މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމުގައި ހުރި ރުބެން އަމޮރިމްއަށް މިހާރު އިތުބާރު ނުކުރާ ކަމަށާއި ޓީމު ހިންގަން އައު އިންޖީނެއް ބޭނުންވާކަމަށް އެ ޓީމުގެ ކުރީގެ ތަރި ވޭން ރޫނީ ބުނެފިއެވެ.
ޔުނައިޓެޑުގެ ދަށް ހާލަތާއި ގުޅޭގޮތުން ރޫނީ މި ވާހަކަތައް ދައްކާފައިވަނީ ބީބީސީން ގެނެސްދޭ ޝޯއެއްގެ ތެރެއިންނެވެ. ރޫނީ ވަނީ މިހާރު އޮތް ޓީމާއި ކޯޗިން ސްޓާފުންނަށް ބޮޑު ބަދަލުތަކެއް އަންނަންޖެހޭ ކަމަށް ބުނެފައެވެ. އަދި މިހާރު އޮތް ހާލަތުން ރަނގަޅު ނަތީޖާއެއް ނެރެވިދާނެ ކަމަށް ގަބޫލުނުކުރާކަމަށް ވެސް ބުންޏެވެ.
ރޫނީ ބުނީ މިހާރު ޔުނައިޓެޑު ކުޅެނީ އެއްވެސް ވަރަކަށް މޮޅުވުމުގެ ރޫހެއް އޮވެގެން ނޫން ކަމަށެވެ. އަދި ކުޅުންތެރިންގެ ވިސްނުން ވެސް ހުރީ މެޗުން މޮޅުވުމުގެ ބަދަލުގައި ބަލިވާނެކަމަށް ވިސްނައިގެން ކަމަށާއި އެއީ ޓީމު އޮތް ނާޒުކު ހާލަތު އަންގައިދޭ ކަމެއް ކަމަށެވެ.
މެޗަކަށްފަހު މެޗެއް ޓީމުގެ ހާލަތު އެނގެމުންދާއިރު، ރޫނީ ބުނީ ޓީމުގެ ފަރާތުން ޕޮޒިޓިވްކޮށް ކަމެއް ނުފެންނަ ކަމަށެވެ.
ޔުނައިޓެޑަށް ރިކޯޑު އަދަދަކަށް ގޯލު ޖަހައިދީ، އެ ޓީމާއެކު ފަސް ފަހަރު ޕްރިމިއާ ލީގު ހޯދައިދިން ރޫނީ ވަނީ ބައެއް ކުޅުންތެރިންނަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެގޮތުން ޓީމުގައި މިހާރު ތިބި ބައެއް ކުޅުންތެރިންނަކީ ޔުނައިޓެޑުގެ ޖާރޒީ ލާން އެންމެ އެކަށޭނެ ކުޅުންތެރިން ނޫންކަމަށް ބުނެފައެވެ.
މީގެއިތުރުން ކުލަބަށް އައު އިންޖީނެއް ބޭނުންވާކަން ފާހަގަކޮށް ރޫނީ ބުނީ ސަޕޯޓަރުންގެ އުންމީދަކީ ވެސް ކުލަބަށް ރަނގަޅު ނަތީޖާއެއް ނެރެވޭނެ ދަނޑިވަޅެއް ކަމަށެވެ.
މިއީ 74-1973 ވަނަ އަހަރުގެ ސީޒަނުގައި އެ ކްލަބު ޕްރިމިއާ ލީގުން ރެލިގޭޓް ވި ފަހުން އެ ޓީމަށް ލިބިފައިވާ އެންމެ ދަށް ނަތީޖާއެވެ. މި ސީޒަނުގެ މިހާތަނަށްވެސް އެ ޓީމު އޮތީ ވަރަށް ފަހަތުގައެވެ.