ގޮތް ނޭނގޭ ޓްރާންސެކްޝަނެއް ހިންގައި، މަކަރާއި ހީލަތުން ލައްކައަކާ ގާތްކުރާ އަދަދަކަށް ރުފިޔާ އަތުލި ކަމުގެ ތުހުމަތުގައި ޒުވާން ދެ ދިވެއްސަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ، ޓެލެގްރާމް ގުރޫޕަކުން ދިމާވި މީހަކު ފޮނުވި ލިންކަކަށް ވަދެ އޯޓީޕީ ކޯޑު ހިއްސާކުރުމުން، ގޮތް ނޭންގޭ ޓްރާންސެކްޝަނެއް ހިންގައި، މަކަރާއި ހީލަތުން އޭނާގެ އެކައުންޓުން 92،000 ރުފިޔާ އަތުލި މައްސަލައެއް މިދިޔަ ހޯމަ ދުވަހު ލިބުނު ކަމަށެވެ.
އެ މައްސަލައިގެ ތަހުގީގުގެ ތެރެއިން ކުރެވުނު މަސައްކަތުން ފައިސާ ޖަމާކޮށްފައިވާ އެކައުންޓުގެ ވެރިފަރާތާއި، އެ ކަމުގައި ބައިވެރިވި އިތުރު މީހަކު ހޯދައި ހައްޔަރުކޮށްފައިވާ ކަމަށް، ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން މިދިޔަ އަންގާރަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ ފައިންޕާކް / ހއ. ހޯރަފުށި، އުމުރުން 23 އަހަރުގެ މުޙައްމަދު ފަޒީލާއި ފައިންބީޗް / ގދ. ފިޔޯރީ، އުމުރުން 23 އަހަރުގެ އަބްޝަރު ރަޝީދު ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ކޯޓު އަމުރުގައިވާ ގޮތުން، އޭގެ ތެރެއިން ފަޒީލަކީ ކުށުގެ ރެކޯޑު އޮންނަ މީހެކެވެ.
ފުލުހުން ބުނީ އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
ފުލުހުން ވަނީ، ސްކޭމްތަކުން ރައްކައުތެރިވުމަށްޓަކައި ގޮތް ނޭނގޭ ލިންކުތަކަށް ނުވަނުމަށާއި، އޯޓީޕީ ހިއްސާނުކުރުމަށާއި، އޮންލައިންކޮށް ވިޔަފާރިކުރާއިރު މުއާމަލާތްކުރާ ފަރާތުގެ ސައްހަކަން ކަށަވަރުކުރުމަށާއި ޒާތީ މައުލޫމާތާއި ކާޑުގެ ތަފުސީލުތައް އެހެން ފަރާތްތަކާ ހިއްސާނުކުރުމަށް އިލްތިމާސްކުރަމެވެ.