ބޮލީވުޑްގެ އެކްޓަރު ސަލްމާން ޚާނަށް މި ފަހަކަށް އައިސް މަރުގެ އިންޒާރުތައް ދޭ މިންވަރު އިތުރުވުމާ އެކު އެކްޓަރުގެ އިތުރުން އާއިލާގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ވަރަށް ގިނަ ކަންކަން ވަނީ ކޮށްފައެވެ.
އޭގެ ތެރޭގައި އެކްޓަރުގެ ސެކިއުރިޓީ އިހުނަށްވުރެ ވަރުގަދަކުރުމުގެ އިތުރުން އަމިއްލައަށް ހަތިޔާރު ގެންގުޅުމުގެ ޚާއްސަ ހުއްދައެއް ކަމާބެހޭ އިދާރާތަކުން ހޯދާ ބުލެޓް ޕްރޫފް ކާރުތަކުގައި ދަތުރުކުރުމުގެ އިތުރުން ސަލްމާން މުމްބާއީގައި ދިރިއުޅޭ ގެލެކްސީ އެޕާޓްމަންޓްގެ ބެލްކަނީ ބުލެޓް ޕްރޫފް ބިއްލޫރިން ފަރުދާކޮށްލުން ހިމެނެއެވެ.
ސަލްމާން ދެކިލުމަށް ގެލެކްސީ އެޕާޓްމަންޓް ކައިރިއަށް ގިނަ ބަޔަކު އެއްވާތީ އެ އެޕާޓްމަންޓްގެ ބެލްކަންޏަކީ އާއްމުންނާ ސަލާމްކޮށްލުމަށް އާއްމުކޮށް ސަލްމާން ނުކުމެ ހުންނަ ތަނެވެ. ބައެއް ފަހަރު ސަލްމާނާ އެކު އެކްޓަރުގެ ބައްޕަ އަދި އާއިލާގެ ބައެއް މެންބަރުން ވެސް ސަލްމާންގެ ސަޕޯޓަރުންނަށް ފެނިލުމަށް މި ބެލްކަންޏަށް ނުކުމެއެވެ.

ސަލްމާން ޚާން ދިރިއުޅޭ ގެލެކްސީ އެޕާޓްމަންޓް ދޮށަށް އެއްވެފައިތިބި ސަޕޯޓަރުންނާ ސަލާމްކުރަން އެކްޓަރު ނުކުމެފައި--ފޮޓޯ/އިންޑިއަންއެކްސްޕްރެސް
އެހެންވެ، ގިނަ ބަޔަކަށް ހީކުރެވުނީ ވެސް އެ ބެލްކަނީގައި ބުލެޓް ޕްރޫފް ބިއްލޫރި ހަރުކުރީ ސަލްމާނާއި އާއިލާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށެވެ. ނަމަވެސް، ދާދިފަހުން ބޮލީވުޑް ބަބްލްއަށް ދިން އިންޓަވިއުއެއްގައި ސަލްމާން ބުނީ، ގެލެކްސީ އެޕާޓްމަންޓްގެ ބެލްކަނީ ބްލެޓް ޕްރޫފްކުރަން ޖެހުނީ މުޅިން އެހެން ސަބަބަކާ ހެދި ކަމަށެވެ.
ސަލްމާނާ ބައްދަލުކުރުމަށްޓަކައި އެކްޓަރުގެ ސަޕޯޓަރުން ވަރަށް ގިނައިން އެ އެޕާޓްމަންޓްގެ ބެލްކަންޏަށް ފުންމައިގެން އަރާކަން އެ އެޕާޓްމަންޓްގެ ސެކިއުރިޓީންނަށް ވަނީ ފެނިފައި ކަމަށާއި އޭގެ ތެރެއިން ބައެއް މީހުން ބެލްކަނީގައި ނިދަން ތިއްބާ ފެނިފައި އެބަހުރި ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.
އެހެންވެ، ގެލެކްސީ އެޕާޓްމަންޓްގައި ބުލެޓް ޕްރޫފް ބިއްލޫރި ހަރުކުރީ ހަގީގަތުގައި ސަޕޯޓަރުންގެ ރައްކާތެރިކަމަށްޓަކައި ކަމަށް ސަލްމާން ވަނީ ބުނެފައެވެ. މީގެ އިތުރުން، އެފަދަ މީހުންގެ ފަރާތުން ސަލްމާނާ އެކު ދިރިއުޅޭ އާއިލާ މެންބަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ވެސް އެޕާޓްމަންޓްގައި ބުލެޓް ޕްރޫފް ބިއްލޫރި ހަރުކުރި އެއް ސަބަބު ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.
މިދިޔަ އަހަރުގެ އޭޕްރިލް މަހު ތެރޭ ސަލްމާން ދިރިއުޅޭ ގެލެކްސީ އެޕާޓްމަންޓްގެ ފާރަށް ބަޔަކު މީހުން ވަނީ ބަޑީގެ ހަމަލާތަކެއް ދީފައެވެ. އެ ހަމަލާގައި ސަލްމާނަށް އަދި އެކީގައި އުޅޭ އެއްވެސް ފަރާތަކަށް ގެއްލުމެއް ލިބިފައި ނެތް ނަމަވެސް އެކްޓަރަށް ލިބުނު މަރުގެ އިންޒާރުތައް ދިޔައީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.
އެގޮތުން، މުމްބާއީގެ ޓްރެފިކް ބަލަހައްޓާ ފުލުހުންގެ ހޮޓްލައިންތަކަށް ސަލްމާނަށް ރައްދުކޮށް މަރުގެ އިންޒާރުތައް އެކި ފަހަރު މަތިން ވަނީ ލިބިފައެވެ. ހަމައެއާ އެކު ސަލްމާންގެ ގާތް ރަހުމަތްތެރިއެއް ކަމަށްވާ އިންޑިއާގެ ކުރީގެ ސިޔާސީ ލީޑަރު ބާބާ ސިއްދީގީއަށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުތެރޭ ބަޑީގެ ހަމަލާދީ މަރާލުމާ ގުޅިގެން ސަލްމާންގެ ސެކިއުރިޓީ އިހުނަށްވުރެ ވަރުގަދަކުރީ ވެސް އެ ދަނޑިވަޅުގައި މަރުގެ އިންޒާރުތަކެއް އެކްޓަރަށް ލިބުމުންނެވެ.
ސަލްމާނަށް ލިބޭ މަރުގެ އިންޒާރުތަކުގެ ޒިންމާ އިންޑިއާގެ މަޝްހޫރު އަދި ނުރައްކާތެރި ގޭންގެއް ކަމަށްވާ ބިޝްނޯއި ގޭންގުން ނަގާފައިވާއިރު އެ ގޭންގު ލީޑަރު ލޯރެންސް ބިޝްނޯއީ މިހާރު ވެސް އިނީ ފުލުހުންގެ ބެލުމުގެ ދަށުގައި ޖަލަށް ލެވިފައެވެ.