކުއެވެ.
ސެސްކޯއަކީ އާ ސިޒަނާ ދިމާކޮށް ޔުނައިޓެޑުން އެ ޓީމުގެ ފޯވަޑްލައިން ވަރުގަދަކުރަން ސޮއިކުރި ފާހަގަކޮށްލެވޭ ތިންވަނަ ކުޅުންތެރިޔާއެވެ. މީގެ ކުރިން އެ ޓީމުންވަނީ މެތިއަސް ކޫންޔާ 62.5 މިލިއަން ޕައުންޑަށް އަދި ބްރަޔަން އެމްބެއުމޯ 65 މިލިއަން ޕައުންޑަށް އެ ޓީމަށް ގެންގޮސްފައެވެ. މި ތިން ކުޅުންތެރިން ވެސް ވަނީ ފިއޮރެންޓީނާއާ އެކު ކުޅުނު ރަހުމަތްތެރިކަމުގެ މެޗުގެ ކުރިން އެ ޓީމުގެ ސަޕޯޓަރުންނަށް ދައްކާލައިފައެވެ.
އުމުރުން 22 އަހަރުގެ ސެސްކޯ ގެންދިއުމަށް ޕްރިމިއާ ލީގުގެ ނިއުކާސްލް ޔުނައިޓެޑުން ވެސް މަސައްކަތްކުރިއެވެ. ނަމަވެސް، ސެސްކޯ ނިންމީ މިދިޔަ ސީޒަންގައި ލީގުގެ ފަސްވަނަ ހޯދާ ޔުއޭފާ ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދި ނިއުކާސްލްގެ ބަދަލުގައި މި ސީޒަންގައި ޔޫރަޕްގައި ކުޅުމުގެ ފުރުސަތު ނެތް ޔުނައިޓެޑަށް ސޮއިކުރާށެވެ.
ޔުނައިޓެޑަށް ސޮއިކުރުމަށް ފަހު ވާހަކަދައްކަމުން ސެސްކޯ ބުނީ، ޔުނައިޓެޑްގެ ތާރީހު ވަރަށް ޚާއްސަ ކަމަށާއި ނަމަވެސް އޭގެ އިތުރުން އޭނާގެ ސަމާލުކަން އެއަށްވުރެ ބޮޑަށް ލިބުނީ މުސްތަގުބަލަށް އެ ޓީމު ބައްޓަންކުރަން ރާވާފައިވާގޮތަށެވެ. އޭނާއަށް ކްލަބްގެ ވިސްނުން ކިޔާދިނުމާ އެކު މި ޓީމުގެ މިސްރާބު ހުރި ދިމާ ވަރަށް ރަނގަޅަށް ހާމަވި ކަމަށެވެ. އަދި، ސެސްކޯ ޔުނައިޓެޑަށް ދިޔަ ފަހުން ތަނުގެ މާހައުލާއި ޓީމުގެ ތެރޭގައި ފެންނަ ގާތް ގުޅުމުގެ ސަބަބުން އޭނާގެ ކުޅުން އިތުރު ހަރުފަތަކަށް ގެންގޮސް އޭނާ ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލުކުރަން މިއަށް ވުރެ ރަނގަޅު ކްލަބެއް ނެތްކަމުގެ އިހުސާސް ކުރެވުނު ކަމަށް އޭނާ ބުންޏެވެ.
ކުރިން 2023 ވަނަ އަހަރު ލެއިޕްޒިގަށް ސޮއިކުރި ސެސްކޯވަނީ އެ ޓީމަށް ކުޅުނު 87 މެޗުގައި 39 ލަނޑު ކާމިޔަބުކޮށްދީފައެވެ. އޭނާއަކީ ޔޫރަޕްގެ ފަސް ލީގަށް ބަލާއިރު ވެސް އުމުރުން 23 އަހަރުން ދަށުގެ ކުޅުންތެރިންތައް ބަލާލާއިރު އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިޔާއެވެ.