އެންމެ ބުއްދިވެރި ގޮތަކީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާނެ ބަޔަކު ވެސް ޓެންޑާކޮށްގެން ހޯދުން ކަމަށާއި، އެއާލައިނަކުން އެތަން ހިންގައިފިނަމަ، ލިބޭނެ ފައިދާ ބޮޑުވެދާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ސަރުކާރުން އުޅެނީ، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު އިންޑިއާގެ އަދާނީ ގުރޫޕަށް ވިއްކަން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ ވިދާޅުވެފައެވެ. ނަމަވެސް، އެއީ ހަގީގަތެއް ނޫން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވަނީ ވިދާޅުވެފައެވެ.
ހަނިމާދޫ އެއާޕޯޓުގެ ވާހަކަ ހޫނުވެފައިވާ ދަނޑިވަޅެއްގައި، ޓޫރިޒަމް އިންޑަސްޓްރީގެ ބޭފުޅުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަކަށް ނަޝީދު ފޮނުއްވި މެސެޖެއްގައިވަނީ އެންމެ ބުއްދިވެރި ގޮތަކީ އެ އެއާޕޯޓު ވެސް އަދި އެ ނޫން ވިޔަފާރިތައް ވެސް ޕްރައިވެޓު ސެކްޓަރުން ހިންގުން ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވާ ގޮތުގައި ޕްރައިވެޓް ސެކްޓަރަކީ ދިވެހީންތޯ ނުވަތަ ބޭރު ބައެއްތޯ ބަލަން ރަނގަޅުވާނީ އޯޕަން ޓެންޑާއަކުން ސަރުކާރަށް އެންމެ ފައިދާބޮޑު ބައެއް ހޯދައިގެންނެވެ.
"ހަނިމާދޫ އެއާޕޯޓު ހިންގުމަށް ވެސް އެންމެ ރަނގަޅުވާނީ ޓެންޑާކޮށްގެން ބައެއް ހޯދުން. އެއާލައިން އަކުން ހިންގައިފިނަމަ ލިބޭނެ ފައިދާ ބޮޑުވެދާނެ. އިތުރަށް ދަރަނިވެރި ވެގެން ލޯންތައް ދައްކަން އުޅުމަށްވުރެން އަތުގައި ހުރި އެއްޗަކުން ކުއްޔަށް ދީގެން އެ ފައިސާ ހޯދއިއްޖެނަމަ، ރާއްޖެއަށް ކުރާނެ ފައިދާ ވަރަށް ބޮޑުވާނެ ކަމަށް ފެންނަނީ" އެ މަނިކުފާނު ވިދާޅުވިއެވެ.
އެ މަނިކުފާނުގެ ވެރިކަމުގައި 2010ވަނަ އަހަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގުމަށް 25 އަހަރަށް ޖީއެމްއާރާ ހަވާލުކުރިއެވެ. އެ އެއްބަސްވުން ބާތިލް ކުރީ، ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި ނޮވެމްބަރު، 27، 2012 ގައެވެ.
ޖީއެމްއާރަށް އެއާޕޯޓު ހިންގަން ދިންނަމަ، މިއަދު ދެ ބިލިއަން އެމެރިކާ ޑޮލަރުގެ ދަރަންޏެއް ރާއްޖެއިން ދައްކަން ނުޖެހޭނެކަމަށް އެމަނިކުފާނުގެ މެސެޖުގައި ވެއެވެ. އޭރުން އައު ޓާމިނަލް އޮޕަރޭޓުކުރާތާ މިހާރު 10 ވަރަކަށް އަހަރުވާނެ ކަމަށާއި، އެ ކަމުން ސަރުކާރަށްވާ ފައިދާ ކުޑަނުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރަނީ 2019 ވަަ އަހަރު ކުރީ ސަރުކާރުގައި، އިންޑިއާގެ އެގްޒިމް ބޭންކާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކުރި 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންއެއްގެ ދަށުންނެވެ.
ރާއްޖޭގެ އެންމެ އުތުރުގައި ރިޒޯޓުތަކާއި ގެސްޓްހައުސްތައް ހުރިނަމަ ވެސް، އެ ފަދަ ބޮޑެތި ވިޔަފާރިތަކަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދަތުރުފަތުރަށް ކުރަންޖެހޭ ހޭދަ މާ ބޮޑުވުމެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ނިމި, ބޭރު ފްލައިޓްތަކުގެ ދަތުރުތައް ގަވާއިދުން ބާއްވަން ފެށުމުން މި ގޮންޖެހުންތަކަށް ހައްލު ލިބޭނެ ކަމަށް އެ ރަށު ރައްޔިތުން އުއްމީދުކުރެއެވެ.