ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ވެސް މިނިވަންކަމެއް ނެތް ކަމަށާއި މިނިވަން ފަނޑިޔާރުގެއެއްގެ އުންމީދު ނަގާލީ މި ހިނގާ 20 ވަނަ ރައްޔިތުންގެ މަޖިލީހުން ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.
ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމަށް ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުالله ހިލްމީ ހުށަހެޅުއްވި ބިލަށް ބަހުސްކުރައްވަމުން މީކާއީލް ވިދާޅުވީ، މި ބިލުން ދޭހަވަނީ ފަނޑިޔާރުންގެ އަހުލާގާއި ސުލޫކާއި ފަނޑިޔާރުން އުޅެން ވާނެ ގޮތް އެނގެން ޖެހޭ ހަމައެކަނި ތަނަކީ ޖޭއެސްސީކަން އެކަނި ކަމަށެވެ.
މި ވަގުތު ދިވެހިރާއްޖޭގައި މިނިވަން ފަނޑިޔާރުގެއެއް ނެތް ކަމަށާއި އެކަން ރައްޔިތުންގެ މަޖިލީހަށް މިއަދު ބެލިޔަސް ސާފު ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން، މީކާއީލް ވިދާޅުވީ އެންމެ މެންބަރެއްގެ އިޝާރާތަކުން ބާކީ ތިބި މެންބަރުން ބަހުސްކުރައްވަން ފަސްޖެހިވަޑައިގަންނަވާ މަންޒަރު ފެންނަ ކަމަށެވެ.
"ޕާލަމެންޓަރީ ގްރޫޕެއްގެ މެންބަރުން ވާހަކަދައްކަން ވެސް ފަސްޖެހޭ މަންޒަރު އަޅުގަނޑުމެންނަށް ފެނިގެން ދާތީ އަޅުގަނޑުމެންނަށް ސާފުވަނީ ރައްޔިތުންގެ މަޖިލީހުގައި ވެސް މިނިވަންކަމެއް ނެތްކަން، އަދި އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގައި ވެސް މިނިވަންކަމެއް ނެތްކަން،" އޭނާ ވިދާޅުވިއެވެ.
"ދިވެހިރާއްޖޭން މިނިވަން ފަނޑިޔާރުގެއެއްގެ އުންމީދު ނައްތާލީ މި ރައްޔިތުންގެ މަޖިލީހުން،"
މީކާއީލް ވިދާޅުވި ގޮތުގައި މަޖިލީހުގެ މެންބަރުންގެ މިނިވަންކަމާއި ހައްގުތަކާއި އިހުތިޔާރު "ވެއްޔާ މޮޑެލި" ދުވަހު ރާއްޖެއާއި ފަނޑިޔާރުގެއާއި މަޖިލީހުގެ މިނިވަންކަން ހިނގައްޖެއެވެ.
ހަމަ އެހެންމެ ފަނޑިޔާރުގެތަކާއި އަދުލު އިންސާފުގެ ބާރުގެ ކަންކަން ހިނގާގޮތުގެ މައްޗަށް ވާގިވެރިވެ، ބެލެނިވެރިވުމުގެ ޒިންމާ ރައްޔިތުންގެ މަޖިލީހާ މަތިކުރެވިފައިވާކަން ފާހަގަކުރައްވައި މީކާއީލް ވިދާޅުވީ، މަޖިލީހުން ނަގަން ޖެހޭ ގޮތަށް ޒިންމާ ނުނެގުމުގެ ސަބަބުން ފަނޑިޔާރުން ސަސްޕެންޑުކޮށް ވަކިކޮށްފައިވާ ކަމަށެވެ. މި ވާހަކައިގައި މީކާއީލް އިޝާރާތްކުރައްވާފައި ވަނީ ސުޕްރީމް ކޯޓުގެ ކުރީގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރާލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ވަކިކުރި މައްސަލައަށެވެ.
އެ ދެ ފަނޑިޔާރުން ވަކިކުރި އަސްލު ސަބަބު މަޖިލީހަށް ވެސް ސަރުކާރަށް ވެސް، އަދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ވެސް އަދި ބުނެނުދެވޭ ކަމަށް މީކާއީލް ވިދާޅުވިއެވެ.
ނަމަވެސް، ހަމަ މި ބިލަށް ބަހުސްކުރައްވަމުން އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވީ، އަޒްމިރާލްދާއާއި މަހާޒު ވަކިކުރީ ސުލޫކީ މައްސަލަ ހުރެގެން ކަމަށާއި ސަރުކާރުގެ ނުފޫޒެއް އެ ނިންމުމުގައި ނެތް ކަމަށެވެ.