ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގައި, އޭގެ އަސަރު އިގްތިސާދު ތަކަށް ވެސް ވަރަށް ބޮޑަށް ކުރަމުން ދާ ދަނޑިވަޅެއްގައި, ސުލްހައާ މެދު މަޝްވަރާ ކުރެއްވުމަށް, އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު, ޔޫރަޕުގެ ގައުމެއް ކަމަށްވާ ހަންގޭރީއަށް ވަޑައިގެންފިއެވެ.
އދ. ގެ އާއްމު މަޖިލީހުގެ ރައީސްކަން ކުރައްވާފައިވާ ޝާހިދު އިއްޔެ ވަނީ، ހަންގޭރީގެ ފޮރިން މިނިސްޓަރު ޕީޓާ ސިހާޓޯ އާ ބައްދަލު ކުރައްވައިފައެވެ.
ޝާހިދު "އެކްސް"ގައި ލިޔުއްވާފައިވާ ގޮތުގައި، ހަންގޭރީގެ ވެރިރަށް ބުޑަޕެސްޓުގައި އިއްޔެ އޮތް މި ބައްދަލުކުރެއްވުމުގައި ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތައް ހިމެނޭހެން އެކި މައުޟޫއުތަކާ މެދު ދެ ބޭފުޅުން މަޝްވަރާކުރައްވާފައި ވެއެވެ.
"ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ހިނގަމުންދާ އެކި ހަމަނުޖެހުންތައް ހިމެނޭހެން އަޅުގަނޑުމެން އެކި މައުޟޫއުތަކާ މެދު މަޝްވަރާކުރިން، އަދި ސުލްހަ މިހާރަށް ވުރެ ކޮންމެހެން މުހިންމުކަމަށް އަޅުގަނޑުމެން އެއްބަސްވަން،" ޝާހިދު ލިޔުއްވާފައިވެއެވެ.
ފާހަގަކުރެވޭ ގޮތުގައި ސިހާޓޯ ރަސްމީ ދަތުރެއްގައި ރާއްޖެ ވަޑައިގަތީ މީގެ ގާތްގަނޑަކަށް ތިން އަހަރުކުރިން ނޮވެމްބަރު 9، 2022ގައެވެ. އެ ދަތުރުގައި ހަންގޭރީން ރާއްޖެއަށް ދެމުން އަންނަ ސްކޯލާޝިޕްގެ އަދަދު 15 އިން 25 އަށް އިތުރުކުރުމަށް ދެ ގައުމުން ސޮއިކުރިއެވެ. ހަންގޭރީއަކީ ދިވެހީން ކިޔެވުމަށް ގޮސް އުޅޭ ގައުމެކެވެ.
ޝާހިދަކީ މި ވަގުތު ރާއްޖޭގައި ތިއްބެވި ސިޔާސީ ބޭފުޅުންގެ ތެރެއިން ހާރިޖީ ދާއިރާއިން އެންމެ ތަޖުރިބާކާރު އެއް ބޭފުޅާއެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓް ހޯއްދެވުމަށް ޝާހިދު މަސައްކަތް ކުރައްވާ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.