ސަންޑަލެންޑް އަތުން ހޯދި މޮޅާ އެކު، އަމޮރިމްއަށް ހަމަނޭވާއެއް

އިންޓަނޭޝަނަލް ބްރޭކުގެ ކުރިން މެންޗެސްޓާ ޔުނައިޓެޑު ކުޅުނު ފަހު މެޗުގައި ސަންޑަލެންޑް ބަލިކޮށް، ކޯޗު އަމޮރިމްއަށް ހަމަ ނޭވާއެއް ލައިފިއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ސަންޑަލެންޑު އަތުން މެންޗެސްޓާ ޔުނައިޓެޑު މޮޅުވެފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ޔުނައިޓެޑުގެ ފަރާތުން ކުރީގެ މެޗުތަކަށްވުރެ މޮޅު ކުޅުމެއް ދެއްކުނުއިރު، މި މެޗުގައި ޔުނައިޓެޑުގެ ދެ ލަނޑު ވެސް ފެނުނީ ފުރަތަމަ ހާފުގައެވެ. އެގޮތުން، ފުރަތަމަ ލަނޑު މެޗު ފަށައިގެން އަށްވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ މޭސަން މައުންޓެވެ. އަދި، ދެވަނަ ލަނޑު 31 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ ބެންޖަމިން ސެސްކޯއެވެ.

މި ހާފުގައި ސަންޑަލެންޑްގެ ގްރޭނިޓް ޒާކާ ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ގޯލްކީޕަރު ސެން ލެމެންސް ވަނީ ދިފާއުކޮށްފައެވެ. މެޗަށް ފަހު ވާހަކަދައްކަމުން އަމޮރިމް ބުނީ، މިއީ އޭނާއަށް އަދި މުޅި ޓީމަށް ވެސް ރަނގަޅު ނަތީޖާއެއް ކަމަށެވެ. ނަމަވެސް، ދަށް ދަނޑިވަޅުތަކެއް ފެނުނީ ކަމަށް ވެސް އަމޮރިމް ބުންޏެވެ.

ކުޅުންތެރިން ދެއްކި މޮޅު ކުޅުމަށް ތައުރީފު ހައްގުކަން ފާހަގަކޮށް އަމޮރިމް ބުނީ މެޗުން އެނގިގެދިޔައީ ކުޅުންތެރިން ތިބީ ކޯޗު ބަދަލުކުރަން ބޭނުންވާގޮތަކަށް ނޫން ކަމަށާއި ކުޅުންތެރިންގެ ބެސްޓު ދެއްކޭނަމަ ދަނޑުމަތީގައި ތަފާތު ދެއްކިދާނެ ކަމަށެވެ.

ޔުނައިޓެޑް ވަނީ މިހާތަނަށް ކުޅުނު ހަތް މެޗުން 10 ޕޮއިންޓް ހޯދައި، ކުރީގައި އޮތް ޓީމުތަކާ ފަރަގު ކުޑަކޮށްފައެވެ. އިންޓަނޭޝަނަލް ބްރޭކަށް ފަހު ޔުނައިޓެޑު ކުޅެންޖެހޭނީ ލިވަޕޫލާއެވެ. އެ މެޗު ކުޅޭނީ މިމަހުގެ 19 ވަނަ ދުވަހުގައެވެ.

comment ކޮމެންޓް