ބޭއަދަބީ ފޮޓޯ އާއި ޖުވާގެ މައުލޫމާތު ދިން ކޮމެޓީ ފުލުހުން އެދިގެން ސިއްރުކޮށްފި

ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނަރު އަބްދުﷲ ޝަރީފް: އޭނާގެ އެދިވަޑައިގަތުމަށް މިއަދުގެ މަޖިލިސް ކޮމެޓީ ވަނީ ސިއްރުކޮށްފައި-- ސަން ފޮޓޯ: އިބްރާހީމް ނާއިޟް

ސޯޝަލް މީޑިއާގައި ދިވެހީން އާންމު ކުރާ ބޭއަދަބީ ޕޯސްޓްތަކާއި ފައިސާ އިންވެސްޓުކޮށްގެން މަންފާ ހޯދާ ޕިރަމިޑް ސްކީމްތަކާއި ޖުވާ ކުޅޭ އެކިއެކި ޕްލެޓްފޯމްތަކާއި އެހެނިހެން ސްކޭމްގެ މައްސަލަތައް ބަލަން ރައްޔިތުންގެ މަޖިލީހުން މިއަދު ބޭއްވި ކޮމެޓީ, ފުލުހުންގެ އެދުމުގެ މަތިން ސިއްރު ކޮށްފިއެވެ.

ބަދުއަހުލާގީ އެކިއެކި ކަންކަން ކުރުމާއި އޮޅުވާލައިގެން އެކިއެކި ސްކީމްތަކާއި ސްކޭމްތައް ހިންގުމަކީ ރާއްޖޭގައި ވަރަށް އާއްމު ވެފައިވާ, އަދި ގިނަ ބަޔަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަކަށްވާއިރު, މަޖިލީހުގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކޮމިޓީން މި މައްސަލަތައް ބަލަން ނިންމީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ.

https://www.sun.mv/207654

މިއަދު ހެނދުނު 10:30 ގައި ބޭއްވި އެ ކޮމެޓީއަށް މި މައްސަލައިގެ މައުލޫމާތު ހޯދުމަށް ވަނީ އެމްއެންޑީއެފް އާއި ފުލުހުންގެ އިތުރުން ކޮމިއުނިކޭޝަން އޮތޯރިޓީގެ އިސް ބޭފުޅުން ހާޒިރު ކުރައްވައިފައެވެ.

ކޮމެޓީ ފެށުމުގެ ގޮތުން ވާހަކަ ދައްކަވަމުން މުގައްރިރު, މިލަންދޫ ދާއިރާގެ ޕީއެންސީގެ މެންބަރު ހަސަން މުފީދު ވަނީ މިފަދަ މައްސަލަތައް ކިހާ ވަރަކަށް ހުށަހަޅާތޯ ސުވާލު ކުރައްވައިފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނަރު އަބްދުﷲ ޝަރީފް ވިދާޅުވީ ފުލުހުންނަށް މި ޒާތުގެ އެކިއެކި މައްސަލަ ހުށަހަޅާ ކަމަށާއި އަދި ފުލުހުން އިސްވެވެސް މިފަދަ މައްސަލަތައް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިފަދަ ކަންކަން ކުރާ މީހުން ހޯދައި ހައްޔަރު ކޮށްގެންވެސް ތަހުގީގުތައް ކުރިއަށް ގެންދާ ކަމަށް, އޭނާ ވިދާޅުވިއެވެ.

އިތުރު ސުވާލަށް ދެއްވި ފުރުސަތުގައި, މައްޗަންގޮޅި އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު އިބްރާހިމް މުޙައްމަދު (އިއްބެ), ވަނީ މިފަދަ މައްސަލަތަކުގެ ހާލަތު އޮތްގޮތާއި އެކަން ހުއްޓުވުމަށް މަޖިލީހުން ކޮށްދޭންވީ ކޮން ކަމެއްތޯ ސުވާލު ކުރައްވައިފައެވެ.

އެ ސުވާލު ނިމުމާއެކު އެސިސްޓެންޓް ކޮމިޝަނަރު ޝަރީފް ވަނީ އަތުން އިޝާރާތް ކުރައްވައި, ފުރުސަތަކަށް އެދިވަޑައިގެންފައެވެ. އެއަށް ފަހު އޭނާ ވިދާޅުވީ މި މައްސަލަތަކުގައި ދައްކަން ހުރި ވާހަކަތަކުގެ ގޮތުން ކޮމެޓީ ސިއްރު ކޮށްދޭން އެދޭ ކަމަށެވެ.

"އަޅުގަނޑުމެން ކުރިއަށް ދައްކަން ހުރި ވާހަކަތަކުގެ ގޮތުން އަޅުގަނޑުމެން ކުރާ މަސައްކަތުގައި ހުރެދާނެ ފަހަރެއްގައި އެހެން ފަރާތްތަކަށް އެނގެން ބޭނުން ނުވާ ވާހަކަތަކެއް އަޅުގަނޑުމެން ދައްކަން ޖެހިދާނެ," ޝަރީފް ވިދާޅުވިއެވެ.

"އެހެންކަމުން އަޅުގަނޑު, މުގައްރިރުގެ އިޒުނައާ އެއްކޮށް. އަދި އަޅުގަނޑުމެންގެ އެހެން ބޭފުޅުންގެ ވެސް އިޒުނައާ އެއްކޮށް އަޅުގަނޑު ރިކުއެސްޓްކުރަން ލައިވް ނުކުރެވޭނެ ގޮތެއް ހަދައިދިނުން."

އޭނާ އެ ގޮތަށް ވިދާޅުވުމާއެކު ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން އިމްރާން ލަތީފް ވަނީ ކޮމެޓީ ސިއްރު ކުރަން ހުށަހަޅުއްވައިފައެވެ. އަދި އެ ހުށަހެޅުއްވުމަށް މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް ތާއީދު ކުރެއްވެވިއެވެ.

އެ ހުށަހެޅުމަށް ނެގި ވޯޓުން ޕީއެންސީގެ މެޖޯރިޓީ އޮތް މުޅި ކޮމެޓީއަށް އިއްތިފާގު ވެވުނީ ކޮމެޓީ ސިއްރު ކުރާށެވެ. އެއަށްފަހު އެ ކޮމެޓީ ކުރިއަށް ގެންދިޔައީ ސިއްރު ކޮށްގެންނެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރާ އެކިއެކި ކުށްތަކުގެ މައްސަލަތައް މަޖިލީހުން ބަލަން ފެށީ އެފަދަ މައްސަލަތައް ބޮޑުވެފައި އޮތް ދަނޑިވަޅެއްގައެވެ.

މި ފަހުން އެންމެ ހޫނުވި އެއް މައްސަލައަކީ ޖެމްކިއު އިންވެސްޓްމެންޓް ސްކީމް (ޖީއެމްސީއީ) ޕިރަމިޑް ސްކީމްގެ މައްސަލައެވެ. އެ ސްކީމުން ފައިސާ ނެގޭނެ ގޮތެއް ނެތިފައި ވަނިކޮށް އެ ސްކީމް ހުއްޓާލާފައިވަނީ މިދިޔަ މަހުގެ ފަހުކޮޅެވެ. އެ ސްކީމަށް 41،500 އަށްވުރެ ގިނަ ދިވެހީން ވަނީ މިލިއަނުން އިންވެސްޓްކޮށްފައިވެއެވެ. އޭގެ ތެރެއިން ގިނަ ފައިސާ ގެއްލިފައިވާއިރު އަނބުރާ ލިބޭނެ ކަމުގެ ޔަގީންކަމެއް ވެސް ނެތެވެ.

comment ކޮމެންޓް